ޑެންމާކުގެ ދަށުގައި އޮންނަ ގްރީންލެންޑު "ކޮންމެ ގޮތަކުން ވިޔަސް ހޯދާނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވަމުން ގެންދެވުމަށް ފަހު ވާހަކަ ބަދަލުކުރައްވައިފި އެވެ.
މިދިޔަ ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް އިކޮނޮމިކް ފޯރަމްގައި ތަގުރީރުކުރައްވަމުން ޓްރަމްޕު ވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ގްރީންލެންޑު ހޯދަން ނޫޅޭނެ ކަމަށާއި އެކަމަކު އެތަން އެމެރިކާއަށް ދިނުމާ ބެހޭ މަޝްވަރާތައް ވަގުތުން ފަށަން ޖެހޭނެ ކަމަށެވެ.
ނޭޓޯގެ މެންބަރު ގައުމެއްގެ ދަށުގައި އޮންނަ ގްރީންލެންޑު އެމެރިކާގެ ގައުމީ ސަލާމަތަށް ކަމަށް ބުނެ އަތުލަން ޓްރަމްޕު ނިންމަވައި އިންޒާރު ދެއްވަން ފެއްޓެވުމާ އެކު "ގްލޯބަލް އޯޑާ" އަށް ލޮޅުން އަރައި ހިއްސާގެ ބާޒާރުތަކަށް ވެސް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ.
ސްވިޓްޒަލެންޑުގައި އޮތް ފޯރަމްގައި އެއް ގަޑިއިރަށް ވުރެ ގިނަ ދިގު ދެމިގެން ދިޔަ ތަގުރީރުގައި ޓްރަމްޕު ވަނީ ޑެންމާކުން ގްރީންލެންޑު ދޫކޮށްލަން އެއްބަސްނުވާތީ އެ ގައުމަކީ "ޝުކުރުވެރިނުވާ ބައެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި ގްރީންލެންޑަށް އިޝާރާތްކުރައްވައި ވިދާޅުވީ އެމެރިކާ އެކަނި ވެސް "އެ ބިޔަ ގަނޑު ފެންގަނޑުގެ" ސަލާމަތީ ކަންތައް ބެލެހެއްޓޭނެ ކަމަށެވެ.
ހަރުކަށި ރާގުގައި ވާހަކަ ދެއްކެވި ނަމަވެސް ޓްރަމްޕު ފުރަތަމަ ފަހަރަށް ވަނީ، މިނެރަލްގެ މުއްސަނދިކަން ލިބިފައިވާ އާކްޓިކްގެ އެ ރަށް ހޯދުމުގައި އަސްކަރީ ބާރުގެ ބޭނުން ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްގެން ނޫނީ ފަހަރެއްގައި އެމެރިކާއަށް އެކައްޗެއް ވެސް ނުލިބިދާނެ. ހަގީގަތަށް ބުނާ ނަމަ [ބާރުގެ ބޭނުން ކޮށްފި ނަމަ] އެމެރިކާ ނުވެސް ހުއްޓުވޭނެ. -- އެކަމަކު އަޅުގަނޑު އެކަމެއް ނުކުރާނަން،" ޓްރަމްޕު ވިދާޅުވި އެވެ.
"އަޅުގަނޑު ބާރުގެ ބޭނުންކުރާކަށް ނުޖެހޭނެ. އަޅުގަނޑު ބާރުގެ ބޭނުންކުރާކަށް ބޭނުމެއް ވެސް ނޫން. އަޅުގަނޑު ބާރުގެ ބޭނުމެއް ނުކުރާނަން. އެމެރިކާއިން މި އެދެނީ ގްރީންލެންޑު ކިޔާ ތަނެއް ދިނުމަށް."
ޓްރަމްޕުގެ މި ވާހަކަތަކަށް ފަހު ވޯލް ސްޓްރީޓްގައި ވަނީ ހިއްސާގެ އަގުތައް އުފުލިފަ އެވެ.
ބާރުގެ ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ގްރީންލެންޑަކީ "އަހަރެމެންގެ" ތަނެއް ކަމަށް ވިދާޅުވި އެވެ. އަދި ގްރީންލެންޑަށް ނިސްބަތްކޮށް އެތައް ފަހަރަކު "އައިސްލެންޑް" އޭ ވިދާޅުވެވުނެވެ.
އޭނާ ވިދާޅުވީ ގްރީންލެންޑް އެމެރިކާ އިން "ގަތުމުގެ" މަޝްވަރާ މިހާރުން މިހާރަށް ފަށަން ޖެހޭނެ ކަމަށެވެ. އަދި އެކަމުގައި ޑެންމާކުން ނޫނެކޭ ބުނެފި ނަމަ އެކަން އެމެރިކާއިން ތާއަބަދަށް ހަނދާނުގައި ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
ޓްރަމްޕު ވިދާޅުވަނީ ގްރީންލެންޑު ހިފަން ޖެހެނީ ރަޝިޔާ އާއި ޗައިނާގެ ނުރައްކާ އެތަނަށް އޮތުމުން ކަމަށެވެ. -- އޭއެފްޕީ