އިންސާނިއްޔަތާ ހިލާފް އަމަލު ހިންގި ކަމުގެ ކުށުގައި މަރުގެ ހުކުމެއް އިއްވާފައިވާ، ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ ކޯޓަށް ހާޒިރުވެވަޑައިނުގެން އިންޑިއާގައި އުޅުއްވަމުން ސިޔާސީ ތަގުރީރެއް ދެއްވުމުން ބަންގްލާދޭޝް ރުޅިގަދަވެއްޖެ އެވެ. 

އޯގަސްޓް 2024 ގައި، ދަރިވަރުންގެ މުޒާހަރާތަކާ އެކު ހަސީނާ، 78، ގެ ވެރިކަން ނިމުމަކަށް ގެނައުމާ އެކު އިންޑިއާއަށް ވަޑައިގެން އުޅުއްވަމުން އެކި ބަޔާންތައް ނެރުއްވާފައިވެ އެވެ. ނަމަވެސް ހުކުރު ދުވަހު ވަނީ ޕްރެސް ކްލަބެއްގައި ހަސީނާގެ އޯޑިއޯ ތަގުރީރެއް އިއްވައިފަ އެވެ. 

އެކި ދައުވާތަކާ ގުޅިގެން ކޯޓަށް ހާޒިރުވާން އަމުރު ނެރެފައި ވިޔަސް އިންޑިއާގެ ހިމާޔަތުގައި އުޅުއްވާ ހަސީނާ ދަންޖައްސައި މެރުމަށް ނޮވެމްބަރު މަހު ވަނީ ހުކުމްކޮށްފަ އެވެ. 

"ސަރުކާރާއި ބަންގްލާދޭޝްގެ ރައްޔިތުން ވެސް ވަނީ [ތަގުރީރަށް ފުރުސަތު ދިނުމުން] ހައިރާންވެ ސިހުން ލިބިފައި،" ބަންގްލާދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ. 

"އެ އިވެންޓް އިންޑިއާގެ ވެރިރަށުގައި ބާއްވަން ފުރުސަތު ދީ، އެތައް ބައެއްގެ ގާތިލެއް ކަމަށްވާ ހަސީނާގެ ފިތުނަވެރި ވާހަކަތަކަށް ފުރުސަތު ދިނުމަކީ ބަންގްލާދޭޝްގެ ސަރުކާރަށް ކުޑައިމީސްކޮށް ޖެއްސުންކުރުން."

ހަސީނާ އެގޮތަށް ވާހަކަ ދައްކަން ފުރުސަތު ދިނުމުން އިންޑިއާ އާއި ބަންގްލާދޭޝްގެ ގުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. 

ހަސީނާ ތަގުރީރު ދެއްވާފައި ވަނީ އޭނާގެ ވެރިކަމަށް ފަހު ބާއްވާ ފުރަތަމަ އިންތިހާބު، އަންނަ މަހުގެ 12 އަށް ތާވަލްކޮށް ކެމްޕެއިން ފަށާފައި ވަނިކޮށެވެ. ހަސީނާގެ ތަގުރީރުގައި ވިދާޅުވީ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސްގެ ލީޑަޝިޕެއްގައި ބަންގްލާދޭޝްގައި އިންސާފުވެރި އިންތިހާބެއް ދުވަހަކު ވެސް ނުބޭއްވޭނެ ކަމަށެވެ. 

ހަސީނާގެ މި ތަގުރީރު އިއްވި އިވެންޓް އޮންލައިންކޮށް 100،000 އަށް ވުރެ ގިނަ މީހުން ބެލި އެވެ. 

ބަންގްލާދޭޝް އިން ވަނީ ހަސީނާ އެ ގައުމާ ހަވާލުކޮށްދިނުމަށް އިންޑިއާގައި ރަސްމީކޮށް އެދިފަ އެވެ. އެކަމަކު އެ ހުށަހެޅުމަށް އިންޑިއާއިން ޖަވާބެއް ނުދެ އެވެ. -- އޭއެފްޕީ