ފަލަސްތީނުގެ ޣައްޒާގައި ހަލާކުވެފައިވާ އިމާރާތްތަކެއްގެ ކައިރީ ބަޔަކު މަޑުކޮށްލައިގެން: ޣައްޒާގައި ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު ރޭ ވެސް 44 މީހަކު ވަނީ ޝަހީދުކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ
20 މެއި 2025 - 11:27
ފަލަސްތީނުގެ ޣައްޒާގައި މިއަދު އިރު އެރީ ވެސް އިޒްރޭލުގެ ހަމަލާތަކުގައި 44 މީހަކު ޝަހީދުކޮށްލައި އިތުރު އެތައް ބަޔަކު ޒަހަމްކޮށްލުމާ އެކުގައި ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
"ސިވިލް ޑިފެންސްގެ ޓީމްތަކުން، މަދުވެގެން 44 މީހެއްގެ ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެންދިޔައިން. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން. ރޭ 1:00 [ރާއްޖޭ ގަޑިން މެންދަމުން އަލިވެ 3:00] އިން ފެށިގެން ދެމުން އަންނަ މި ހަމަލާތަކުގައި ގިނަ ބަޔަކު ވަނީ ޒަހަމް ވެސް ވެފައި،" ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ވަރުގަދަކޮށް އަލުން ފަށައިގެން އުޅޭއިރު ރޭގެ ހަމަލާތަކުގައި ވެސް، ހާލުގައިޖެހިފައިވާ މީހުން ތިބޭ ސްކޫލަކަށް ހަމަލާދިން ކަމަށާއި އެ ހަމަލާގައި 12 މީހަކު ޝަހީދުވި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހަމަލާ ދީފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލަހްގައި ހުންނަ ސްކޫލަކަށެވެ.
ނުސީރަތު ރެފިއުޖީ ކޭމްޕް ކައިރީގައި ހުރި ގޭސް ސްޓޭޝަނަކަށް ދިން ހަމަލާއެއްގައި އިތުރު 15 މީހަކު ޝަހީދުވެފައި ވާއިރު ޖަބަލިއާ ރެފިއުޖީ ކޭމްޕްގެ ގެއަކަށް ދިން ހަމަލާއެއްގައި އިތުރު ނުވަ މީހަކު ވެސް ޝަހީދުވި އެވެ.
މި ހަމަލާތަކާ ގުޅޭ ގޮތުން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.
އިޒްރޭލުން ހަމަލާތައް ވަރުގަދަކޮށްގެން އުޅެނީ ހަމާސް ބަލިކޮށްލުމުގެ ފަހު އޮޕަރޭޝަން ކަމަށް ބުނެ އެވެ. މިއީ ޣައްޒާއިން ހަމާސްގެ ބާރު އެއްކޮށް ނައްތާލުމުގެ މަސައްކަތް ކަމަށް ބުނެ އިޒްރޭލުން މިހާރު ވަނީ އެއްގަމު މަގުން އެކި ދިމަދިމާލުން އަރައި އޮޕަރޭޝަންތައް ހިންގަން ފަށާފައިވާކަން ވެސް އިއުލާނުކޮށްފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ 1،218 މީހަކު މަރާލުމާ އެކު ހަމާސްގެ ކިބައިން ބަދަލުހިފަން ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް 53،486 މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި ހަމަލާތައް ޖެނުއަރީ މަހު މެދުކަނޑާލުމަށް ފަހު މާޗް މަހުގެ 18 ވަނަ ދުވަހު އަލުން ފެށި ފަހުން ވެސް 3،340 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy