ދުނިޔެ / ބަންގްލަދޭޝް

ބަންގްލާދޭޝްގެ މުޒާހަރާގައި އެއް ދުވަހުން 77 މަރު

ބަންގްލާދޭޝްގައި ކުރަމުންޒާ މުޒާހަރާގައި މިއަދު މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ: މިއަދަކީ މުޒާހަރާގައި އެންމެ ގިނަ މީހުން މަރުވި ދުވަސް. -- ފޮޓޯ: އޭއެފްޕީ

04 އޯގަސްޓް 2024 - 21:54

2 comments

ބަންގްލާދޭޝްގައި ސިވިލް ސާވިސް ވަޒީފާ ދިނުމުގައި އަމަލުކުރާ އުސޫލާ ދެކޮޅަށް ފެށި މުޒާހަރާތައް ލޭ އޮހޮރުވުމަކަށް ބަދަލުވެފައި ވާއިރު މިއަދަކީ އެއް މުޒާހަރާގައި އެންމެ ގިނަ މީހުން މަރުވި ދުވަސް ކަމަށް ވެއްޖެ އެވެ.

ބޮޑުވަޒީރު ޝައިޚް ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ވެފައިވާ މި މުޒާހަރާތައް މެދުކަނޑާލުމަށް ފަހު އަލުން ފެށުމާ އެކު ހިނގި ކުރިމަތިލުންތަކުގައި މިއަދުގެ މިހާތަނަށް 77 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ. އެއާ އެކު މުޒާހަރާގެ ބައިވެރިން މިހާރު ގޮވަމުން ދަނީ 76 އަހަރުގެ ހަސީނާގެ އިސްތިއުފާއަށެވެ.

މިއަދު މަރުވި 77 މީހުންގެ ތެރެއިން 14 މީހުންނަކީ ފުލުހުން ކަމަށް ވަނީ ބުނެފަ އެވެ. ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއަށް، ސަރުކާރަށް ތާއީދުކުރާ މީހުންގެ ވަދެ އެއްބަޔަކު އަނެއް ބަޔަކަށް ލަކުޑިބުރިންނާއި ވަޅިން ހަމަލާދެމުން ދާއިރު ސަލާމަތީ ބާރުތަކުން ދަނީ ބަޑި ވެސް ޖަހަމުންނެވެ.

މުޒާހަރާގެ ބައިވެރިންތަކެއް ލަކުޑިބުރި ހިފައިގެން މަގުމަތީގައި: ސަރުކާރާ ދެކޮޅު މީހުންނާއި ސަރުކާރަށް ތާއީދުކުރާ މީހުން ވެސް ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދެމުން. -- ފޮޓޯ: އޭއެފްޕީ

މިދިޔަ މަހު ފެށި މުޒާހަރާގައި، މިއަދު މަރުވި މީހުންނާ އެކު މިހާރު ވަނީ މަރުވި މީހުންގެ އަދަދު 283 އަށް އަރައިފަ އެވެ.

ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީފައި ވާއިރު ފުލުހުންގެ މަރުކަޒަކަށް ވަދެގަނެ އެތަނަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.

"މި 'ޓެރަރިސްޓުން' ޕޮލިސް ސްޓޭޝަނަށް ވަދެ ހަމަލާދީ 11 ފުލުހަކު މަރާލި،" ޑެޕިއުޓީ އިންސްޕެކްޓަ ޖެނެރަލް ބިޖޯއީ ބަސަކް ވިދާޅުވި އެވެ.

ބޭރަށް ނުކުމެ އުޅުން މަނާކޮށް މުޅި ގައުމުގައި ކާފިއު ހިންގާފައި ވިޔަސް މުޒާހަރާގެ ބައިވެރިން އެކަމަށް އިޖާބައެއް ނުދެ އެވެ. ވެރިރަށް ޑާކާގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި އިރުއޮއްސުނު ފަހުން ވެސް މެދުނުކެނޑި ދަނީ ބަޑީގެ އަޑު އިވެމުންނެވެ.

ބަންގްލާދޭޝްގެ މުޒާހަރާގެ ތެރެއިން މިއަދު އިމާރާތެއްގައި ރޯކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ

ފުލުހުންނާއި ހޮސްޕިޓަލްތަކުން ދިން މައުލޫމާތަށް ބަލާއިރު ޑާކާގައި އެކަނި ވެސް 12 މީހަކު މިއަދު މަރުވި އެވެ. މީގެ ތެރެއިން އެތައް ބަޔަކު މަރުވެފައިވަނީ ބަޑީގެ ހަމަލާތަކުގަ އެވެ. ބަންގްލާދޭޝްގެ އިރުއުތުރުގައި އޮންނަ ސިރަޖްގަންޖްގައި ވެސް 18 މީހަކު ވަނީ މަރުވެފަ އެވެ.

