ލަންކާ އަށް ކުރަމުންދާ ވިއްސާރާގައި އާދިއްތަ ދުވަހު ކޮލަމްބޯ އަށް ވަނީ 128 މިލިމީޓަރުގެ ވާރޭ ވެހިފައި. --ފޮޓޯ: އޭއެފްޕީ
16 މެއި 2016 - 01:22
ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 7،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ ސެންޓަރުން ބުނެފި އެވެ. އަދި 97 އާއިލާއެއްގެ 422 މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ވިއްސާރައިގައި ލަންކާ އިން މިހާތަނަށް ވަނީ ދެ މީހުން މަރުވެފަ އެވެ. ހޮނިހިރު ދުވަހުން ފެށިގެން ލަންކާ އަށް ދަނީ މެދުނުކެނޑި ބޯކޮށް ވާރޭ ވެެހެމުންނެވެ. އިއްޔެ ވެސް ވަނީ ވެރިރަށް ކޮލަމްބޯ އަށް 128 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި ކޮލަމްބޯގެ އެއްގަމު ދަތުރު ފަތުރަށް ވަނީ ބުރޫއަރައިފަ އެވެ. ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނީ މިއީ އެ ގައުމުގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްރެޝާގެ ބާރުގަދަވެެގެންދާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވެ އެވެ. ލަންކާގެ ނޯތު، ނޯތު ސެންޓްރަލް، ނޯތު ވެސްޓަން ޕްރޮވިންސް އަށް 150 މިލިމީޓަރަށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކޮށްފައިވެ އެވެ. ނޭޝަނަލް ބިލްޑިން ރިސާޗް އޮގަނައިޒޭޝަނުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ކުރުނެގަލަ، ރަތުނަޕޫރާ، ކެންޑީ އަދި ނޫރަލިޔާ ފަދަ ސިޓީތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ލަންކާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ވިއްސާރައާ ގުޅިގެން އާއްމުން ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެެ. އަދި ސިފައިން ވެސް މިހާރު ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy