އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ކ) އަދި ޗައިނާގެ ބޮޑުވަޒީރު ޝީ ޖިންގް ޕިންގް (ވ) ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ އެކު. -- ފޮޓޯ: އޭއެފްޕީ
19 އޯގަސްޓް 2025 - 14:08
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި މަހުގެ ފަހުކޮޅު ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް އޭނާގެ ސެކިއުރިޓީ ޗީފް މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 31 ވަނަ ދުވަހު ޓިއަންޖިންގައި ފަށާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގައި މޯދީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ސެކިއުރިޓީ ޗީފް އަޖިތު ޑޯވާލް ވިދާޅުވީ މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއާ އެކު ބޭއްވެވި ބައްދަލުވުން ފެށުމުގެ ކުރިންނެވެ.
މޯދީގެ ދަތުރު ވާނީ 2018 ވަނަ އަހަރުގެ ފަހުން އޭނާ ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރަށެވެ.
"އެސްސީއޯ ސަމިޓަށް އަޅުގަނޑުމެންގެ ބޮޑުވަޒީރު ވަޑައިގަންނަވާނެ،" ޑިޕްލޮމެޓިކް ގުޅުމަށް "އާ ހަކަތަ" އެއް ލިބިފައިވާ ކަމަށް ސިފަކުރައްވަމުން ޑޮވާލް ވިދާޅުވި އެވެ.
އެސްސީއޯ ސަމިޓަށް މޯދީ ކުރައްވާ ދަތުރަށް ޗައިނާއިން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމަށް ވަންގްއާ ހަވާލާދީ ރަސްމީ ތަރުޖަމާ ބުންޏެވެ.
"ތާރީހާއި ހަގީގަތް އަނެއްކާވެސް މި ދައްކައިދެނީ ޗައިނާ-އިންޑިއާގެ ދުޅަހެޔޮ ގުޅުމަކީ ދެ ގައުމުގެ އަސާސީ އަދި ދުރުރާސްތާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތްކަން،" ވަންގް ވިދާޅުވި އެވެ.
ވަންގް މިއަދު މޯދީއާ ވެސް ބައްދަލުކުރައްވާނެ އެވެ.
އާބާދީ އެންމެ ބޮޑު މި ދެ ގައުމަކީ ދެކުނު އޭޝިއާގައި ނުފޫޒު ފެތުރުމުގައި ވާދަވެރި ދެ ގައުމު ކަމަށް ވާއިރު 2020 ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.
އިންޑިއާއަކީ އެމެރިކާ، އޮސްޓްރޭލިއާ އަދި ޖަޕާނުން ޗައިނާގެ ނުފޫޒާ ދެކޮޅަށް އުފައްދާފައިވާ ކުއާޑް ސެކިއުރިޓީ އެލަޔަންސްގައި ވެސް ހިމެނޭ ގައުމެކެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެރިފްގެ "ހަނގުރާމަ" އާ ހެދި ދުނިޔޭގެ ވިޔަފާރީގެ މައްސަލަތަކާއި ޖިއޮޕޮލިޓިކަލް ހަމަނުޖެހުންތަކުގެ ސަބަބުން އިންޑިއާ އާއި ޗައިނާ ވަނީ އަލުން ގުޅުން ބަދަހިކުރަން ފަށައިފަ އެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާ އެކު ހޯމަ ދުވަހު ވަންގް ބޭއްވި މަޝްވަރާތަކުގައި ވަންގް ވަނީ ދެ ގައުމު ވާދަވެރިންގެ ގޮތުގައި ތިބުމަށް ވުރެ ބައިވެރިންގެ ގޮތުގައި ތިބުމުން ފުރުސަތުތައް މާބޮޑަށް ފަހިވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަ އެނަލިސްޓް.
19 August 2025
ޗައިނާއާ ރަޝިއާއާ އެއްކޮޅަށް އިންޑިއާ އަރައިފިއްޔާ އެއުފެދުނީ ދުނިޔޭގެ ވަރުގަދަ އިގްތިސާދީ އަސްކަރީ ވަރުގަދަ ބްލޮކެއް. އޭރަށް ދުނިޔެއަށް ނުފޫޒު ފޯރުވަމުންދާ އެމެރިކާ އިނދަޖެހޭނެ. އެމެރިކާ އިނދަ ޖެހިއްޖެއްޔާ ހުޅަނގު ޔޫރަޕްގެ ބާރުވެސް ދާނީ މަޑުމަޑުން ކެނޑެމުން. ރަޝިއާ ޗައިނާ އިންޑިއާ ހިމެނޭ އިރުމަތީ ބްލޮކާ ގުޅޭނެ ގައުމުތަކުގެ ތެރޭގަ އެމެރިކާގެ ދުއްޕާނުން ސަލާމަތްވާން ބޭނުންވާ ކުރިއަރަމުން އަންނަ ކިތަންމެ ގައުމެއް އެބަހުރި...