ކޮލަމްބޯ (މެއި 28) - ސްރީ ލަންކާގައި ފެންބޮޑުވެ ބިންގަނޑު ފޭބުމުން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރަން އުޅުނު ސިފައިންގެ މީހަކު ހެލިކޮޕްޓަރުން ވެއްޓި މަރުވެއްޖެ އެވެ.

އުމުރުން 37 އަހަރުގެ ސިފައިންގެ މީހާ ވައިއެމްއެސް ޔަޕަރަތުނާ ވެއްޓުނީ ވާގަނޑު ޖަހައިގެން މީހަކު ހެލިކޮޕްޓަރަށް ނަގަނިކޮށެވެ. ސިފައިންގެ މީހާ ވެއްޓުނު އިރު ހެލިކޮޕްޓަރު ދަތުރު ކުރަމުން ދިޔައީ ވަރަށް ތިރިން، 25 ފޫޓް އުހުންނެވެ.

ސިފައިންގެ މީހާ މަރުވީ ވެއްޓިގެން ލިބުނު ޒަޚަމްތަކަށް ގޯލުގެ ކަރަޕިތިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމަށް ލަންކާ ސިފައިންގެ ހެލިކޮޕްޓަރުތައް ދަނީ ބޭނުން ކުރަމުންނެވެ. ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމުން އެއްގަމު މަގުން އެހީ ފޯރުކޮށްދޭން ވަނީ ދަތިވެފަ އެވެ.

މިދިޔަ ހަފުތާގައި ލަންކާ އަށް ކުރި ގަދަ ވިއްސާރައިގައި ބިންގަނޑު ފޭބުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ. އަދި ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.