މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އަމަލުކުރަން ފެށި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ، ޣައްޒާގެ 70 ޕަސެންޓް އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމަށް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުރާސްފަތި ދުވަހު އަމުރުކޮށްފި އެވެ.

"އަހަރެމެން މިހާރު މި ދަނީ ހަމާސް ފިއްތަމުން. މިހާރު ޣައްޒާގެ 60 ޕަސެންޓް ސަރަހައްދު އޮތީ އަހަރެމެންގެ ބާރުގެ ދަށުގައި،" އިޒްރޭލުގެ "ޗެނަލް 12" ނެޓްވޯކުން ދެއްކި ވީޑިއޯއެއްގައިވާ ގޮތުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ބޭއްވި ކޮންފަރެންސެއްގައި ނަތަންޔާހޫ ބުންޏެވެ.

ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލު ސިފައިންގެ ބާރުގެ ދަށުގައި އޮތީ ޣައްޒާގެ 50 ޕަސެންޓް ސަރަހައްދުކަން ފާހަގަކޮށް އޭނާ ބުނީ، "އަހަރެންގެ އިރުޝާދަކީ އެ ނިސްބަތް 70 ޕަސެންޓަށް ބަދަލުކުރުން" ކަމަށެވެ.

"އަހަރެމެން އެމީހުން ހުރިހާ ފަރާތަކުން ފިއްތަމުން މިދަނީ. ބާކީ އޮތް ބަޔާ އަހަރެމެން ފަހުން ކުރިމަތިލާނަން."

ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ އެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް    މަޑުޖައްސާލުމަށް ހެދި އެއްބަސްވުމުގެ ދަށުން ފުރަތަމަ މަރުހަލާގައި ވަނީ ފަލަސްތީނާއި ހަމާސް އިން ވެސް އަސީރުން ބަދަލުކޮށްފަ އެވެ.  

ނަމަވެސް، ހަމާސްގެ ހަތިޔާރު ބެހެއްޓުމާއި އިޒްރޭލު ސިފައިން އެކި މަރުހަލާތަކަށް ބަހާލައިގެން ޣައްޒާއިން ފޭބުން ހިމެނޭ ދެވަނަ މަރުހަލާއަށް ދިޔުން ހުއްޓިފައި އޮންނަތާ އެތައް މަހެއް ވެއްޖެ އެވެ.

ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، އިޒްރޭލު ސިފައިން ތިބެންޖެހެނީ ހަމާސްގެ ބާރުގެ ދަށުގައިވާ ސަރަހައްދާއި އިޒްރޭލު ސިފައިން ހިފާފައިވާ ސަރަހައްދު ވަކިކޮށްދޭ "ރީނދޫ ރޮނގު" ގެ ފަހަތުގަ އެވެ.

ނަމަވެސް މި މަހު 15 ގައި ނަތަންޔާހޫ ވަނީ އިޒްރޭލު ސިފައިން ޣައްޒާގައި އެމީހުންގެ ބާރު ފުޅާކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ.

"ބައެއް މީހުން ބުނަމުންދިޔަ ފައިބާށޭ، ފައިބާށޭ. އަހަރެމެންނެއް ނުފައިބަން. މިއަދު އަހަރެމެންގެ ބާރުގެ ދަށުގައި އެބައޮތް... ކިތައް ޕަސެންޓް؟ 60 ޕަސެންޓް. މާދަމާ އަހަރެމެން ބަލާނަން،" އެ އެ ދުވަހު އޭނާ ބުންޏެވެ.

އޮކްޓޯބަރު 10 އިން ފެށިގެން އަމަލުކުރަމުންދާ އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް އިޒްރޭލު ސިފައިންނާއި ހަމާސްއިން އެއްބަޔަކު އަނެއްބަޔަކަށް ތުހުމަތުކުރަމުންދާއިރު، ޣައްޒާގައި ކޮންމެ ދުވަހަކުވެސް ދަނީ ހަމާލާތައް ދެމުންނެވެ.

ހަމަލާބަދަލުކުރުން ހުއްޓާލި ފަހުން އިޒްރޭލުން 900 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ހަމާސްގެ ދަށުން ހިންގާ ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ. އދ. އިން ގަބޫލުކުރާ ގޮތުގައި މި މިނިސްޓްރީގެ ހިސާބުތަކަކީ އިތުބާރު ހުރި ހިސާބުތަކެކެވެ.

މި މަހުގެ ކުރީކޮޅު ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ ވެރިޔާ އަވަހާރަކޮށްލުމަށް ފަހު، އެ ގޮފީގެ އާ ވެރިޔާ މުހައްމަދު އޫދާ ވެސް އަަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުދަ ދުވަހު ބުނެފައިވެ އެވެ.

އޮކްޓޯބަރު 2023 ގެ ހަމަލާއަށްފަހު، އިޒްރޭލުން ދަނީ ޣައްޒާގަ އާއި ސަރަހައްދުގެ ގައުމުތަކުން ވެސް ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދެމުންނެވެ. އޫދާ އަކީ ޣައްޒާ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން ޝަހީދުކޮށްލި ކަމަށް ބުނާ، އިއްޒުއްދީން އަލް-ގައްސާމް ބްރިގޭޑްސްގެ ހަތަރުވަނަ ވެރިޔާ އެވެ.

ބުދަ ދުވަހު އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ، ފަލަސްތީނުގެ މި ސަރަހައްދުން ހަމާސްގެ ވެރިކަން ނައްތާލުމަށް އިޒްރޭލުން ހިފާފައިވާ އަމާޒު ތަކުރާރުކޮށް، އެތަނުގެ ރައްޔިތުން މަޖުބޫރުން ބޭރުކޮށްލުމުގެ ރޭވުމަކަށް އިޝާރާތްކޮށްފަ އެވެ.

"ޣައްޒާއިން އަމިއްލައަށް ހިޖުރަކުރުމުގެ ރޭވުން ވެސް ތަންފީޒުކުރެވޭނެ — ހުރިހާ ކަމެއްވެސް ކުރާނީ އެންމެ ރަނގަޅު ވަގުތުގައި، އެންމެ ރަނގަޅު ގޮތަށް،" އޭނާ ބުންޏެވެ.