މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީ އަރަބިއްޔާ އާއި އީރާނާ ދެމެދު ގުޅުން އިތުރަށް ގޯސްވެފައި ވިޔަސް، އީރާނުގެ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް މިހާރު ގޮސްފައިވާ ކަމަށް ސައޫދީގެ ބްރޯޑްކާސްޓަރު 'އަލް އަރަބިއްޔާ' އިން ބުނެފި އެވެ.

'އެކްސް' ގައި ކުރި ޕޯސްޓެއްގައި އެ ޗެނަލުން ބުނީ، މި އަހަރުގެ ހައްޖުގެ އަޅުކަމަށް އީރާނުގެ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ވައިގެ މަގުން ސައުދީއަށް އައިސްފައިވާ ކަމަށް ސައުދީގެ ހައްޖު މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި، އީރާނުން ވަނީ އެއް މަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ސައުދީ އަރަބިއްޔާ ހިމެނޭހެން އަވަށްޓެރި ގަލްފުގެ ގައުމުތަކަށް މިސައިލާއި ޑްރޯނުން ހަމަލާދީފަ އެވެ. މި ހަމަލާތައް ހުއްޓުމަކަށް އައީ މި މަހުގެ ކުރީކޮޅު އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވި، ހަނގުރާމަ މެދުކަނޑާލުމުގެ އެއްބަސްވުމަކާ ގުޅިގެންނެވެ.

ޝިއައީންގެ އަޣުލަބިއްޔަތު އޮންނަ އީރާނާއި ސުންނީ ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން ދައްކުވައިދޭ މިންގަނޑަކަށް، ހައްޖުވެރިންނަށް އެ ގައުމަށް އެތެރެވުމަށް ދޭ ފުރުސަތު އޮންނަނީ ވެފަ އެވެ.  އީރާނުގެ ހައްޖުވެރިން މައްކާއަށް ދިއުމުގެ ފުރުސަތު ސައޫދީން 2016 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އޮތީ ހުއްޓުވައިފަ އެވެ.

ސައުދީން ޝިއައީ ދީނީ އިލްމުވެރިއެއް ކަމަށްވާ ނިމްރު އަލް-ނިމްރަށް 2016 ވަނަ އަހަރު މަރުގެ ހުކުމް ތަންފީޒުކުރުމާ އެކު، ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީއަށް ދިން ހަމަލާތަކަށްފަހު، ސައުދީން ވަނީ އީރާނާ ސިޔާސީ ގުޅުން ކަނޑާލައިފަ އެވެ. ނަމަވެސް ޗައިނާ މެދުވެރިއަކަށް ވެގެން 2023 ވަނަ އަހަރުގެ މާޗް މަހު ދެ ގައުމުން ވަނީ ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމުކޮށްފަ އެވެ.

ހަނގުރާމަ ފެށުނުފަހުން ދެ ގައުމުގެ ދެމެދުގައި ފުރަތަމަ ފަހަރަށް ރަސްމީ މުއާމަލާތެއް ހިނގާފައިވަނީ އޭޕްރީލް 9 ވަނަ ދުވަހު ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އާއި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ކުރެއްވި ފޯން ކޯލުންނެވެ. މީގެ ކުރިން މާޗް 1 ވަނަ ދުވަހު ސައުދީން ވަނީ އެ ގައުމަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ އެމްބެސެޑަރު ހާޒިރުކޮށް ނުރުހުން ފާޅުކޮށްފަ އެވެ.

ހައްޖުގެ އަޅުކަން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ފަހު ހަފުތާގައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުވެރިން މިހާރު ވެސް ސައުދީ އަރަބިއްޔާއަށް ވަނީ ޖަމާވާން ފަށައިފަ އެވެ. -- އޭއެފްޕީ