ސީރިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަން އެ ގައުމަށް ދިޔަ އައިއެސްގެ ހަނގުރާމަވެރިންގެ އާއިލާތައް ތިބޭ އަލް ހައުލް ކޭމްޕު ހުންނަ ސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ފޭބުމުން ސަރުކާރުގެ ސިފައިން ވަދެ އެތަނުގެ ކޮންޓްރޯލް ނަގައިފި ކަމަށް އެތަނަށް ދިޔަ އޭއެފްޕީގެ ނޫސްވެރިން ބުނެފި އެވެ. 

ކުރުދީންގެ ބާރުގެ ދަށުގައި އޮތް ސީރިއާގެ އުތުރާއި އިރުމަތީ ސަރަހައްދުތައް ސިފައިން ހިފުމަށް ފަހު، ހަނގުރާމަ ހުއްޓާލުމުގެ އާ އެއްބަސްވުމެއް ކުރުދިޝް-ލެޑް ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް) އާ އެކު ހަދައި ސަރުކާރުން ވަނީ އެކަން އިއުލާނުކޮށްފަ އެވެ.

އައިއެސްއާ ދެކޮޅަށް ކުރުދީންނަށް ވާގިވެރިވާ ބައިނަލްއަގުވާމީ ކޯލިޝަނެއް އެކުލަވާލައިގެން އުޅުނު އެމެރިކާ އިން ބުނީ ހަނގުރާމަވެރިން ބަލިކޮށް، ކޯލިޝަންގެ މަގްސަދު ގާތްގަނޑަކަށް އެއްކޮށް ހާސިލް ވެފައިވާ ކަމަށެވެ. އެމެރިކާއިން މިހާރު ތާއީދުކޮށް އެއްބާރުލުން ދެނީ ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސް ވެރިކަމާ ހަވާލުވި އަހްމަދު އައް ޝަރާގެ ސަރުކާރަށެވެ. 

އަލް ހައުލް ރެފިއުޖީ ކޭމްޕު ބޭރުގައި އެ ތަނުގައި އުޅޭ ބައެއް މީހުންގެ އާއިލާތަކުގެ މީހުން މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
އަލް ހައުލް ރެފިއުޖީ ކޭމްޕު ބޭރުގައި އެ ތަނުގައި އުޅޭ ބައެއް މީހުންގެ އާއިލާތަކުގެ މީހުން މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ

އޭއެފްޕީގެ ނޫސްވެރިން ބުނީ އަލް ހައުލްގައި ހުރި ރެފިއުޖީ ކޭމްޕުގެ ދަގަނޑު ގޭޓް ހުޅުވައި ސިފައިން ވަން އިރު އެހެން ސިފައިން މުޅި ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ކަމަށެވެ. 

ހަސަކޭހް ޕްރޮވިންސްގެ ސަހަރާގައި އޮންނަ މި ކޭމްޕުގައި 24،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި 40 ގައުމަކަށް ނިސްބަތްވާ، 6،200 އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. 

ސީރިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ކުރުދީން މި ކޭމްޕު ދޫކޮށް ދާން ޖެހިފައިވާ ކަމަށް ބުނުމާ އެކު އެތަނުގެ ޒިންމާތަކާ ހަވާލުވާން ތައްޔާރު ކަމަށް ވެސް ބުނެފަ އެވެ.  

ސީރިއާގެ ރައީސް ޝަރާ އާއި އެސްޑީއެފްގެ ވެރިޔާ މަޒްލޫމް އަބްދީ ވަނީ އައިއެސްގެ ގައިދީންގެ ޒިންމާ ސީރިއާ ދައުލަތުން ނަގާ ގޮތަށް އެއްބަސްވެފައިވާ ކަމަށް ވެސް އިއުލާނުކޮށްފަ އެވެ. 

އަލް ހައުލް ކޭމްޕަކީ ކުރުދީ ހަނގުރާމަވެރިން ސީރިއާގެ ބޮޑު ބައެއްގެ ކޮންޓްރޯލް ހޯދުމަށް ފަހު އައިއެސްގެ ގައިދީން ބައިތިއްބަން ހެދި އެންމެ ބޮޑު ކޭމްޕެވެ.