ކުޑަކުދިންނާ ބެހުމާއި ޖިންސީ އެކި ކުށްތަކުގައި ޖަލަށް ލާފައި ވަނިކޮށް މަރުވި އެމެރިކާގެ ފައިނޭންސަރު ޖެފްރީ އެޕްސްޓީން އާއި އޭނާގެ އެކުވެރިއެއް ކަމަށްވާ ދުބާއީ ޕޯޓް ވޯލްޑްގު ސީއީއޯ ސުލްތާން އަހްމަދު ބިން ސުލައިމާން ގެފުޅުގެ އުރަކޮޅު (ކިސްވާ) ގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް އެޕްސްޓީންގެ ގޭތެރޭގައި ފަތުރައިގެން އޭގެ ކައިރީގައި ތިބި މަންޒަރު ފެންނަ ފޮޓޯއެއް އާންމުކޮށްފި އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެންމެ ފަހުން އާންމުކުރި އެޕްސްޓީންގެ ޑޮކިއުމެންޓުތަކުގައި ހިމެނޭ އީމެއިލަކުން ފެންނަ ފޮޓޯގައި ބިންމަތީގައި އަޅާފައި އޮންނަ އެއްޗަކީ ކިސްވާގެ ބައެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭއިރު އެހެން އީމެއިލްއެއްގައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ވިޔަފާރިވެރިއެއް ކަމަށްވާ އަޒީޒާ އަލް އަހްމަދީ ކިޔާ މީހަކު ކިސްވާގެ ތިން ބައެއް އެޕްސްޓީންއަށް ޝިޕްކޮށްދިންކަން ހާމަވެފައިވެ އެވެ.
ކިސްވާގެ ބައެއް ބިންމަތީ ފަތުރާފައި އޮންނަ މަންޒަރު ފެންނަ ފޮޓޯ އަކީ މެއި 8 2014 ގައި އެޕްސްޓީންއަށް މީހަކު ފޮނުވި އީމެއިލްއެއްގައި އެޓޭޗްކޮށްފައިވާ ފޮޓޯއެކެވެ. އެ މެއިލް ފޮނުވި މީހާގެ ނަން ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ސިއްރުކޮށްފަ އެވެ.
ފޮޓޯގައި އެޕްސްޓީން އާއި ސުލައިމާން ތިބެނީ ފަތުރާފައި އޮންނަ ފޮތިގަނޑަށް ބަލަހައްޓައިގެން ޖީބަށް އަތް ޖަހާލައިގެންނެވެ. އެ ދެ މީހުން ބަދަލުކޮށްފައިވާ އީމެއިލްތަކުގައި، ރާއްޖެއަށް ވެސް ޒިޔާރަތްކޮށް ސިޔާސީ ބޭފުޅުންނާ އެކި މަޝްވަރާތައް ކޮށްފައިވާ ސުލައިމާނަކީ އެޕްސްޓީންގެ ފާހިޝް އަމަލުތަކުގެ ބައިވެރިއެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
މިކަމާ ބެހޭ ގޮތުން ސައޫދީ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެކަމަކު ސައޫދީގެ ދެ ހަރަމްފުޅާ ބެހޭ ތަފްސީލް މައުލޫމާތު ގެނެސްދޭ "އިންސައިޑް ހަރަމައިން" އިން ވަނީ ފޮޓޯގައި ފެންނަނީ ކިސްވާގެ ބައެއްކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެފަ އެވެ. އިންސައިޑް ހަރަމައިން އިން، ތަޖުރިބާކާރުންނާ ހަވާލާދީ ބުނެފައިވަނި އަސްލު ކިސްވާ އާއި ފޮޓޯގައި ފެންނަ އެއްޗާ ތަފާތުތަކެއް އެބަހުރި ކަމަށެވެ.
ސައޫދީ ސަރުކާރާ ގުޅުމެއް ނެތް އެ ނިއުސް ޕްލެޓްފޯމުން ބުނީ ފޮޓޯގައި ފެންނަ ފޮތިގަނޑުގެ ސައިޒާއި މެޓީރިއަލް އާއި ބޯޑަރާއި އަރިމަތިތައް އަދި ޕެޓާންތައް ވެސް ކިސްވާއާ ތަފާތު ކަމަށެވެ. އެކަމަކު ކިސްވާ އަކީ ކީރިތި ގުރުއާންގެ އާޔަތްތައް ލިޔެފައިވާ އެއްޗަކަށް ވާތީ އަދި ހަރަމްފުޅުގެ ރަމްޒެއް ކަމަށް ވާތީ، ކިސްވާއާ އެއްގޮަތަށް ހަދާފައިވާ އެއްޗެއް ވެސް ބިންމަތީ ފަތުރައިގެން ގެންގުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެ މީހުން ހިޔާލު ފާޅުކޮށްފައިވެ އެވެ.
މީގެ ކުރިން ހާމަވި އީމެއިލްގައި، ކިސްވާ ފޮނުވައިދިން ކަމަށް ބެެލެވޭ މީހާ ވަނީ އެއީ މުސްލިމުންގެ އެކި މަޒްހަބްތަކުގެ، މަދުވެގެން 10 މިލިއަން މީހުންގެ އަތް ބީހިފައިވާ ވަރަށް ހާއްސަ އެއްޗެއް ކަމަށް ބުނެފަ އެވެ.
ކޮންމެ އަހަރަކު ކިސްވާ އާކުރާއިރު ކުރީގެ ކިސްވާ އެކި ބައިތަކަށް ކުދިކޮށް، އާޓިފިކްޓެއްގެ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ ދާރުލްއާސާރުތަކުގައި ބަހައްޓަ އެވެ. އަދި ސައުދީ ސަރުކާރުން އަމިއްލަ ފަރުދުންނާއި މުއައްސަސާތަކަށް މީގެ ބައިތައް ހަދިޔާ ވެސް ކުރެ އެވެ.