ހުޅަނގު އައްސޭރިން ބައެއް އިޒްރޭލަށް ނަގަން ނިންމި ނިންމުމާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެކޮޅު ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ. 

ވައިޓް ހައުސް މިހެން ބުނެފައި މިވަނީ އިޒްރޭލުގެ ކަނާތު ފިޔައިގެ ހައްދުފަނައެޅި މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާއި ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޓްޒް ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުގެ ކޮންޓްރޯލް ފުޅާކުރުމަށް އާ ފިޔަވަޅުތަކެއް އިއުލާނުކުރުމާ އެކު ބައިނަލްއަގުވާމީ މުޖުތަމައުގެ ނުރުހުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ. 

"އިޒްރޭލަށް ރައްކާތެރިކަން ލިބޭނީ ހުޅަނގު އައްސޭރީގައި ހަމަޖެހުން ގާއިމުވެފައި އޮވެގެން. އަދި [އިޒްރޭލުގެ ނިންމުމާ ޓްރަމްޕު ދެކޮޅު ހައްދަވަނީ] ސަރަހައްދުގައި ދާއިމީ ސުލްހައެއް  ގާއިމުކުރުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން،" ރޮއިޓާސް އިން ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ބުންޏެވެ. 

ހުޅަނގު އައްސޭރިން ބިން ފޭރެން އިޒްރޭލުން އަލަށް އަމަލުކުރަން ފެށި ގޮތުން ޔަހޫދީން އާބާދުކުރުމަށް ކުރިއަށްވުރެ މާ ފަސޭހައިން ބިންތައް އަތުލެވޭނެ އެވެ. އެކަމަކު ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުކުރުމާއި ބިންތައް އިޒްރޭލަށް ނެގުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. 

އިޒްރޭލުގެ މި އަމަލުތައް ކުށްވެރިކޮށް، އިސްލާމީ 8 ގައުމަކުން ވަނީ ބަޔާން ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިއީ ފަލަސްތީނު ރައްޔިތުންގެ މައްޗަށް އިޒްރޭލުގެ ބާރު ޣައިރު ގާނޫނީ ގޮތުން ހިންގުމަށް އެޅި ޣައިރު ގާނޫނީ ފިޔަވަޅުތަކެއް ކަމަށެވެ.  

މިސްރު، އިންޑޮނީޝިއާ، އުރުދުން، ޕާކިސްތާން، ގަތަރު، ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ނެރުނު ބަޔާނުގައި ބުނީ މިއީ ހުޅަނގު އައްސޭރީގައި ޔަހޫދީން އިތުރުކޮށް، ގާނޫނާ ހިލާފަށް ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ބާރު ފޯރުވަން ކުރާ މަސައްކަތެއް ކަމަށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ އިތުރުން އިނގިރޭސި ވިލާތާއި ސްޕެއިނުން ވެސް ވަނީ އިޒްރޭލުގެ މި އަމަލުތަކަކީ ފަލަސްތީނުގެ ދައުލަތެއް އުފައްދަން ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް ބުނެފަ އެވެ.  

އިޒްރޭލުން 1967 އިން ފެށިގެން ހުޅަނގު އައްސޭރި ހިފައިގެން ތިބޭއިރު އެއީ ފަލަސްތީނުގެ ތިން މިލިއަނެއްހާ މީހުންގެ ވަޒަނެވެ. އެތަނުގައި އިޒްރޭލުގެ 500،000 މީހުން އުޅޭއިރު ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއީ ޣައިރު ގާނޫނީ އާބާދީތަކެކެވެ. އެކަމަކު އިޒްރޭލުން ގެންދަނީ ހުޅަނގު އައްސޭރީގެ ބިންތަކުން ފަހަރަކު ބައެއް ހިފައި ޔަހޫދީން އާބާދުކުރަމުންނެވެ.