އިޒްރޭލުގެ ހަމަލާއެއްގައި ގޮއްވާލާފައިވާ އިމާރާތެއްގެ ކައިރިއަށް ބަޔަކު ޖަމާވެފައި: އިޒްރޭލުން އަލަށް ފަށައިގެން އުޅޭ ހަމަލާތަކާ އެކު ބައިނަލްއަގުވާމީ ޕްރެޝަރު ދަނީ ބޮޑުވަމުން. -- ފޮޓޯ: އޭއެފްޕީ
20 މެއި 2025 - 06:32
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި އަލުން ފެށި ވަރުގަދަ ހަމަލާތައް ހުއްޓާލައި އެހީގެ ސާމާނު ވެއްދުމުގެ ފުރުސަތު ނުދޭ ނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިނގިރޭސި ވިލާތާއި ފްރާންސާއި ކެނެޑާއިން ދީފި އެވެ.
އިޒްރޭލުން ޣައްޒާގައި އާ އޮޕަރޭޝަނެއް ފެށިކަން ހުކުރު ދުވަހު އިއުލާނުކުރުމަށް ފަހު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވަނީ މުޅި ޣައްޒާ އިޒްރޭލުގެ ކޮންޓްރޯލްގެ ދަށަށް ގެންދާނެ ކަމަށް ވެސް ބުނެފަ އެވެ. އިޒްރޭލުގެ ހިސާރުގެ ސަބަބުން މިހާރުވެސް ކާބޯތަކެތި މަދުވެ ހައިހޫނުކަން އާންމުވެފައިވާ ޣައްޒާގައި މި ފެށި އޮޕަރޭޝަންތަކާ އެކު އެތައް ގައުމަކުން ދަނީ އެކަން ކުށްވެރިކޮށް ވާހަކަ ދައްކަމުންނެވެ.
"އާންމުންނަށް އިންސާނީ އެހީ ލިބޭނެ މަގުތައް ފަހިކޮށްދިނުމާ އިޒްރޭލު ސަރުކާރުން ދެކޮޅުހަދަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފުވުމުގެ އަމަލެއް،" އިނގިރޭސި ވިލާތުގެ ސަރުކާރުން ނެރުނު، ތިން ގައުމުގެ ގުޅިފައިވާ ބަޔާނުގައިވެ އެވެ.
"ހުޅަނގު އައްސޭރީގައި [ޔަހޫދީން] އިތުރަށް އާބާދުކުރުމުގެ ކޮންމެ ޕްލޭނަކާ ދެކޮޅުހަދަން ... ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ހިމެނޭ ގޮތުން، ފިޔަވަޅު އެޅުމަށް ފަހެއް ނުޖެހޭނަން."
މި ބަޔާނަށް ފަހު ނަތަންޔާހޫ ރައްދު ދެމުން ބުނީ މި ތިން ގައުމުގެ ވެރިން އެ ދިނީ "އޮކްޓޫވަރު 7 ގެ، ނަސްލު ނައްތާލުމުގެ ހަމަލާއަށް" އިނާމެއް ކަމަށެވެ. އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމާސް އިން ދިން ހަމަލާއަށް އިޝާރާތްކޮށް ނަތަންޔާހޫ ބުނީ މިއީ އެފަދަ އިތުރު ހަމަލާތަކަށް ދައުވަތު ދިނުން ކަމަށެވެ.
ނަތަންޔާހޫ ބުނީ ހަނގުރާމައިގެ މަގްސަދު ހާސިލްވަންދެން އެކަން ކުރިއަށްދާނެ ކަމަށެވެ. އޭނާ ބުނީ ހަނގުރާމަ ކާމިޔާބުވުމަކީ ހަމާސް އިން ރަހީނުކޮށްފައިވާ އެންމެން މިނިވަންކުރުން ކަމަށެވެ.
