ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި މުޒާހަރާތަކާ ގުޅިގެން އިސްތިއުފާ ދެއްވުމަށް ފަހު ގައުމު ދޫކުރައްވައި އިންޑިއާއަށް ވަޑައިގެން ފިއްލެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އަނބުރާ ފޮނުވާނުލަނީސް ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހުމާން އިންޑިއާއަށް ވަޑައިނުގަންނަވާނެ ކަމަށް ބުނެފި އެވެ.

ހަސީނާގެ ސަރުކާރު ވައްޓާލި ލޭއޮހޮރުވުން ބޮޑު މުޒާހަރާތަކަށްފަހު، އިންޑިއާ އާއި ބަންގްލާދޭޝްގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގިކަމުގެ ކުށް ސާބިތުވެ، ހަސީނާގެ މައްޗަށް ބަންގްލަދޭޝްގައި މަރުގެ ހުކުމް އިއްވާފައިވާއިރު، އޭނާ އަނބުރައި ގައުމަށް ފޮނުވައިދިނުމަށް ބަންގްލާދޭޝް އިން ވަނީ ތަކުރާރުކޮށް އެދިފަ އެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ އޮފިޝަލް އޭކޭއެމް. ޝާހިދުލް ކަރީމް ވަނީ އަންނަ ހަފުތާގައި ރަހުމާން އިންޑިއާއަށް ވަޑައިގެންފާނެ ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި އެފަދަ ޒިޔާރަތަކަށް އެކަށީގެންވާ މާހައުލެއް އުފެދެންޖެހޭ،" ކަރީމް ނޫސްވެރިންނަށް ވިދާޅުވި އެވެ.

"މިކަމަށްޓަކައި، ޝައިހް ހަސީނާ އާއި ފިލައިގެން އުޅޭ އެހެން ކުށްވެރިން އަނބުރައި ގައުމަށް ފޮނުވައިދިނުމުގެ މަސައްކަތް އަވަސްކުރުމަށް އަޅުގަނޑުމެން ވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން ބުނެފައިވަނީ ބަންގްލަދޭޝްގެ އެކްސްޓްރަޑިޝަން ހުށަހެޅުން "ބަލަމުންދާ" ކަމަށެވެ.

ފެބްރުއަރީ މަހު މަގާމާ ހަވާލުވެވަޑައިގެންނެވި ރަހުމާން ވަނީ މެލޭޝިއާ އާއި ޗައިނާއަށް މިހާރު ވަޑައިގެންފަ އެވެ. މިއީ ބަންގްލަދޭޝްގެ ވެރިން އެ ބޭފުޅުންގެ ފުރަތަމަ ރަސްމީ ދަތުރުގައި އިންޑިއާއަށް ވަޑައިގަތުމުގެ އާދަކާދައާ ހިލާފު ނިންމެވުމެކެވެ.

ނަމަވެސް ބަންގްލަދޭޝްގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ދިނޭޝް ތުރިވެދީ މިދިޔަ ހަފުތާގައި ރަހުމާންއާ ބައްދަލުކުރެއްވުމާ ގުޅިގެން، ދެ ގައުމުގެ ގުޅުމަށް ކުރިއެރުމެއް އަތުވެދާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ރަހުމާން އިންޑިއާއަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސަތާ ބެހޭގޮތުން ބަންގްލަދޭޝް އާއި އިންޑިއާގެ އޮފިޝަލުން ފާއިތުވި ހަފުތާތަކުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ކަރީމް ވިދާޅުވި އެވެ.

"ނަމަވެސް، އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއްގެ ކުށް ސާބިތުވެފައިވާ ކުށްވެރިއަކަށްވެ ހުރެ، ޝައިހް ހަސީނާ މީޑިއާތަކުގައި ފާޅުގައި ދައްކަވަމުންދާ ވާހަކަތަކުގެ ސަބަބުން މި މަރުހަލާއަށް ވަނީ ހުރަސްއެޅިފައި،"އޮފިޝަލް ވިދާޅުވި އެވެ.

ގޮށްމުށުގެ ބާރުން 15 އަހަރު ވަންދެން ވެރިކަންކުރި ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ހަސީނާ ވަނީ ޖަލަށް ލިޔަސް، އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.