ދުނިޔެ / ހިތުގެ ބަލި

ޓައިޓޭނިއަމް ހިތެއްގައި 100 ދުވަހު ދުނިޔޭގައި

އޮސްޓްރޭލިއާ މީހެއްގެ ހަށިގަނޑުގައި ބޭނުންކުރި ވައްތަރުގެ އާޓިފިޝަލް ހިތް: މީގެ ހިތެއްގައި އެ މީހާ ވަނީ 100 ދުވަސް ހޭދަކޮށް އޭގެ ފަހުން އާ ހިތެއް ލައްވައި ފުރާނަ ސަލާމަތްކޮށްފައި.

13 މާޗް 2025 - 10:56

ހިތް ފެއިލްވެ ބަދަލުކުރަން ޖެހުނު އޮސްޓްރޭލިއާ މީހަކަށް ހިތެއް ލިބެންދެން ޓައިނޭނިއަމް ހިތެއްގައި 100 ދުވަހު ދުނިޔޭގައި ހުރެ އާޓިފިޝަލް ހިތެއްގައި އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރި މީހާގެ ރެކޯޑް ލިބިއްޖެ އެވެ.

އުމުރުން 40 އަހަރުގެ މި މީހާ އަށް މިދިޔަ ނޮވެމްބަރު މަހު އާޓިފިޝަލް ހިތެއް ލެއްވީ ސިޑްނީގެ ސެއިންޓް ވިންސެންޓް ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނެއްގަ އެވެ. މިދިޔަ ފެބްރުއަރީ މަހު އޭނާ އެ ހިތާ އެކު ހޮސްޕިޓަކުން ދޫކޮށްލުމުން އޭނާ ވެފައި ވަނީ އާޓިފިޝަލް ހިތަކާ އެކު ހޮސްޕިޓަލުން ޑިސްޗާޖުކުރި ފުރަތަމަ މީހާއަށެވެ.

މޯނާޝް ޔުނިވާސިޓީގެ ސެއިންޓް ވިންސެންޓް ހޮސްޕިޓަލާއި، މޮނާޝް ޔުނިވާސިޓީ އާއި ބީވަކޯ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހިތް ފެއިލްވެފައިވާ މީހާ އަށް ހިތެއް ލިބެންދެން އާޓިފިޝަލް ހިތާ އެކު އުޅުމަށް ފަހު މިހާރު ހިތް ބަދަލުކޮށްފައިވާ ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މިއީ އާޓިފިޝަލް ހިތް އިންސާނުންގެ ހަށިގަނޑުގައި މިހާރު ބޭނުންކުރާ ވަރަށްވުރެ ގިނަ ދުވަހު ބޭނުންކޮށް ސިއްހީ ކަންކަމުގައި މިހާރަށްވުރެ ކާމިޔާބުކަމާ އެކު ބޭނުންކުރެވިދާނެ ކަމުގެ އުންމީދު އާކޮށްދިން ކާމިޔާބީއެއްގެ ގޮތުގައި އަންނަނީ ފާހަގަކުރަމުންނެވެ.

އޮސްޓްރޭލިއާ މީހާގެ ހަށިގަނޑުގައި ބޭނުންކުރި އާޓިފިޝަލް ހިތަކީ އަދި އާންމުކޮށް ބޭނުން ނުކުރާ، ޓްރަޔަލް މަރުހަލާގައިވާ އެއްޗެކެވެ.

ހިތުގެ ބަލީގައި ބައްޕަ މަރުވުމާ ގުޅިގެން މި ޑިވައިސް އުފެއްދި، ބީވަކޯގެ ފައުންޑަރު، އޮސްޓްރޭލިއާގެ ބަޔޯއިންޖިނިއާ ޑެނިއަލް ޓިމްސް ވިދާޅުވީ އެތައް ޒަމާނެއް ވަންދެން ކުރި މި މަސައްކަތުން ކާމިޔާބީއެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ 'ޓޯޓަލް އާޓިފިޝަލް ހާޓް' އަށް އިތުބާރުކޮށް އޭގެ ބޭނުންކުރީތީ ބަލިމީހާއަށާއި އޭނާގެ އާއިލާއަށް މުޅި ޓީމުގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ. "އެ މީހުން ދެއްކި ކެރުމުގެ ސަބަބުން އިތުރު އެތައް ބަލި ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް މި ޓެކްނޮލޮޖީ ލިބުމުގެ މަގު ފަހިވެގެންދާނެ."

ބީވަކޯ ޓޯޓަލް އާޓިފިޝަލް ހާޓް (ޓީއޭއެޗް) ގައި ހުންނަނީ ހަރަކާތްކުރާ އެންމެ ބައެކެވެ. އެއީ ދަގަތްފާނުގެ ބާރުގައި އެނބުރާ ބައެކެވެ. ގިނަ ދުވަހު ބޭނުންކުރުމުން ހަލާކުވުމުގެ ފުރުސަތު ކުޑަކުރުމަށް މީގައި ވޭލް ނުވަތަ މެކޭނިކަލް ބެއަރިން ވެސް ބޭނުމެއް ނުކުރެ އެވެ.

މިއީ ފެއިލްވެފައިވާ ހިތުގެ ދެ ވެންޓްރިކަލްގެ ބަދަލުގައި، ހަށިގަނޑާއި ފުއްޕާމެއަށް ލޭ ޕަމްޕްކޮށްދޭ އެއްޗެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ހިތުގެ ބަލިތަކުގައި މުޅި ދުނިޔެއިން އަހަރަކު ގާތްގަނޑަކަށް 18 މިލިއަން މީހުން މަރުވެ އެވެ.

އެމެރިކާގެ ހެލްތު ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި 2024 ވަނަ އަހަރު ގާތްގަނޑަކަށް 3،500 މީހުން ވަނީ ހިތް ބަދަލުކޮށްފަ އެވެ. އެ އަހަރު ވެއިޓިން ލިސްޓުގައި ގާތްގަނޑަކަށް 4،400 މީހުން ތިއްބެވެ އެވެ. އެހެންވެ މި ޑިވައިސް އަކީ ހިތެއް ލިބެންދެން އިންތިޒާރުގައި ތިބެންޖެހޭ މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި ބޮޑު އެހީއަކަށް ވާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 75%
icon inlove icon inlove 25%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454