އީރާން މީހުން ހައްޖަށް ދިއުމުގެ ހުއްދަ ނުދޭން ނިންމުމުން 2016 ވަނަ އަހަރު އީރާންގައި ބަޔަކު އަޑު އުފުލަނީ: ދެ ގައުމުގެ ގުޅުން ރަނގަޅުވެ މިފަހަރު ސައޫދީ އެއާލައިނަކުން ވެސް އީރާންގެ ހައްޖުވެރިން އުފުލައިދޭނެ. -- ފޮޓޯ: އޭއެފްޕީ
19 މެއި 2025 - 05:52
އީރާނުން ހައްޖުގެ އަޅުކަން އަދާކުރާ މީހުން ސައުދީ އެއާލައިންތަކުން އުފުލުން ހުއްޓާލާފައި އޮންނަތާ 10 އަހަރު ފަހުން އަލުން ދަތުރުތައް ފަށައިފި އެވެ.
"ފްލައިނާސް އިން އީރާންގެ ހައްޖާޖީން ގޮވައިގެން އީރާންގެ އިމާމް ޚުމައިނީ އެއާޕޯޓުން ހޮނިހިރު ދުވަހު ވަނީ ދަތުރުތައް ފަށާފައި،" ސައޫދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީއަށް ވިދާޅުވި އެވެ.
ފްލައިނާސް އަކީ ކުރިން ނާސް އެއާގެ ނަމުން މަޝްހޫރުކަން ހޯދި، ސައުދީ އަރަބިއްޔާގެ ބަޖެޓް ފުރަތަމަ އެއާލައިނެކެވެ. އެ އެއާލައިނުން ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުތައް ވެސް ކުރެ އެވެ.
އީރާންގެ ހައްޖާޖީން ސައޫދީ އެއާލައިނަކުން އެންމެ ފަހުން އުފުލީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ ގައުމުގެ ގުޅުން ގޯސްވެ އެކަން އޮތީ ހުއްޓިފަ އެވެ.
އޮފިޝަލް ވިދާޅުވީ އީރާނުގެ މަޝްހަދުން ދަތުރުތައް ތައާރަފްކޮށް، އެ އެއާލައިނުން 35،000 އަށް ވުރެ ގިނަ ހައްޖުވެރިންނަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ދަތުރުތަކަކީ ވިޔަފާރީގެ ބޭނުމަށް ކުރާ ދަތުރުތަކެއް ނޫން ކަމަށާއި އެއީ ހަމައެކަނި ހައްޖުގެ އަޅުކަމަށް ކުރާ ދަތުރުތަކެއް ކަމަށެވެ.
އަލުން ސައޫދީ އެއާލައިންތަކުން އީރާންގެ ހައްޖާޖީން އުފުލަން މި ފެށީ ދެ ގައުމުގެ ގުޅުން ރަނގަޅުވާން ފަށާފައި ވަނިކޮށެވެ. ޝީއީންގެ އަޣުލަބިއްޔަތު އޮންނަ އީރާނާއި ސުންނީންގެ އަޣުލަބިއްޔަތު އޮންނަ ސައުދީ އަރަބިއްޔާއިން ވަނީ ސިޔާސީ ގުޅުން ކަނޑާލައިގެން އޮންނަތާ ހަތް އަހަރު ފަހުން ޗައިނާއިން ފަހިކޮށްދިން އެއްބަސްވުމެއްގެ ދަށުން 2023 ވަނަ އަހަރުގެ މާޗް މަހު އަލުން ގުޅުން ގާއިމުކޮށްފަ އެވެ.
ގުޅުން އެންމެ ގޯސްވި 2016 ވަނަ އަހަރު އީރާނުގެ އެއްވެސް ހައްޖާޖީއަކަށް ސައުދީ އަރަބިއްޔާއަށް އެތެރެވުމުގެ ހުއްދައެއް ނުދެ އެވެ. އޭގެ ކުރީ އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭ ފިތިބާރުވެގެން 2،300 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާގައި އީރާން މީހުން ގިނަ އެވެ.
ފަހުން އީރާން މީހުން ހައްޖަށް ދިއުމުގެ ހުއްދަ ދިން ނަމަވެސް ހައްޖު މޫސުމުގައި، އީރާނުގެ ޗާޓަރު ފްލައިޓްގައި ނޫން ގޮތަކަށް އަޅުކަމުގެ ބޭނުމަށް އީރާން މީހުންނަށް ސައޫދީއަކަށް ނުދެވެ އެވެ.
ޖޫން މަހުގެ ފުރަތަމަ ހަފުތާގައި ހައްޖުގެ އަޅުކަން ފެށުމަށް ތައްޔާރުވަމުން އަންނައިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުވެރިން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ޖަމާވާން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy