ސެޕްޓެމްބަރު 19، 2025 ގައި ޔުނިޓެއިޑް/ގިލިއަޑް ސައިންސަސް އިންކް އިން އާންމުކުރި ފޮޓޯއެއްގައި މި ފެންނަނީ އަހަރަކު 40 ޑޮލަރުގެ އަގެއްގައި ލިބޭނެ، އެޗްއައިވީން ރައްކާތެރިކޮށްދޭ އިންޖެކްޓަބަލް ބޭހުގެ ޖެނެރިކް ވާޝަން.
25 ސެޕްޓެމްބަރ 2025 - 06:05
އެޗްއައިވީން ރައްކާތެރިކޮށްދޭ އަދި ފަރުވާއަށް އިންގިލާބީ ބަދަލެއް ގެނުވި، އިންޖެކްޓުކޮށްގެން ދޭ ބޭހުގެ ޖެނެރިކް ވާޝަނެއް 2027 ވަނަ އަހަރުން ފެށިގެން 100 އަށް ވުރެ ގިނަ ގައުމުގައި އަހަރަކު 40 ޑޮލަރަށް ލިބޭ ގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށް ޔުނިޓެއިޑް އަދި ގޭޓްސް ފައުންޑޭޝަނުން ބުދަ ދުވަހު ބުނެފި އެވެ.
މި ދެ ޖަމިއްޔާއިން ވަނީ "ލީނަކެޕަވިއާ" ގެ ނަން ދީފައިވާ، އަހަރަކު ދެ ފަހަރު އިންޖެކްޓުކުރަންޖެހޭ މި ބޭހުގެ ޖެނެރިކް ވާޝަނެއް ހެދުމަށް އިންޑިއާގެ ފާމަޝޫޓިކަލް ކުންފުނިތަކަކާ އެކު ވަކިވަކިން އެއްބަސްވުންތަކެއް ހަދައިފަ އެވެ. މިއީ އެޗްއައިވީ ޓްރާންސްމިޝަން 99.9 ޕަސެންޓް ކޮންޓްރޯލްކޮށްދޭ ބޭހެކެވެ.
ކެލިފޯނިއާގައި ހުންނަ ގިލިއަޑް ސައިންސަސް އިން ޔެޒްޓޫގޯގެ ނަމުގައި މާކެޓްކުރާ ލީނަކެޕަވިއާ އެމެރިކާގައި ވިއްކަނީ ގާތްގަނޑަކަށް 28،000 ޑޮލަރަށެވެ.
ޔުނިޓެއިޑްގެ ސްޓްރެޓެޖިކް ލީޑް ކާމަން ޕެރޭޒް ކާސަސް އޭއެފްޕީއަށް ވިދާޅުވި ގޮތުގައި އެޗްއައިވީން ރައްކާތެރިވުމަށް، އަގުހެޔޮ ޖެނެރިކް ވާޝަންތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ވަރަށް މުހިންމެވެ.
"މިއީ އެޗްއައިވީ ނިމުމަކަށް ގެނެވިދާނެ އުފެއްދުމެއް."
އިންޓަނޭޝަނަލް ހެލްތު އެޖެންސީއެއް ކަމަށްވާ ޔުނިޓެއިޑް އިން ބުނީ 2027 ވަނަ އަހަރުން ފެށިގެން 120 ގައުމެއްގައި ކޮންމެ މީހަކަށް އަހަރަކު 40 ޑޮލަރުގެ ރޭޓުގައި މި ބޭސް ފޯރުކޮށްދިނުމަށް ޑރ ރެޑީސް ލެބޯޓްރީސް، ކްލިންޓަން ހެލްތު އެކްސެސް އިނިޝިއޭޓިވް (ސީއެޗްއޭ) އަދި ވިޓްސް އާރްއެޗްއައިއާ އެކު އެއްބަސްވުންތައް ހަދާފައިވާ ކަމަށެވެ.
ގޭޓްސް ފައުންޑޭޝަނުން ވަނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ހެޓެރޯއާ އެކު ވެސް މިފަދަ ޕާޓްނާޝިޕެއް ހަދައިފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލުންގިރި
25 September 2025
އަދީބު ފައިލްސް އަދި އާލަމްގިރި ވީޑިއޯ ތަކާ ދިވެހި ޓިކްޓޮކް ތަކުން އިނގޭ މި ބޭސް އެންމެ ބޭނުން ވާނީ ދިވެހިންނަށްކަން، އާސަންދައިން އަވަހަށް މިބޭސް ދިވެހިންނަށް ލިބޭނެ ގޮތް ހައްދަވާދެއްވާ