ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތް، އެސްޓީސީއަށް ދޭން ޔޫއޭއީން ގެނެސްފައިވާ ކަމަށް ތުހުމަތުކުރާ އަސްކަރީ އުޅަނދުތަކަށް ސައުދީ ކޯލިޝަނުން ދިން ހަމަލާގައި ގެއްލުންތައް ލިބިފައި. --ފޮޓޯ: އޭއެފްޕީ
31 ޑިސެމްބަރ 2025 - 06:57
ސައުދީ އަރަބިއްޔާ އިން ދީފައިވާ 24 ގަޑިއިރުގެ މުހުމަތުގެ ތެރޭގައި، ޔަމަނުގައި ގާއިމުވެ ތިބި، ޔޫއޭއީގެ ސިފައިން އަނބުރާ ގެންދަން ނިންމައިފި އެވެ.
ޔަމަނުގެ ދެކުނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ)ގެ ހަނގުރާމަވެރިން ވަނީ ޔަމަނުގެ އިތުރު ސަރަހައްދުތައް ހިފުމަށް މަސައްކަތް ފަށައިފަ އެވެ.
އެސްޓީސީން މި މަހުގެ ތެރޭގައި ވަނީ ޔަމަނުގެ ދެކުނުގެ ބޮޑު ބައެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހަލްރަމައުތާއި އަލް މަހްރާ ހިމެނެ އެވެ.
އެސްޓީސީއަކީ ޔޫއޭއީން ވާގިވެރިވާ ޖަމާއަތެކެވެ. ނަމަވެސް އެސްޓީސީގެ އާ މިސްރާބުގެ ފަހަތުގައި ޔޫއޭއީގެ އެއްވެސް ދައުރެއް ނެތް ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ.
އެސްޓީސީގެ ސަބަބުން ސައުދީގެ ދެކުނުގެ ސަރަހައްދީ ރޮނގަށް ސަލާމަތީ ގޮތުން ނުރައްކާވާ ކަމަށް ސައުދީން ދަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން ސައުދީ އާއި ޔޫއޭއީއާ ދެމެދު ނުތަނަވަސްކަން އިތުރުވެފައި ވަނިކޮށް، މުދާ ހިފައިގެން ޔަމަނުގައި ބަނދަރުކުރި ޔޫއޭއީއަށް ނިސްބަތްވާ އުޅަނދަކަށް، ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންގެ ހަނގުރާމަވެރި ޖަމާއަތާ ދެކޮޅަށް ސައުދީން އިސްވެ އުފައްދާފައިވާ އިއްތިހާދުން ވަނީ ހަމަލާދީފަ އެވެ.
އެ އުޅަނދު ބަނދަރު ކޮށްފައި ވަނީ، އެސްޓީސީ އަށް ހަތިޔާރު ހިފައިގެން ކަމަށް އެ އިއްތިހާދުން ތުހުމަތުކުރިޔަސް، ޔޫއޭއީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
ޔޫއޭއީގެ ސިފައިން ޔަމަނަށް އެރީ، ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ސައުދީ އިސްވެ އޮތް އިއްތިހާދުގެ ބައިވެރިއެއްގެ ގޮތުގަ އެވެ.
މިގޮތުން، 2019 ވަނަ އަހަރުގެ ތެރޭގައި ޔޫއޭއީގެ ފައުޖުގެ ބޮޑު ބައެއް ޔަމަނުން ފޭބިނަމަވެސް، މަދު އަދަދެއްގެ ސިފައިން ޔަމަނުގެ ދެކުނުގައި އަދިވެސް ގާއިމުވެ އެބަތިއްބެވެ.--އޭއެފްޕީ
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޛެރާ
31 December 2025
ތިވާނީ އިޒްރޭލުން ތި ޖަމާއަތަށް ވާގިވެރިވަނީކަމަށް..
ހަގީގަތް
31 December 2025
ސައުދީއާ ޔޫއޭއީއިންވެސް އެމަސައްކަތް ކުރަނީ އިޒްރާއީލާ ދެކޮޅު ހޫތީންގެ ބާރު ކަނޑުވާލަން. އިޒްރާއީލަށް ވާގިވެރިވާން އެހެން މުސްލިމުން މަރަން ޖެހުނަސް އެކަންވެސް ކުރާނެ އެ ގައުމުތަކުން.