ޓުވަލޫގައި ރާޅު އަރާ ރަށެއްގައި އެކަމުން ރައްކާތެރިވުމުގެ ގޮތުން ގެތައް އުސްކޮށް ހަދާފައި. -- ފޮޓޯ: އޭއެފްޕީ
23 ޖުލައި 2025 - 14:22
ކަނޑުގެ ލޮނުގަނޑު އުފުލި، ޓުވަލޫ ގެނބެމުން ދާއިރު އެ ގައުމުގެ 80 ޕަސެންޓަށްވުރެ ގިނަ މީހުން އޮސްޓްރޭލިއާގެ ކްލައިމެޓް ވިސާ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ.
މޫސުމީ ބަދަލުތަކުން ރައްކާތެރިކަން ހޯދައިިދިނުމުގެ ގޮތުން ގައުމަކުން މިހާތަނަށް ދޭ ފުރަތަމަ ވިސާގެ ގޮތުގައި އޮސްޓްރޭލިއާ އިން ސިފަކޮށްފައިވާ ކްލައިމެޓް ވިސާ އެ ގައުމުން ކޮންމެ އަހަރަކު ވެސް ޓުވަލޫގެ ވަކި އަދަދެއްގެ މީހުންނަށް އަންނަނީ ދެމުންނެވެ.
"ވަރަށް ބޮޑު ޝައުގުވެރިކަމެއް މިކަމަށް އަންނަނީ ލިބެމުން. ވިސާއަށް އެދި ހުށަހެޅި މީހުންގެ އާއިލާގެ މީހުންނާ އެކު 8،750 މީހަކު ވިސާއަށް ރަޖިސްޓްރީކޮށްފައިވޭ،" ޓުވަލޫގައި ހުންނަ އޮސްޓްރޭލިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުންޏެވެ.
މިއީ ޓުވަލޫގެ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތަކަށް ބަލާއިރު ޖުމްލަ އާބާދީ ކަމަށްވާ 10،643 ގެ 82 ޕަސެންޓެވެ.
"މި އަހަރު މި ޕްރޮގްރާމްގައި ދޫކުރަން ހަމަޖެހިފައިވަނީ 280 ވިސާ ކަމަށް ވާތީ ގިނަ ބަޔަކަށް ފުރުސަތު ގެއްލޭނެ،" ހައި ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
މޫސުމީ ނުރައްކާތައް އެންމެ ބޮޑު އެއް ތަނުގެ ގޮތުގައި ބެލެވިފައިވާ ޓުވާލޫގައި މީހުންނަށް ނޫޅެވޭ ވަރު، ކުރިއަށް އޮތް 80 އަހަރުތެރޭ ވާނެ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.
ޓުވަލޫގެ ނުވަ އަތޮޅުގެ ތެރެއިން މިހާރުވެސް ދެ އަތޮޅެއްގެ ބޮޑު ބައި ވަނީ އަޑީގަ އެވެ.
މި ތަފާސް ހިސާބުތައް އާންމުކޮށްފައި މިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ގައުމުތަކުން އަދާކުރަންޖެހޭ ގާނޫނީ މަސްއޫލިއްޔަތުތަކާއި، ތިމާވެށި ތަޣައްޔަރުކުރާ ގައުމުތަކުން އެކަމުގެ ބަދަލު ދޭންޖެހޭނެތޯ ކަނޑައެޅުމުގެ މައްސަލަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމުމުގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
24 July 2025
ދިވެހިރާއްޖޭގެ މީހުންނަށް ވެސް އޮސްޓްރޭލިއާއިން ކްލައިމޭޓް ވިސާ ހޯދަދޭން ސަރުކާރު އެބަޖެހޭ މަސައްކަތް ކުރަން. ކްލައިމޭޓް ވިސާ ނުލިބޭ ކެޓަގަރީތަކެއް ކަނޑައަޅަންޖެހޭ އެއީ ޑްރަގް ބޭނުން ކުރާމީހުން، ޑްރަގް ވިޔަފާރި ކުރާމީހުން، ގޭންގުތަކުގައި އުޅެފަ ތިބި މީހުން، ދައުލަތަށް ހިޔާނާތްތެރިވެފައިވާ މީހުން.
ޒިންދަގީބު
23 July 2025
ޓުވަލޫ ދެން ވާނީ އޮސްޓްރޭލިޔާގެ ބަޔަކަށްތަ؟
މުލޭ
23 July 2025
ރަނގަޅު. އެކަންވާނީ ހަމައެހެން.
ކޮރަލް
23 July 2025
ކްލައިމެޓް ވިސާ ގެ ޝަރުތު ދިވެހިރާއްޖެ އަށް ހަމަ ވޭތޯ ބަލާލަ ބަލާށެވެ.
ލެއްގިކޮމިޝަނަރ
23 July 2025
ޓިފަދަ ތަހުޒީބީ ގައުމަކުން ދިވެހިންނަށް ވިސާ ޝަރުތު ހަމަވާނެކަމަކަށް ނުބެލެވޭ. ދުއްވާ ވެހިކަލާ، ލާންގެގުޅޭ އަންނައުނާ އަތުގަ އޮންނަ ފޯނަކީ ޚިތަންމެ ފަހުގެ އެއްޗެހި ކަމުގަވިޔަސް، ދިވެހިންގެ ސިނކުޑި ތަރައްގީއެއްނުވޭ. ދުރޫސުލް އަހުލާގެއްނެތް. މަގުމަތީގެ އަދަބުތަކެއް ނެތް. ވެހިކަލް ދުއްވަނީ ހިތަށްއެރިގޮތަކަށް ހިތަށްއެރި ބާރުމިނަކު. މިވަރުގެ ބަޔަކަށް އޮސްޓްރޭލިއާގެ ވިސާތީގެން ވަޒަންވެރި ކޮށްފީޔާ އެގައުމުގެ އަހުލާގެ ރިވެތި އާދަތަށް ހަލާކުކޮށްލާނެ