ބަންގްލާދޭޝްގެ ވެރިކަމުން ޝައިހް ހަސީނާ ދުރުކުރި ފަހުން ހިންގި ހަމަނުޖެހުންތަކެއްގައި، ހަސީނާގެ އާއިލީ ގެއެއްގައި ހުޅުޖަހާފައި: ހަސީނާގެ ވެރިކަން ނިމުމަށް ފަހު ވެސް އެ ގައުމުގައި އަނިޔާވެރިކަން އަދިވެސް ބޮޑު. -- ފޮޓޯ: އޭއެފްޕީ
03 ނޮވެމްބަރ 2025 - 06:28
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުން ޝައިޚް ހަސީނާ ދުރުކުރި ފަހުން މިވީ އަހަރެއްހާ ދުވަސް ތެރޭގައި ވެސް ސިޔާސީ އެކި ހަމަނުޖެހުންތަކުގައި 300 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް، އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މައި ޖަމާއަތުން ބުނެފި އެވެ.
ޑާކާގައި ގާއިމުވެފައިވާ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ "އޮދިކާރް" އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ހަސީނާގެ ވެރިކަން ނިމުމަކަށް އައި ފަހުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 281 މީހުން ސިޔާސީ ހަމަނުޖެހުންތަކުގައި މަރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި ނެރުނު ކުއާޓާލީ ރިޕޯޓުގައި އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެކި ކުށްތަކުގެ ތުހުމަތުކޮށް، ގާނޫނީ އިމުގެ ބޭރުން 40 މީހަކު މަރާލާފައިވާ ކަމަށާއި 153 މީހަކަށް ބޮޑެތި އަނިޔާތައް ވެސް ދީފައިވާ ކަމަށެވެ.
އޮދިކާރްގެ ޑިރެކްޓަރު އޭއެސްއެމް ނާސިރުއްދީން އެލަން ވިދާޅުވީ ހަސީނާގެ ސަރުކާރު ވެއްޓުނު ފަހުން އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުން އިތުރުވެފައިވާ ކަމަށާއި ނަމަވެސް ތަންފީޒޒީ އިދާރާތަކުގެ މީހުން ހިންގާ އިންސާނިއްޔަތާ ހިލާފް އަމަލުތަކުގައި އެ މީހުން ޒިންމާ ނުކުރެވޭ ކަމަށެވެ.
"ހަސީނާގެ ދުވަސްވަރު އޮތް މިންވަރަށް، ގާނޫނީ އިމުން ބޭރުން މީހުންމެރުން އަދި މީހުން ވަގަށް ނެގުން މިހާރަކު ނެތް. އެކަމަކު އަދިވެސް ބަންދުގައި ތިބޭ މީހުން މަރުވުމާއި، ރިޝްވަތު ދިނުމާއި، އަނިޔާ ލިބޭ މީހުންނަށް ފުރައްސާރަ ކުރުމުގެ ހާދިސާތައް ދަނީ ހިނގަމުން،" އީލަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށެއް ނެތް އެތައް ބަޔަކަށް، ހަސީނާގެ ސިޔާސީ ޕާޓީ، އަވާމީ ލީގަށް ތާއީދުކުރާތީ އަނިޔާއާ ކުރިމަތިވާ ކަމަށެވެ.
ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ހިލާފު އެތައް ކަމެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. އޭގެ ތެރޭގައި އޭނާގެ ސިޔާސީ ވާދަވެރިންގެ އެތައް ބަޔަކު ހައްޔަރުކޮށް، ގާނޫނާ ހިލާފަށް މަރުގެ އަދަބު ދިނުން ހިމެނެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy