ފަލަސްތީނާއި ލުބްނާނުގައި އިޒްރޭލުން ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރުތަކަށް ފަހު އީރާނުން އަނެއްކާވެސް އިޒްރޭލަށް އަމާޒުކޮށް ގިނަ އަދަދެެއްގެ މިސައިލް ފޮނުވާލައިފި އެވެ.
މިކަން އީރާންގެ ގައުމީ މީޑިއާ އާއި އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
އިޒްރޭލުން ބުނި ގޮތުގައި 100 އަށް ވުރެ ގިނަ މިސައިލް އިޒްރޭލަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށް ބެލެވެ އެވެ.
އީރާންގެ މަދަދު ލިބޭ، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އާއި އެ ޖަމާއަތުގެ އިސް އެތައް ބަޔަކު އިޒްރޭލުގެ ހަމަލާތަކުގައި އަވަހާރަކޮށްލުމާ އެކު އީރާނުން އޮތީ ރައްދު ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
ހަމަލާތައް ފެށުމާ އެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އީރާންގެ މިސައިލްތައް އިންޓަސެޕްޓްކޮށް އިޒްރޭލު ދިފާއުކުރުމުގެ މަސައްކަތް ފެށުމަށް ސިފައިންނަށް އަންގައިފަ އެވެ.
އީރާނުން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް އިޒްރޭލަށް އެތައް ސަތޭކަ މިސައިލަކާއި ޑްރޯނުން ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު އިޒްރޭލުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގެ 99 ޕަސެންޓް އިންޓަސެޕްޓްކޮށް އެ ހަމަލާތައް ނާކާމިޔާބުކޮށްލެވުނެވެ.
އެކަމަކު މިހާތަނަށް އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމްތަކަށް އިންޓަސެޕްޓް ނުކުރެވުނު އެތައް ހަމަލާއެއް އިޒްރޭލުގެ އެކި ހިސާބުތަކަށް ވަނީ ފޯރައިފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ މިފަހަރުގެ ހަމަލާތަކުގެ ވެސް ބޮޑު ބައެއް އިންޓަސެޕްޓްކޮށް ނާކާމިޔާބުކޮށްލެވިފައިވާ ކަމަށެވެ. އިޒްރޭލުގެ އިމަޖެންސީ ސާވިސް އިން ބުނީ ހަމަލާތަކުގައި ދެ މީހަކަށް އާދައިގެ އަނިޔާތަކެއް ލިބުން ފިޔަވައި މީހަކަށް ގެއްލުމެއްވި ކަމުގެ ރިޕޯޓެއް އަދި ނެތް ކަމަށެވެ. އެއާ އެކު އިޒްރޭލުން މިހާރު ވަނީ އާންމުން ރައްކާތެރިކަން ހޯދަން ވަދެ ތިބި ތަންތަނުން ނުކުތުމުގައި މިހާރު ނުރައްކަލެއް ނެތް ކަމަށް ވެސް ބުނެފަ އެވެ.
ޖޯޑަން އިން ބުނީ އެ ގައުމުގެ ވައިގެ ސަރަހައްދު ތެރެއިން އިޒްރޭލާ ދިމާލަށް ދިޔަ މިސައިލްތަކާއި ޑްރޯންތަކާ ދެކޮޅަށް އެ ގައުމުގެ ވައިގެ ދިފާއުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އީރާނުން ދިން ހަމަލާތަކާ އެކު، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ފަލަސްތީނުގެ ޣައްޒާގައި ފެށި ހަމަލާތައް އިތުރަށް ފުޅާވެ ނުރައްކާވެދާނެ މިފަދަ އަމަލުތައް ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.