މައްކާ (ފެބްރުއަރީ 13) - ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން މައްކާގެ މާތްވެގެންވާ ހަރަމްފުޅަށް އިއްޔެ ވަޑައިގެން ކައުބާގެ ތެރޭގައި ނަމާދު ކުރައްވައިފި އެވެ.
ބޮޑު ވަފުދަކާ އެކު ޕްރިންސް މުހައްމަދު ވަނީ ހަރަމްފުޅުގެ އެކި ތަންތަން ބައްލަވާލައްވައިފަ އެވެ. އޭގެ ތެރޭގައި ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ވަނީ ބައްލަވާލައްވައިފަ އެވެ. ބައެއް އޮފިޝަލުންނާ އެކު ހަރަމްފުޅުގެ ފުރާޅު މަތީގައި ވެސް ޕްރިންސް މުހައްމަދު އުޅުއްވި މަންޒަރު ވީޑިއޯތަކުން ފެނިފައިވެ އެވެ.
ޕްރިންސް މުހައްމަދު ހަރަމްފުޅަށް ވަޑައިގެން ފުރަތަމަ ވެސް ވަނީ ހަޖަރަލް އަސްވަދުގައި ބޮސް ދެއްވައިފަ އެވެ. އޭގެ ފަހުން ކައުބާގެ ދޮރުކޮޅުން އެތެރެ އަށް ވަޑައިގެން ނަމާދު ކުރެއްވި އެވެ. އަދި ކައުބާގެ އެތެރޭގެ ފާރުތައް ވަލީ އަހުދު ވަނީ ޒަމްޒަމް ފެނާއި އޫދު އަތަރުން ފާރުތައް ސާފު ކުރައްވައިފަ އެވެ. އޭގެ ފަހުން މަގާމް އިބްރާހިމްގެ ފަހަތުގައި ޕްރިންސް ވަނީ ނަމާދު ކުރައްވައިފަ އެވެ.
ޕްރިންސް މުހައްމަދު ހަރަމްފުޅަށް ޒިޔާރަތް ކުރެއްވި އިރު ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ޕްރިންސް ހަރަމްފުޅަށް ޒިޔާރަތް ކުރެއްވި ފޮޓޯތައް ނަގާފައި ވަނީ ރޯޔަލް ކޯޓުގެ ފޮޓޯގްރާފަރު ބަންދަރު އަލް ޖަލޫދެވެ.