އެމެރިކާ އާއި މޮރިޝަސްއާ ދެމެދު ސޮއިކުރަން ނިންމާފައިވާ ސެކިއުރިޓީ ޕާޓްނަޝިޕް އެގްރީމަންޓާ ގުޅޭގޮތުންނާއި އިންޑިއާ ކަނޑުގެ ހުޅަނގު ސަރަހައްދު ބެލެހެއްޓުމުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އެމެރިކާގެ ވަފުދެއް މި މަހު މޮރިޝަސް އަށް ދާން ނިންމައިފި އެވެ.
މި މަހުގެ 24-25 އަށް މި ބައްދަލުވުން ތާވަލްކޮށްފައި މި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އިނގިރޭސި ވިލާތުން ދިނުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވާހަކަ ދެއްކެވުމަށް ފަހު އެ ވިސްނުން ބަދަލުކުރައްވާފައި ވަނިކޮށެވެ. އެއީ ޗާގޯސްގެ މައި ރަށް ކަމަށްވާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ގައި އެމެރިކާ އާއި އިނގިރޭސި ވިލާތުން ހިންގާ އަސްކަރީ މަރުކަޒު ގެއްލިދާނެ ކަމުގެ ކަންބޮޑުވުމާ އެކުގަ އެވެ.
ނަމަވެސް ޗާގޯސް ދޫކޮށްލަން އިނގިރޭސި ވިލާތުން މޮރިޝަސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ޑިއެގޯ ގާސިއާ، އަހަރަކު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ކުއްޔެއްގައި 99 އަހަރަށް ވަނީ އިނގިރޭސި ވިލާތައް ދޭން ނިންމައިފަ އެވެ.
މި ސަރަހައްދުގައި އެމެރިކާގެ ދައުރު ފުޅާކުރުމަކީ އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނުގައި ސްޓްރެޓީޖިކް ދައުރެއް ދަމަހައްޓަމުން އަންނަ އިންޑިއާއާ އެކު އޮތް ގުޅުމަށް އަސަރު ކޮށްފާނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމާ ދެކޮޅަށް ރާއްޖޭން ރަސްމީކޮށް އިނގިރޭސި ވިލާތައް ޝަކުވާ ހުށަހަޅާފައި ވުމުން އިންޑިއާގެ މި ކަންބޮޑުވުން އިތުރުވާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
ޗާގޯސްގެ ކޮންޓްރޯލް މޮރިޝަސްއަށް ލިބުމަކީ އިންޑިއާއިން ތާއީދުކުރާ ގޮތެވެ. މިދިޔަ އަހަރު މޮރިޝަސްގެ ބޮޑުވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުގައި ވެސް އެންމެ މުހިންމު އެއް ކަމަކަށް އޮތީ މޮރިޝަސްގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ސާވޭ ކުރުމަށް އިންޑިއާ އިން ހުށަހެޅި ހުށަހެޅުމެވެ. އެއީ ޗާގޯސްގެ ސަރަހައްދު މޮރިޝަސްގެ ބައެއްގެ ގޮތުގައި ހިމެނުމުން ސަރަހައްދަށް އިތުރުވާ ބައި ސާވޭކުރުމަށެވެ. އަދި ފަހުން ވަނީ ހައިޑްރޮގްރެފިކް ސާވޭގެ އެއްބަސްވުން އާކޮށްފަ އެވެ.
މޮރިޝަސްގެ އީއީޒެޑްގެ ބޮޑުމިނަކީ ގާތްގަނޑކަށް 2.3 މިލިއަން އަކަ ކިލޯމީޓަރެވެ. އެ ސަރަހައްދު ބެލެހެއްޓުމަށް މޮރިޝަސްގައި ބޭނުންކުރަކީ ކޯސްޓް ގާޑުގެ ހައެއްކަ އުޅަނދެވެ.
ޗާގޯސްގައި މޮރިޝަސްގެ ދިދަ ނެގުމަށް ކުރާ ދަތުރުގައި ޔޫކޭގެ އުޅަނދެއް ބޭނުންކުރުމަށް ހުށަހެޅި ނަމަވެސް މޮރިޝަސް އިން ވަނީ އިންޑިއާގެ އުޅަނދެއް ބޭނުންކުރުމަށް ނިންމައިފަ އެވެ. އެއީ މޮރިޝަސް އިން އިސްތިއުމާރު ނިމުމަކަށް ގެނައުމުގައި އިންޑިއާއިން މޮރިޝަސްއަށް ޒަމާނުންސުރެ ދެމުން ގެންދިޔަ އެއްބާރުލުމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ވަނީ ބުނެފަ އެވެ.
މޮރިޝަސްއާ އެކު ވަރުގަދަ ދިފާއީ އެއްބަސްވުންތަކެއް އޮންނަ އިންޑިއާ އިން ޗާގޯސް ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު މޮނިޓާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މިއީ އިންޑިއާ ކަނޑުގެ ހުޅަނގު ދެކުނުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދިނުމަށް އިންޑިއާއިން ކޮންމެހެން ވެސް ބޭނުންވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
އިނގިރޭސި ވިލާތުން ޗާގޯސް އިސްތިއުމާރުކުރީ 1965 ވަނަ އަހަރު މޮރިރަސް އަށް މިނިވަންކަން ދިނުމުގެ ތިން އަހަރު ކުރިންނެވެ. މޮރިޝަސްގެ ބައެއްގެ ގޮތުގައި އޭރު ބަލަމުން ދިޔަ ޗާގޯސް މޮރިޝަސްއާ ވަކިކޮށްލައި އިނގިރޭސި ވިލާތުން ނެގީ އިސްތިއުމާރު ނިމުމަކަށް ގެނެސް މޮރިޝަސްއަށް މިނިވަންކަން ދިނުމަށް ހެދި އެއްބަސްވުމުގެ ތެރެއިންނެވެ. އެކަމަކު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ވަނަ އަހަރު ނެރުނު ލަފައެއްގައި ވަނީ ޗާގޯސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއަށް ދޭންޖެހޭނެ ކަމަށް ބުނެފަ އެވެ.