ޒުބެއިރު ސީރިއާ އަށް ދިޔައީ ދެ ދަރިންނާއި އަނބިމީހާ ވެސް ގޮވައިގެން: ކައުންޓާ ޓެރަރިޒަމް ސެންޓަރު

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ސީރިއާގައި ހަނގުރާމަ ކުރަމުން ދަނިކޮށް މަރާލި އަހުމަދު ޒުބައިރު، އެ ގައުމަށް ދިޔައީ އޭނާގެ ދެ ދަރިންނާއި އަނބިމީހާ ވެސް ގޮވައިގެން ކަމަށް ރާއްޖޭގެ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މިރޭ ބުނެފި އެވެ.


ސީރިއާގައި ހަނގުރާމަ ކުރަމުން ދަނިކޮށް، އައިއެސްގެ ގޮތްޕެއް ކަމަށް ނުސްރާ ފްރަންޓް ގްރޫޕުން ހައްޔަރު ކުރުމަށް ފަހު، ބޯ ބުރިކޮށްލައިގެން މަރައިލީ ވ. މެޑެލްޖެހިގޭ އަހުމަދު ޒުބައިރެވެ.

އޭނާ މަރައިލި ޚަބަރު މީޑިއާތަކުން މިއަދު ރިޕޯޓް ކޮށްފައި ވަނިކޮށް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ނެރުނު ބަޔާނެއްގައި ވަނީ ޒުބެއިރަކީ ހަރުކަށި ފިކުރުތަކަށް ތަބާވެ، އެ ފަދަ ފިކުރުތައް ފިތުރަން މަސައްކަތް ކުރި ކަމުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އަދި ޒުބެއިރަކީ ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި ބައިވެރިވުމަށް ރާއްޖޭ ދޫކޮށް ދިޔަ މީހުންގެ ލިސްޓުގައި ހިމެނޭ މީހެއް ކަމަށާއި އޭނާއާ އެކު އޭނާގެ ދެ ދަރިންނާއި އަނބިމީހާ ގެންގޮސްފައިވާ ކަމަށް ވެސް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުންޏެވެ.

"މީނާގެ މަރާ ބެހޭގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި މީނާއާ މެދު ކަންތައް ހިނގާފައިވާ ގޮތް ފުރިހަމަ އަށް ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން މި ގެންދަނީ މަސައްކަތް ކުރަމުންނެވެ،" ބަޔާނުގައި ވެ އެވެ.

ސީރިއާ އަށް ހަނގުރާމަ ކުރަން ގޮސްފައިވާ ދިވެހިންގެ އަދަދު 50 އާ ގާތްކުރާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައި ވެ އެވެ. އެކަމަކު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން ގެންދަނީ ބޭރު ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ އަދަދު 250 އަށް އަރާނެ ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނު މިހާރު އޮންނަ ގޮތުން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ނުވަތަ ބައިވެރިވާން އުޅުމަކީ ވެސް ދިގުު މުއްދަތުގެ ޖަލު ހުކުމް އަންނަ ކުށެކެވެ. ހަނގުރާމަ ކުރަން ގޮސް އުޅެނިކޮށް އަދި ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހު ރާއްޖެ އައިސްފައިވާ ބައެއް ދިވެހިންގެ މައްޗަށް ޝަރީއަތް ދަނީ ހިނގަމުންނެވެ. އަދި ބައެއް މީހުން ސީރިއާ އަށް ދާން އުޅެނިކޮށް ވެސް އަތުލައިގަނެ، ވަނީ ދައުވާ އުފުލައިފަ އެވެ.