އައިފޯން ޕޮކެޓް: ފޯނު ލައިގެން ގެންގުޅެން އެޕަލް އިން ހެދި މި "ޕޮކެޓް" ވަނީ ޖޯކަކަށް ވެފައި.
13 ނޮވެމްބަރ 2025 - 05:50
އައިފޯން ލައިގެން ގެންގުޅޭ "ކެރީން ކޭސް" އެއް ކަމަށް ބުނެ އެޕަލް އިން ބާޒާރަށް ނެރުނު "އައިފޯން ޕޮކެޓް" އަށް ފާޑުކިޔުން އަމާޒުވެ ޖޯކު ޖަހަން ފަށައިފި އެވެ.
އައިފޯނެއް ފިޓުވާ ފުޅާމިނުގައި، ވިޔެގެން ހަދާފައިވާ ކުޑަ ދަބަހެއް ނަމަވެސް އެ އޮންނަ ގޮތާއި އޭގެ އަގުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ފާޑު ކިޔާފައިވާ ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއީ އިސްޓާކީނެއްގެ ފައިތިލައާ ހިސާބު ބުރިކޮށްލާފައި އޭގެ މަތީބައި 230 ޑޮލަރަށް ވިއްކުމެވެ.
"އައިފޯން ޕޮކެޓް" ތައާރަފްކޮށް އެޕަލްއިން އާންމުކުރި ފޮޓޯއެއް
އެޕަލްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މީގެ ސްޓްރެޕް ނުވަތަ ކޮނޑުގައި އަޅުވާ ބައި ކުރު ވައްތަރު ވިއްކަނީ 149.95 ޑޮލަރަށެވެ. އަދި ދިގު ވައްތަރު 229.95 ޑޮލަރަށެވެ.
މަޝްހޫރު ޓެކް ޔޫޓިއުބަރެއް ކަމަށްވާ މާކަސް ބްރައުންލީ ބުނީ މިއީ އެޕަލްއަށް ވަރަށް ބޮޑު "އިމްތިހާނެއް" ކަމަށެވެ. އޭނާ ބުނީ އެޕަލްގެ ކޮންމެ އުފެއްދުމެއް ދިފާއުކުރާ، އެ ބްރޭންޑުގެ ފޭނުން މި ވެސް ދިފާއުކޮށް ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ނިންމަން ޖެހިފައިވާ ކަމަށެވެ.
"އައިފޯން ޕޮކެޓް" އެއް ދަބަހެއްގައި އައްސާލާފައި
އެޕަލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިއީ ޖަޕާނުގެ ފެޝަން ލޭބަލް އިސީ މިޔާކޭއާ ގުޅިގެން އުފައްދާފައިވާ ލިމިޓެޑް އެޑިޝަން ރޭންޖެއް ކަމަށެވެ. މިހާރު މަރުވެފައިވާ އެ ފެޝަން ޑިޒައިނަރަކީ އެޕަލްގެ ކޯ ފައުންޑާ ސްޓީވް ޖޮބްސް ދުނިޔޭގައި ހުރި އިރު އާންމުކޮށް ލާން ބޭނުންކުރި ކަޅު ކުލައިގެ ޓާޓްލްނެކް ސްވެޓަރުތައް އުފެއްދުމުގައި އެޕަލްއާ ގުޅިގެން މަސައްކަތްކުރި މީހެކެވެ.
އައިފޯން ޕޮކެޓް
އެޕަލް އިން ބުނީ މި އުފެއްދުމުގެ ވިސްނުން އައީ ވެސް "ފޮތިކޮޅެއް" ގެ ކޮންސެޕްޓުން ކަމަށާއި ބޭނުމަކަށްވީ "އިތުރު ޖީބެއް" ދިނުން ކަމަށެވެ.
މި ދަބަހުގެ ކުރު ސްޓްރެޕް ޑިޒައިން އަށް ކުލައަކުން އަދި ދިގު ސްޓްރެޕް ތިން ކުލައަކުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އާފަލް
13 November 2025
ހަމަޖެހިބަލަ. ތީ އެޕަލްއާ އިސޭ މިއާކީގެ ކޮލަބްރޭޝަން އެއް. ޖަސްޓަ އަފެޝަން އެކްސެސަރީ
ޖަލީލީ
13 November 2025
ސުޓީވް ޖޮބްސް ގުރިބުރިއެއް ރުނަސް އެޕަލްގެ ފޭނުން ގަންނާނެ އެ ވަރިހަމަ 1 މިލިއަން ޑޮލަރަށް ވިޔަސް
އަހުމިއްތޭ
14 November 2025
ހަމަ ސެމްސަންގް ފޭންސްވެސް އެފަދަ.