ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް އަނިޔާވެރިކޮށް ރޫޅާލަން މަސައްކަތްކުރި މައްސަލައިގައި، ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އަވާމީ މުސްލިމް ލީގުގެ އިސް ހަތް ލީޑަރަކު މަރަން ޣައިރު ހާޒިރުގައި އިއްޔެ ހުކުމްކޮށްފި އެވެ.
މަރުގެ ހުކުމް އައި މީހުންގެ ތެރޭގައި ކުރީގެ ދެ ވަޒީރަކު ވެސް ހިމެނެ އެވެ.
މަގާމުން ދުރުކުރި ހަސީނާގެ އަވާމީ ލީގުގެ ހަތް މީހުންގެ މައްޗަށް ސާބިތުވެފައިވަނީ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމާއި، މީހުން މެރުމާއި، އަދި މީހުން މެރުމަށް ހިތްވަރުދީ އެކަމަށް ބާރުއެޅުމުގެ ކުށެވެ. މި މީހުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އުބައިދުލް ގާދިރާއި، ކުރީގެ މިނިސްޓަރު މުހައްމަދު އަލީ އަރަފާތު ހިމެނެ އެވެ. މި މީހުންގެ މައްޗަށް ހުކުމް އިއްވެވީ ފަނޑިޔާރު ނަޒްރުލް އިސްލާމް ޗައުދަރީ ރިޔާސަތު ބެލެހެއްޓެވި ތިން ފަނޑިޔާރުންގެ ޓްރައިބިއުނަލަކުންނެވެ.
"މި ހުކުމާމެދު އަހަރެމެން އުފާކުރަން،" ޕްރޮސެކިއުޓަރު މުހައްމަދު އަމީނުލް އިސްލާމް ވިދާޅުވި އެވެ.
އދ. އިން ބުނެފައިވާ ގޮތުގައި، ދަރިވަރުން އިސްނަގައިގެން ހިންގި މުޒާހަރާތައް ހުއްޓުވަން ހަސީނާގެ ސަރުކާރުން މަސައްކަތްކުރި އިރު، 2024 ވަނަ އަހަރުގެ ޖުލައި އަދި އޯގަސްޓް މަހާ ދެމެދު 1,400 އެއްހާ މީހުން މަރުވެފައިވެ އެވެ.
ހަސީނާގެ 15 އަހަރުވީ ހަރުކަށި ވެރިކަން 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ނިމުމަކަށް އައުމާ އެކު އޭނާ ވަނީ ހެލިކޮޕްޓަރެއްގައި ގަނޑުވަރުން ފިއްލަވައިގެން އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފަ އެވެ. އޭނާ އަދިވެސް އުޅުއްވަނީ އިންޑިއާގަ އެވެ. ހަސީނާގެ ޣައިރު ހާޒިރުގައި ވެސް ވަނީ ދަންޖައްސައި މަރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުކުމްކޮށްފަ އެވެ.
ދައުލަތުން އައްޔަންކުރި ދިފާއީ ވަކީލު އެމް ހަސަން އިމާމް ވިދާޅުވީ، އެ ހަތް މީހުންނަކީ ސީދާ މީހުން މެރުމުގެ އަމަލުތަކުގައި ބައިވެރިވެފައިވާ މީހުން ނޫން ކަމަށާއި، މަރުގެ އަދަބަށްވުރެ ކުޑަ އަދަބެއް ދެވެން އޮތް ކަމަށެވެ.
"އެމީހުން ސީދާ މީހުން މެރުމުގައި ބައިވެރިއެއް ނުވޭ، އެ މީހުންގެ މައްޗަށް ކުށް ސާބިތުވީ އެ މީހުންގެ ސަޕޯޓަރުންނާ އެކީ އުޅުނު އެކްޓިވިސްޓުންގެ އަމަލުތަކުގެ ސަބަބުން،" އޭނާ ވިދާޅުވި އެވެ.
އަނެއް ފަސް މީހުންނަކީ އޭއެފްއެމް ބަހާއުއްދީން ނަސީމް، ޝައިޚް ފަޒްލޭ ޝަމްސް ޕަރާޝް، މައިނުލް ހުސައިން ޚާން ނިކިލް، ސައްދާމް ހުސައިން އަދި ޝައިޚް ވަލީ އާސިފް އިނާން އެވެ. މީގެ އިތުރުން، މި މީހުންގެ ތެރެއިން ފަސް މީހެއްގެ މުދަލުގެ ދެބައިކުޅައެއްބައި، އިހުތިޖާޖުތަކުގައި މަރުވި އަދި އަނިޔާވި މީހުންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި ދިނުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަންގާރަ ދުވަހު އިއްވި މި ހުކުމާ އެކު، 2024 ވަނަ އަހަރުގެ އިހުތިޖާޖުތަކާ ގުޅިގެން ކުށް ސާބިތުވި މީހުންގެ ޖުމްލަ އަދަދު ވަނީ 68 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 22 މީހަކަށް މަރުގެ އަދަބު ދީފައިވާއިރު، ބަންދުގައި ތިބީ އެންމެ ހަތަރު މީހުންނެވެ.
ހަސީނާ ވަނީ އެ ކޯޓުގެ އަމުރުތަކާއި އިހުތިސާސް ގަބޫލުކުރަން ދެކޮޅު ހައްދަވައިފަ އެވެ. ހަސީނާ މަގާމުން ދުރުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިހާބު ފެބްރުއަރީ މަހު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި ބޮޑުވަޒީރު ތާރިގު ރަހުމާންގެ ސަރުކާރުން ވަނީ ހަސީނާ އަނބުރާ ގައުމަށް ފޮނުވާލުމަށް އިންޑިއާގެ ކިބައިން އެދިފަ އެވެ. މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް، އުމުރުން 78 އަހަރުގެ ހަސީނާ ވިދާޅުވެފައިވަނީ އަންނަ ޑިސެމްބަރު މަހު އަމިއްލަ އިހްތިޔާރުގައި ބަންގްލަދޭޝަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ. -- އޭއެފްޕީ