މި ހުރިހާ ކަމެއް ހިނގަމުން ދާއިރު އިންޓަނެޓާއި މޯބައިލް ފޯނުގެ ހިދުމަތް ވަނީ މުޅި ގައުމުގައި ވަރަށް ބޮޑަށް ލިމިޓްކޮށްފަ އެވެ.

"މިއީ ފަހު މުޒާހަރާ"

މިދިޔަ މަހު މުޒާހަރާކުރި އިރު ސިފައިންނާއި ފުލުހުން ވެސް މުޒާހަރާގެ ބައިވެރިންނަށް އެއްވެސް ފުރުސަތެއް ނުދީ ކުރިމަތިލި ނަމަވެސް މިއަދު ކިތަންމެ ސަރަހައްދެއްގައި ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ދޫކޮށްލައިފަ އެވެ.

ބަންގްލާދޭޝްގައި ވަރަށް ބޮޑު އިހުތިރާމެއް ލިބިފައިވާ، ސިފައިންގެ ކުރީގެ ވެރިއަކު ވަނީ ސިފައިންނާއި ފުލުހުން މަގުތަކަށް ނުނެރުމަށާއި މުޒާހަރާއަށް ފުރުސަތު ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ.

ޑާކާގައި މުޒާހަރާކުރި މީހުން ސިފައިންގެ ކާރެއްގެ މައްޗަށް އަރައި ގައުމީ ދިދަ ވިހުރުވަމުން ދިޔައިރު އެތަނަށް އެތައް ސަތޭކަ ބަޔަކު ޖަމާވެ އުފާ ފާޅުކުރިތަން ވެސް ފެނިފައިވެ އެވެ.

މުޒާހަރާ ކޮންޓްރޯލްކުރުމަށް ފުލުހުން ކަރުނަ ގޭސް ޖަހަނީ. -- ފޮޓޯ: އޭއެފްޕީ

މުޒާހަރާއާ ގުޅިގެން ސަރުކާރުން އަމަލުކުރި ގޮތުން މަދަނީ ބަސްނޭހުމަކަށް ދާން ދަރިވަރުން ގޮވާލާފައި ވާއިރު މި ހަރަކާތުގެ އެއް ލީޑަރު ކަމަށްވާ އާސިފް މަހްމޫދު ވަނީ މާދަމާ އެންމެން ޑާކާ އަށް ޖަމާވުމަށް ގޮވާލައިފަ އެވެ.

"އެންމެ ފަހު މުޒާހަރާގެ ވަގުތު މިހާރު ވަނީ ޖެހިފައި،" އޭނާ ބުންޏެވެ.

މިދިޔަ މަހު މުޒާހަރާތައް ފެށުމާ އެކު ސިފައިން ނުކުމެ ވަރަށް އަވަހަށް މުޒާހަރާތައް ހުއްޓުވައި އާންމު ހާލަތަކަށް ކަންކަން ގެންދިޔަ އެވެ. އެކަމަކު މިފަަހަރު ގިނަ ބަޔަކު މަގުތަކަށް ނުކުމެ ސަރުކާރު ހުއްޓުމަކަށް ގެންނާނެ ކަމުގެ އިންޒާރާ އެކު މުޒާހަރާ ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

މަގުތަކުގައި އެއްބަޔަކު އަނެއްބަޔަކު ހަމަލާދެމުން ދާއިރު އޭއެފްޕީއާ ވާހަކަ ދެއްކި ބައެއް ފުލުހުން ބުނީ މަގުތައް ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި މިހާރު މުޒާހަރާ ކުރަނީ ސިވިލް ސާވިސް ވަޒީފާގެ ކޯޓާ ކަނޑައަޅާ ގޮތާ ހެދި ނޫން ކަމަށް ބުނެފައިވެ އެވެ. -- އޭއެފްޕީ

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަސް

05 August 2024

ބަންގްލާދޭޝްގަ ހަމަނުޖެހުން ފެށުނު ސަބަބަކީ ވަކި ބައެއްގެ ދަރިފަސްކޮޅަށް އެހެންމީހުނަށް ވުރެ ދަރަޖަ މަތިވެ ވަކިކަންތަކެއް އެމީހުނަށް ޚާއްސަކުރުން. މިގައުގަ އޮތީވެސް ހަމަ އެފަދަކަމެއް. ވަކިރަށެއްގެ މީހުނަށް މުޅި ގައުމުގެ ވަސީލަތްތަށް ދީ ހުސްކުރުން.

The name is already taken The name is available. Register?

މާލެމީހާ

06 August 2024

ވަރަށް ސަލާމް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454