އިޒްރޭލުގެ ހިސާރުގެ ސަބަބުން ކާނާ ނުލިބި ކުރިމަތި ސިއްހީ މައްސަލަތަކުގައި ނިޔާވި ކުއްޖަކު ވަޅުލަން ގެންދަނީ: އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ ބަނޑަށްޖެއްސުމަކީ އިޒްރޭލުން ރާވައިގެން ގަސްތުގައި ހިންގާ ޖަރީމާއެއް ކަމަށް. -- ފޮޓޯ: އޭއެފްޕީ
18 އޯގަސްޓް 2025 - 12:22
ޣައްޒާގައި ފަލަސްތީނު މީހުން ބަނޑަށްޖެއްސުމަކީ އިޒްރޭލުން ގަސްތުގައި، ވަކި ޕްލޭނެއްގެ ދަށުން ހިންގަމުން ގެންދާ ޖަރީމާއެއް ކަމަށް، ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ބުނެފި އެވެ.
ކާބޯތަކެތި ހުސްވެ ހައިހޫނުކަން ނުރައްކާތެރި ދަރަޖައަކަށް ޣައްޒާގައި އާންމުވެދާނެ ކަމަށް އދ. އާއި އެހީގެ ޖަމިއްޔާތަކުން އިންޒާރު ދީފައި ވަނިކޮށް އެމްނެސްޓީން ނެރުނު ރިޕޯޓެއްގައި މިހެން ބުނީ ބަނޑަށް ޖެހިފައިވާ އެތައް ބަޔަކާ ވާހަކަ ދައްކައި އެ މީހުންގެ ތަޖުރިބާތަކާ އެކުގަ އެވެ.
އެކަމަކު އިޒްރޭލުން ބުނަމުންދަނީ ޣައްޒާގައި އެކަށީގެންވާ ވަރަށް ކާބޯތަކެތި ލިބޭ ކަމަށާއި ހައިހޫނުކަން އާންމުވަމުންދަނީ ހަމާސް އިން އެހީގެ ސާމާނު ފޭރޭތީ ކަމަށެވެ. މިއީ އެއްވެސް ހެއްކެއް ހުރެގެން ދައްކާ ވާހަކައެއް ނޫން ކަމަށް އެތައް ޖަމާއަތަކުން ދަނީ ބުނަމުންނެވެ.
އިޒްރޭލުގެ 22 މަސް ދުވަސްވީ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ މީހުންނާއި ކާން ނުލިބި ބަލިވެފައިވާ ކުދިންނަށް ފަރުވާ ދިން މެޑިކަލް ސްޓާފުންނާ ހަވާލާދީ އެމްނެސްޓީގެ ރިޕޯޓްގައި ބުނެފައިވަނީ "ހިސާރުކޮށްފައިވާ ޣައްޒާގައި އިޒްރޭލުން ދަނީ ބަނޑަށްޖެއްސުމުގެ ގަސްތުގައި ކެމްޕެއިނެއް ހިންގަމުން" ކަމަށެވެ.
މީގެ އިތުރުން، ފަލަސްތީނު ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމާއި އިޖުތިމާއީ ފޭރާން ހަލާކުކޮށްލުމަށް ނިޒާމީ ގޮތުން ރޭވިގެން އަމަލުތައް ހިންގަމުންދާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
"މިދިޔަ 22 މަސް ދުވަހު އެ ޕްލޭނާއި ސިޔާސަތު ތަންފީޒުކުރަމުން ގެންދަނީ މި ނަތީޖާ އެ މީހުން ނެރެން ބޭނުންވާތީ އެވެ. އެއީ އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާގައި، ޣައްޒާގައި އުޅޭ ފަލަސްތީނު މީހުން ޖިސްމާނީ ގޮތުން ބަލިކަށިކޮށްލުމަށް ހިސާބުޖަހައިގެން ހިންގާ އަމަލެކެވެ." އެމްނެސްޓީން ބުންޏެވެ.
މި ރިޕޯޓާ ގުޅިގެން އޭއެފްޕީން އިޒްރޭލު އަސްކަރިއްޔާގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮދުން
19 August 2025
ތީ ބޭކާރު ވާހަަކައެއް! ކަލޭމެން ނަށް އިޒްރޭލް ނުހުއްޓުވިގެން އުޅެނީ ކީއްވެ؟ ދުނިޔޭގެ ހުރިހާ ޤާނުނަކާ ޚިލާފަށް އިޒްރޭލުން ، ކަންކުރަމުން ދާއިރުވެސް ކަލޭމެން ނަށް އިޒްރޭލާ ދެކޮޅަށް ފިޔަވަޅެއް އެޅޭތަ؟ ތިހެން ބަޔާން ނެރެނެރެ ތިބެން ޖެހޭނީ! ބޮޑު ޤަތުލުއާމް އެއް ހިންގަމުން ދާއިރު އެމީހުންނާއި ދެކޮޅަށް ނިކުންނަން ނުކެރޭ ވާވެފަ ތިބޭ ޖަމިއްޔާ ތަކެއްތީ..