ޔޫކޭ، ފްރާންސް އަދި ކެނެޑާގެ ބަޔާނުގައި ބުނެފައިވަނީ ޓެރަރިޒަމުން ރައްކާތެރިވެ އަމިއްލަ ދިފާއުގައި އިޒްރޭލުން ކުރާ ކަންކަމަށް އަބަދުވެސް ތާއީދުކުރަމުން އައިފައިވާނެ ކަމަށާއި އެކަމަކު މިހާރު ހިނގަމުންދާ ކަންކަމަކީ ހާލަތާ އެއްވެސް ގޮތަކުން އެކަށީގެންނުވާ ނުރަނގަޅު އަމަލުތަކެއް ކަމަށެވެ. އަދި މިފަދަ ނޭއްގާނީ ކަންކަން އިޒްރޭލުން ކުރަމުން ދާއިރު އަޅާނުލައި ބަލަން ނުތިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ މާޗް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ކާނާ އާއި ބޭސް ފަދަ އަސާސީ އެއްވެސް އެއްޗެއް ޣައްޒާއަށް ވެއްދުން އިޒްރޭލުން އޮންނަނީ މަނާކޮށްފަ އެވެ. އޮކްޓޫބަރު 7 ގެ ހަމަލާގެ ފަހުން އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާއިން 53،000 މީހުން ޝަހީދުކޮށްލާފައި ވާއިރު މިދިޔަ 24 ގަޑިއިރު ތެރޭ އެކަނި ވެސް 100 ވަރަކަށް މީހުން ޝަހީދުކޮށްލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްލާބެއްްޔާ
20 May 2025
އަރަބި މުސްލިމު ވެރިންނަށް މިވަރު ބަހެއް ބުނެލާކަށް ވެސް ނުކެރޭ؟؟ އިހަކަށްދުވަހު ނިމުނު އަރަބި ސަމިޓްގައި އިޒްރޭލާ ދިމާލަށް ހަރުކަށިކޮށް ބަހެއް ބުނީ އެތަނަށް ގޮސް ތިބި ކާފަރުން ( ޔޭއެން ގެ ރައީސް އާއި ސްޕޭން ގެ ބޮޑުވަޒީރު ).
އިއްޕަޓޭ
20 May 2025
މިފެންނަނީ ބޯއިކޮޓްތަކާއި ސޯޝަލްމީޑިއާގަ އާންމުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ އަސަރުތައް. އެއްވެސް ގައުމެއްގެ ސަރުކާރެއްގެ ހިއްސާއެއް މިކަމުގަ ނެތް. އެމީހުންގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރަން ފެށުމުންނާއި ސިޔާސީގޮތުން އެމީހުންގެ ބާރުކެނޑުމުގެ ނުރައްކަލާހެދި ބިރުން މިހާރު އެއުޅެނީ. ކޮންމެހެން ފަލަސްތީނުގެ ރައްޔިތުންގެ ރައްކަލަކާހެދި އެއް ނޫން.
raajje
20 May 2025
ކާބޯތަކެއްޗާ ފެންނުލިބޭހެން ބަޔަކުބަންދުކޮށް ހަތިޔާރެއްނެތް އަންހެނުންނާ ކުޑަކުދިންގެ ގަޔަށްބަޑިޔަހާ ބޮންއަޅާ މިހުރިހާޖަރީމާއެއްހިންގާއިރުވެސް އަނގަތަޅަތަޅާ ދުނިޔެއޮންނަތަންމިފެންނަނީ! ޑިމޮކުރެސީއޭ ހިއުމަންރައިޓޭ ކިޔަން ގައުމުތަކުން ލަދުވެތިވާންޖެހޭ، މިހާރުއުފެދިފައިމިވާ ހާލަތުގެ ޒިންމާ ހަމާސްއިންނަގަންޖެހޭ، ހަނގުރާމައަށްތައްޔާރުނުވެ ގާބިލުކަމެއްނެތި ކީއްކުރަން އިސްވެއިޒުރާލަށް ހަމަލާދިނީ؟
ފޫހި
20 May 2025
ތިޔައީ އިޒްރާއީލް އުފައްދާފަ ފަލަސްތީނު ގެ މިނިވަންކަން ނައްތާލައި އިޒްރާއީލް 77 އަހަރުވަންދެން އަނިޔާވެރިވީ އިރުވެސް ހިތްވަރުދީފައި ތިބި ގައުމުތައް. ތިޔައީ ނުބައި ރޭވުމަށް އަބަދުވެސް ވާހަކަދައްކަދައްކާ ތިބޭނީ، ތިޔަކުރިކަމަކީ ޗައިނާއިން އެހީވީތީ އެކަން ހުއްޓުވަން ދަމާ ބަނދިވަރެއް. ކަލޭމެންގެ ކަމަކީ ނަތަންޔާހޫއަށް މަގުތައް ފަހިކޮށްދިނުން. ތިޔަ އިނގެރޭސިންނަކީ އަޅުވެތިކުރުމުގެ ލޭން ފެންވަރައިގެން ތިބިބައެއް.