ބޮޑު ލޯނަކަށް ފިލައިގެން އުޅެނިކޮށް އިންޑޮނީޝިއާއިން ހައްޔަރުކުރި ޗައިނާ މީހާ ނޫސްވެރިންނަށް ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ
19 ނޮވެމްބަރ 2025 - 05:49
ވިޔަފާރީގެ ބޭނުމަށް ނެގި 138 މިލިއަން ޑޮލަރުގެ ކޯޕޮރޭޓް ލޯނެއް ނުދައްކައި ފިލައިގެން އުޅުނު ޗައިނާ މީހަކު އިންޑޮނީޝިއާ އިން ހައްޔަރުކޮށްފި އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި ކުރަން ނެގި ލޯނު ނުދައްކައި، ފިލައިގެން އުޅެނިކޮށް 58 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައިވަނީ، އިންޑޮނީޝިއާގެ ހުޅަނގުގައި އޮންނަ ބަޓަމް ނަމަކަށް ކިޔާ ރަށެއްގައި އުޅެނިކޮށެވެ. އެކަމަކު އެ މީހާގެ ނަން ހާމަ ނުކޮށް ބޭނުންކޮށްފައިވަނީ "އެންޒެޑް" ގެ ނަމުންނެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ، އިންޑޮނީޝިއާގައި ހުންނަ ޗައިނާ އެމްބަސީން އެ މީހާ ހައްޔަރުކުރުމަށް އެދުނު އެދުމަކާ ގުޅިގެން ކަމަށް އިންޑޮނީޝިއާގެ އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، އެ މީހާ އަކީ ޗައިނާގެ ރިއަލް އެސްޓޭޓް ކުންފުންޏެއްގެ ޑިރެކްޓަރެއް ކަމަށާއި، އޭނާ ހޯދަމުން ދިޔައީ އެ ކުންފުނިން ނެގި 980 މިލިއަން ޔުއާންގެ ލޯނެއް ނުދައްކައިގެން ކަމަށެވެ.
އެ މީހާ ހައްޔަރުކުރަން އުޅުމުން، ޗައިނާ ދޫކޮށް ފިލުމާ ގުޅިގެން، އޭނާ ހައްޔަރުކުރަން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ރެޑް ނޯޓިސް ނެރުނު ކަމަށް ބުންޏެވެ. މިދިޔަ އޯގަސްޓް މަހުން ފެށިގެން އޭޝިޔާގެ އެކި ގައުމުތަކުގައި އުޅުމަށްފަހު، އެ މިހާ އިންޑޮނީޝިއާ އަށް އެތެރެވެފައިވަނީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭނާ ބަންދުގައި ބަހައްޓާފައިހުރީ، އިމިގްރޭޝަނުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ކަމަށް އެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުންޏެވެ. ޗައިނާގައި ރިއަލް އެސްޓޭޓް މާކެޓަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ބައެއް ބޮޑެތި ކުންފުނިތަކަށް ވެސް ވަނީ މާލީ ދަތިކަން ކުރިމަތިވެ، ދަރަނިތައް ދެއްކުމަށް ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy