އދ.ގެ މަންދޫބު ނުހިމަނައި ސުލްހައިގެ ވާހަކަތައް ފަށަނީ

(ޖެނީވާ) ސީރިޔާގެ ސުލްހައިގެ ވާހަކަތައް މާދަމާ ޖެނީވާގައި ފަށާއިރު، އދ.ގެ ޚާއްސަ މަންދޫބު ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް އދ. އިން ބުނެފި އެވެ.


މާދަމާ ޖެނީވާގައި ފަށާ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާނީ ސީރިޔާ ސަރުކާރުގެ މަންދޫބުންނާއި ސީރިޔާގެ އިދިކޮޅު ލީޑަރުންގެ މަންދޫބުންނެވެ. އދ.ގެ ތަރުޖަމާނު އަލެސަންދްރާ ވެލޫސީ ވިދާޅުވި ގޮތުގައި ސީރިޔާގެ ސުލްހައިގެ ވާހަކަތަކަށް އދ. އިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓެފަން ޑި މިސްތޫރާ އަށް ބައިވެރި ނުވެވުނު ކަމުގައި ވިޔަސް އޭނާގެ ނާއިބެއްގެ ގޮތުން ރަމްޒީ ރަމްޒީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޑި މިސްތޫރާ މިހާރު އުޅުއްވަނީ ތުރުކީ އަށާއި މޮސްކޯ އަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ. އެ ދަތުރުފުޅު ނިންމަވާލައްވާފައި ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.

ވެލޫސީ ވިދާޅުވި ގޮތުގައި މިބުރުގެ ވާހަކަތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ވެރިކަން ހިންގުމާއި، ދުސްތޫރީ މައްސަލަތަކާއި އިންތިޚާބާއި ޓެރަރިޒަމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާއި ސަލާމަތީ ކަންތައްތަކާއި ދެ ފަރާތުގެ މެދުގައި އިތުބާރު ގާއިމުކުރުމާ ބެހޭ ގޮތުންނެވެ.

ޑި މިސްތޫރާ މެދުވެރިއެއްގެ ގޮތުގައި ހުންނަވައިގެން މިދިޔަ އަހަރުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ސުލްހައިގެ މަޝްވަރާތައް ބާއްވައިފި އެވެ. ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ސީރިޔާ ސަރުކާރުގެ މަންދޫބުންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ސީދާ ބައްދަލުވުމެއް ނުބާއްވަ އެވެ.

ސީރިޔާ ހަނގުރާމައިގައި އެ ގައުމުގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިވެ މަދަދު ފޯރުވަމުން ދަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާއި ބައެއް އަރަބި ގައުމުތަކެވެ. ސީރިޔާ ސަރުކާރަށް އެހީތެރިވެ މަދަދު ދެމުން ދަނީ ރޫސީ ވިލާތުންނާއި އީރާން ފަދަ ޝީއީ ގައުމުތަކުންނެވެ.

ސީރިޔާގެ ހަނގުރާމައިގައި އެ ގައުމުގެ ބޮޑެތި ގިނަ ސަހަރުތަކެއް ސުންނާފަތި ވެފައިވާ އިރު، އެތައް ލައްކަ ބަޔަކު ވަނީ މަރުވެފަ އެވެ. އަދި ގައުމު ދޫކޮށް ހިޖްރަ ކުރި މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރަ އެވެ. އޭގެ އިތުރުން އަމިއްލަ ގެ ދޫކޮށް އެއް ސަހަރުން އަނެއް ސަހަރަށް ހިޖްރަކުރާ މީހުންގެ އަދަދު ވެސް އެތައް މިލިއަނަކަށް އަރަ އެވެ.