ފަލަސްތީނުގެ ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމުން ޣައްޒާއިން އިޒްރޭލު ސިފައިން ފައިބައި ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ގޮތަށް ހަމާސް އިން އެއްބަސްވުމުން އެއީ އިޒްރޭލުން އެއްބަސްވި ގޮތެއް ނޫން ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކައިފި އެވެ.
ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވެ އެކަން އިއުލާނުކުރުމާ އެކު ޓްރަމްޕު ވަނީ ދެން އޮންނާނީ ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމުގެ މަރުހަލާ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އިޒްރޭލުން ވަނީ އެކަމުގައި ކަންބޮޑުވާ ކަންކަން ހުރި ކަމަށް ބުނެ އެމެރިކާއަށް ޝަކުވާ ހުށަހަޅައިފަ އެވެ.
އޭގެ ފަހުން އެމެރިކާއިން ވަނީ ހަމާސްގެ ހަތިޔާރު އަތުލުމަށްފަހު މެނުވީ އިޒްރޭލު ސިފައިން ޣައްޒާއިން ފައިބަން ނުޖެހޭނެ ކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.
އެކަމަކު އަންގާރަ ދުވަހުގެ ރޭ ނަތަންޔާހޫގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ހަމާސްގެ ހަތިޔާރު އަތުލައިގެން، ޣައްޒާ އަކީ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓީމުން ގަބޫލުކުރާ ކަމަށެވެ.
އިޒްރޭލުގެ ބައެއް އޮފިޝަލުން ކުރިން ބުނެފައިވަނީ ހަމާސް އިން ހަތިޔާރު ހޯދުމާއި ހަނގުރާމަވެރިންގެ ފައުޖަށް މީހުން ރެކްރޫޓްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އެބަހުރި ކަމަށެވެ.
ނަތަންޔާހޫ ބުނީ އެމެރިކާއިން ފޮނުވި ޑްރާފްޓަށް އިޒްރޭލުން އެއްބަސްވެފައި ނުވާނެ ކަމަށާއި، އެއީ އިޒްރޭލުގެ ޑްރާފްޓެއް ނޫން ކަމަށެވެ. އަދި އެ ޑްރާފްޓާ މެދު އިޒްރޭލުން ދެކޭގޮތުގެ ކޮމެންޓްތައް އެމެރިކާއަށް ފޮނުވާފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އިޒްރޭލު ސިފައިން މިހާރު ޣައްޒާގައި ތިބި ސަރަހައްދުތަކުން ފައިބަންޖެހޭނީ ހަމާސްގެ ހަތިޔާރު އަތުލުމަށްފަހުގައި ކަމުގެ ޔަގީންކަން، އެމެރިކާއިން ތާއީދުކުރާ "ބޯޑު އޮފް ޕީސް" އާ އެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނަތަންޔާހޫއަށް ވަނީ ދީފަ އެވެ.
ނަމަވެސް، އިޒްރޭލު ސަރުކާރު ކޯލިޝަންގައި ހިމެނޭ ކަނާތުފިޔައިގެ ހައްދުފަހަނައަޅާފައިވާ ބައިވެރިންގެ ފަރާތުން، މި އެއްބަސްވުން ގަބޫލުނުކުރުމަށް ނަތަންޔާހޫއަށް ކުރިމަތިވަމުންދާ ފިއްތުންތައް ވަނީ ބޮޑުވެފަ އެވެ.