މަތިން ނަގާފައިވާ މި ފޮޓޯއިން އެ ފެންނަޏީ ޓޯކަރަގެ ރަށްތަކުގެ ތެރޭގައި ހިމެނޭ އަކުސޭކީ: މި ރަށްތަކަށް މި ދެ ހަފްތާ ތެރޭ 900 އަށް ވުރެ ގިނަ ބިންހެލުން ވަނީ އައިސްފައި. -- ފޮޓޯ މައިނިޗީ/ޓަކޭޝީ ނޯޑާ
02 ޖުލައި 2025 - 21:53
ޖަޕާނުގައި އެކަހެރިކޮށް އޮންނަ ރަށްތަކަކަށް މިދިޔަ ދެ ހަފްތާ ތެރޭ 900 އަށް ވުރެ ގިނަ ގިނަ ބިންހެލުން އައިސްފައިވާ ކަމަށް އެތަނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ ބިންހެލުން އަންނަލެއް ގިނަކަމުން އާންމުންނަށް ނުވެސް ނިދޭ ކަމަށެވެ.
ކިއުޝޫ ސަރަހައްދުގެ ދެކުނުގައި އޮންނަ ޓޯކަރާގެ ރަށްތަކަށް މި ބިންހެލުންތައް އަންނަމުން ދިޔަ ކަމުގައި ވިޔަސް ބޮޑު ގެއްލުމެއް ނުވެ އެވެ. އެކަމަކު މިއަދު މެންދުރުފަހު 3:30 އެހާއިރު، އެ ހިސާބަށް 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައުމާ އެކު ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ކުއްލި ނިއުސް ކޮންފަރެންސެއް ބާއްވާފައި މިކަމުގެ މައުލޫމާތު ދީފައިވެ އެވެ.
"ޖޫން މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓޯކަރަ އައިލެންޑް ޗެއިންގެ ވަށައިގެންވާ ކަނޑުތަކުގައި ސިސްމިކް އެކްޓިވިޓީ ވަރަށް ބޮޑަށް އިތުރުވެފައިވޭ،" ބިންހެލުމާއި ސުނާމީ އޮބްޒަވޭޝަން ޑިވިޒަންގެ ޑިރެކްޓަރު އަޔާޓަކާ އެބިޓާ ނޫސްވެރިންނަށް ވިދާޅުވި އެވެ.
"މިއަދު ހަވީރު 4:00 އާ ހަމައަށް ވަނީ ބިންހެލުމުގެ އަދަދު 900 އަށް ވުރެ މައްޗަށް ގޮސްފައި،" ބިންހެލުންތައް ހުއްޓުމަކަށް އަންނާނެ ދުވަހެއް އެ އެޖެންސީއަށް އަންދާޒާ ކުރެވެން ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ޓޯކަރަ ވިލެޖްގެ ވެބްސައިޓްގައި ބުނެފައި ވަނީ އެ ތަނުގެ ރައްޔިތުންނަށް މި ބިންހެލުންތަކުގެ ސަބަބުން ނުނިދި ވަރުބަލިވެފައިވާ ކަމަށެވެ.
ރީޖަނަލް ބްރޯޑްކާސްޓަރު އެމްބީސީއަށް ވާހަކަދެއްކި އާންމުންގެ މީހަކު ބުނީ އަބަދުވެސް ބިންގަނޑު ތެޅެމުންދާ ކަހަލަ އިހުސާސެއް ކުރެވޭ ކަމަށާއި ނިދުމަކީ ބިރުވެރި ކަމަށެވެ.
ޓޯކަރާ ސަރަޙައްދުގައި ބިންހެލުންތައް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް މިގޮތަށް އިތުރުވި އެވެ. ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން އޭރު ބުނި ގޮތުގައި 346 ބިންހެލުމެއްގެ އަސަރުކޮށްފައިވެ އެވެ
ޓޯކަރާގެ 12 ރަށުގެ ތެރެއިން ހަތް ރަށުގައި މީހުން އުޅޭ އިރު ޖުމްލަ އާބާދީ އަކީ ގާތްގަނޑަކަށް 700 އެވެ.
ޕެސިފިކް "ރިންގް އޮފް ފަޔާ" ގެ ހުޅަނގުގައި އޮންނަ މައިގަނޑު ހަތަރު ޓެކްޓޯނިކް ޕްލޭޓްގެ މަތީގައި އޮންނަ ޖަޕާނަކީ އެންމެ ގިނައިން ބިންހެލުން ތަޖުރިބާކުރަންޖެހޭ އެއް ގައުމެވެ.
ގާތްގަނޑަކަށް 125 މިލިއަން މީހުން ދިރިއުޅޭ މި ޖަޒީރާތަކަށް އަހަރަކު ގާތްގަނޑަކަށް 1،500 ބިންހެލުމުގެ އަސަރުކުރެ އެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަ ބިންހެލުމުގެ ގާތްގަނޑަކަށް 18 ޕަސެންޓެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy