08 ޖެނުއަރީ 2025 - 05:55
ފޭސްބުކް އަދި އިންސްޓަގްރާމްގެ ކޮންޓެންޓް މޮޑަރޭޓްކުރަން "މިނިވަން" ބަޔަކާ ހަވާލުކޮށްގެން ކުރަމުން އައި މަސައްކަތުގެ ނަތީޖާ ގޯސްކަމަށް ފެންނާތީ އެކަން ހުއްޓާލަން ނިންމައިފި އެވެ.
ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވީ ތާޑް-ޕާޓީ މޮޑަރޭޓަރުން ވަރަށް ބޮޑަށް ވަކި އަތަކަށް ޖެހިފައި ތިބޭ މައްސަލަ ބޮޑު ކަމަށާއި ހިޔާލު ފާޅުކުރުމަށް އެކަމުގެ ސަބަބުން ހުރަސްއެޅޭ ކަމަށެވެ. އެހެންވެ މިއީ އަލުން އެނބުރި، ހިޔާލު ފާޅުކުރުމުގެ އަސްލަށް ރުޖޫއަވާންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.
ޒަކަބާގް ނިންމެވީ ފެކްޓް-ޗެކް ކުރާ މީހުން ދޫކޮށްލުމަށް ފަހު މިހާރު އެކްސްގައި އަމަލުކުރާ އުސޫލުން ކޮންޓެންޓުގައި ކޮމިއުނިޓީ ނޯޓް ހިމެނޭ ގޮތް ހަދާށެވެ. އެއީ އެ ކޮންޓެންޓަކީ ހަގީގަތާ ހިލާފް އެއްޗެއް ކަމަށް އެހެން މީހުން އެކަމާ ގުޅޭ ގޮތުން ހާމަކުރާ މައުލޫމާތާއި ހަގީގަތް އެ ޕޯސްޓަކާ އެކު ފެންނަ ގޮތަށް ހެދޭ ފީޗާއެކެވެ.
ފޭސްބުކްގެ މައި ކުންފުނި، މެޓާގެ ހެޑް އޮފް ގްލޯބަލް އެފެއާޒްގެ މަގާމަށް ސަ ނިކް ކްލެގްގެ ބަދަލުގައި ވަޑައިގަންނަވާ ޖޮއެލް ކަޕްލާން ލިޔުއްވާފައިވާ ގޮތުގައި އެ ކުންފުނިން މިނިވަން މޮޑަރޭޓަރުންނަށް ބަރޯސާވުމަކީ "ހެޔޮ ނިޔަތުގައި" ކުރި ކަމެއް ނަމަވެސް ގިނަ ފަހަރަށް އެކަމުގެ ނަތީޖާ އަކީ ފޭސްބުކް ބޭނުންކުރާ މީހުން ސެންސަރުވުމެވެ.
ނަމަވެސް ނަފްރަތު އުފެއްދުމާ ދެކޮޅަށް ކެމްޕެއިން ކުރާ ފަރާތްތަކުން ވަނީ މެޓަގެ މި ނިންމުމާ މެދު ހިތާމަކުރާ ކަމަށް ބުނެފަ އެވެ.
ފޭސްބުކް އަދި އިންސްޓަގްރާމްގައި ކޮމިއުނިޓީ ނޯޓް ލެވޭ ގޮތް އެންމެ ފުރަތަމަ ހަދަން ނިންމާފައިވަނީ އެމެރިކާގަ އެވެ. ޔޫރަޕްގެ ގައުމުތަކަށް އަދި މި ބަދަލު ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލު
08 January 2025
ހުޅަނގުގެ ހިޔާލުފާޅޫ ކުރުމުގެ މިނިވަންކަމަކީ މުނާފިގު ދެފުއްދެގޮތް ކަމެއް