އިރާނުގެ އައިއާރްޖީސިން މީގެކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން: އެ ގައުމުގެ ސުޕްރީމް ކައުންސިލުގެދަށުން ހިންގާ އަސްކަރީ އެ ގޮފިން ބުނީ އިރާނުގެ ގައްގުތަކަށް އަރައިގަންނަނަމަ ދެން ވެސް ހަމަލާ ދޭނެ ކަމަށް --- ފައިލް ފޮޓޯ: ގެޓީ އިމޭޖަސް
23 ޖޫން 2025 - 23:38
އިރާނުގެ ހައްގުތަކަށް އަރައިގަނެ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ދޭ ކޮންމެ ހަމަލާއަކާ އެކު، ދެން ވެސް ބަދަލު ހިފާނެ ކަމަށް އެ ގައުމުގެ އެންމެ މަތީ އަސްކަރީ ގޮފީ ރިވޮލިއުޝަނަރީ ގާޑުން މިރޭ ބުނެ އިންޒާރު ދީފި އެވެ.
ރިވޮލިއުޝަނަރީ ގާޑުން މިރޭ ވަނީ، ގަތަރުގެ ދޯހާ އާއި އިރާގުގެ އަންބަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދީފަ އެވެ.
އިރާނުން ބުނީ އެއީ އިރާނުގެ ނިއުކްލިއަ ތިން މަރުކަޒަކަށް އެމެރިކާ އިން އިއްޔެ ދިން ހަމަލާތަކަށް ދިން ރައްދެއް ކަމަށެވެ.
އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ ރިޔާސަތު ބަލަހައްޓަވާ އިރާނުގެ ސުޕްރީމް ކައުންސިލުގެ ދަށުން ހިންގާ ރިވޮލިއުޝަނަރީ ގާޑުން ބުނީ އިރާނުގެ ސަރަހައްދުތަކަށް ވަދެ އެ ގައުމުގެ ހައްގުތަކަށް އަރައިގަންނަ ކޮންމެ ބަޔަކާ ދެކޮޅަށް ހަމަލާ ދޭނެ ކަމަށެވެ.
އެ އަސްކަރީ ގޮފިން ބުނިގޮތުގައި، އެމެރިކާގެ މަރުކަޒުތަކަށް މިރޭ ހަމަލަދިނީ ސުޕްރީމް ކައުންސިލްގެ އިރުޝާދާ އެކުގަ އެވެ.
"...[އިރާނުގެ] މިނިވަންކަމާއި އިސްތިގުލާލާއި ހައްގުތަކަށް އަރައިގަނެ ދޭ ހަމަލާތަކަށް ރައްދު ނުދީ ނުދާނެ،" ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ފަހު ނެރުނު ބަޔާނުގައި ރިވޮލިއުޝަނަރީ ގާޑުން ބުންޏެވެ.
ގަތަރާއި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދިނުމުން ޔޫއޭއީން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު މިހާރު ބަންދުކޮށްފަ އެވެ. އެ ގައުމުގެ ވެރިރަށް އަބޫދާބީގައި އެމެރިކާގެ ވައިގެ އަސްކަރީ މަރުކަޒެއް ހުރެ އެވެ.
އިރާނުގެ ކުއްލި ވަރުގަދަ ހަމަލާތަކާ އެކު، ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުން "ފުރިހަމައަށް ސަމާލުވެ ތިބުމަށް" ވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާސޮރީ
24 June 2025
ޢަނގައިން ދެރަނުވާތި
މެލޭސިޔާ ހުސޭނު
24 June 2025
އަހަރެމެން ވެސް އެދެނީ އީރާނަށް ކާމިޔާބި. މެދު އިރުމަތީގެ ހުރިހާ ގައުމެއްވެސް ވަނީ އެމެރިކާ ދަށުވެފަ. ހަމައެކަނި އޮތީ އީރާން. އެކަމަކު އީރާންވެސް ފޮނިކެޑުން ބޮޑު. ވާކަ މާމޮޅުކަމެއްނެތް. ހިތައް ތަދުވިޔަސް ހަގީގަތަކި އެމެރިކާ އާ ކުރިމަތރިލެވޭނެ ބައެއްނެތްކަން. ދެރަވޭ. ކިތަންމެހާވެސް ދެރަވޭ.
ގާފް
24 June 2025
ވަރަށް ރަގަޅު