އެމެރިކާ އިން ސިފައިން ފޮނުވައިގެން ވިޔަސް ގްރީންލަންޑް ހިފަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ތެރޭގައި މަޝްވަރާތައް ކުރަމުން އަންނަ ކަަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލީވިޓް ވިދާޅުވީ، އެމެރިކާގެ ބާރުގެ ދަށަށް ގްރީންލަންޑް ގެނައުމަކީ، ޓްރަމްޕްގެ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ވަރަށް މުހިންމު އަމާޒެއް ކަމަށެވެ.

ޗައިނާ އާއި ރަޝިއާ ފަދަ ގައުމުތަކުން އެމެރިކާގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެކަން ހާސިލް ކުރުމަށްޓަކައި ކުރާނެ ކަންތައްތަކާ މެދު މަޝްވަރާ ކުރެވެމުންދާއިރު، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، އަސްކަރީ ބާރު ބޭނުންކުރުމަކީ ޓްރަމްޕަށް ލިބިވަޑައިގަންނަވާ އިހްތިޔާރެއް ކަމަށް ލީވިޓް ވިދާޅުވި އެވެ. 

އިލެކްޓްރޯނިކް ސާމާނާއި މިސައިލް އުފެއްދުމަށް ބޭނުންކުރާ އަގު ހުރި މައުދަންތަކުން މުއްސަނދި ގްރީލަންޑަކީ ޑެންމާކުގެ ބައެކެވެ.

އަސްކަރީ ބާރު ބޭނުންކޮށްގެން ގްރީލަންޑް ހިފަން މަސައްކަތް އެމެރިކާ އިން މަސައްކަތްކޮށްފި ނަމަ، ނޭޓޯގެ އިއްތިހާދު ރޫޅޭނެ ކަމުގެ އިންޒާރު ގްރީންލަންޑާއި ޑެންމާކުން ވަނީ ދީފަ އެވެ. 

އެކަމުގެ ކަންބޮޑުވުން ނޭޓޯގެ އެހެން މެމްބަރު ގައުމުތަކުން ވެސް ދަނީ ތަކުރާރުކޮށް ފާޅުކުރަމުންނެވެ. 

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ބޮޑަށް ބޭނުންފުޅުވަނީ ޑެންމާކު އަތުން ގްރީންލަންޑް ގަންނާށެވެ. 

އެ ވިސްނުން، އެމެރިކާގެ ފޮރިން މިނިސްޓަރު މާކޯ ރޫބިއޯ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން އަރިހުގައި ވިދާޅުވި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ގްރީންލަންޑް، ޑެންމާކުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1953 ވަނަ އަހަރުގެ ތެރޭގަ އެވެ. ނަމަވެސް 1979 ވަނަ އަހަރު ޑެންމާކުން ވަނީ ގްރީންލަންޑަށް ބައެއް ދާއިރާތަކުން މިނިވަންކަން ދީފަ އެވެ.