ބަންގްލާދޭޝްގައި 2024 ވަނަ އަހަރު ކުރި ލޭއޮހޮރުވުން ބޮޑު މުޒާހަރާތަކުގައި ޝައިހް ހަސީނާގެ ވެރިކަން ވައްޓާލި ފަހުން ބާއްވާ ފުރަތަމަ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ. 

އާބާދީ 170 މިލިއަނަށް ވުރެ ބޮޑު ގައުމުގައި ވޯޓުލާން ފެށި އިރު ވެސް މަރުކަޒުތަކުގެ ބޭރުގައި ދިގު ކިއޫތައް ވަނީ ހަދައިފަ އެވެ. އެކަމަކު ޕާޓީތަކުގެ ލީޑަރުން ވަނީ ވޯޓަށް ހުރަސްއެޅޭނެ އަމަލުތައް ވަރަށް ގިނަވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.  

އިންތިހާބާ ގުޅިގެން ހިނގާފާނެ ހަމަނުޖެހުންތައް ހުއްޓުވަން 300،000 އަށް ވުރެ ގިނަ ސިފައިން ގައުމުގެ އެކި ހިސާބުތަކަށް ނެރެފައި ވާއިރު އދ. އިން ވަނީ ބަންގްލާދޭޝްގެ އާންމުންގެ މެދުގައި، ހިޔާލު ފާޅުކުރުން ބަލައިނުގަނެވުމާއި ބިރުދެއްކުމާއި ހަމަނުޖެހުން ހިންގައި ހަމަލާ ދިނުން ފަދަ ނުރައްކާތެރި އަމަލުތައް ގިނަކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ވޯޓާ ދިމާކޮށް ދޮގު މައުލޫމާތު ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އަލަށް ވޯޓުލާ ޒުވާނުންނަށް މިކަން ވަރަށް ބޮޑަށް އަމާޒުކޮށްފައިވާ ކަމަށް ވެސް އދ. އިން ބުންޏެވެ. 

ބަންގްލާދޭޝްގައި މިއަދު ކުރިއަށްދާ އިންތިހާބުގައި އޮފިޝަލަކު ވޯޓު ކަރުދާސް ދޫކުރަނީ. -- ފޮޓޯ: އޭއެފްޕީ
ބަންގްލާދޭޝްގައި މިއަދު ކުރިއަށްދާ އިންތިހާބުގައި އޮފިޝަލަކު ވޯޓު ކަރުދާސް ދޫކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 127 މިލިއަން މީހުންނަށް ލިބިގެން ވާއިރު ބޮޑުވަޒީރުގެ ދައުރު ލިމިޓް ކުރުމާއި ޕާލަމެންޓްގެ މަތިގެ ތައާރަފްކުރުމާއި ރައީސްގެ ބާރުތައް އިތުރުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ވެސް ދޭނެ އެވެ.  

އިންތިހާބުގައި ވޯޓުލާނީ މަޖިލީހުގެ 300 މެންބަރުން ހޮވުމަށެވެ. އަދި ޕާޓީތަކުން ކަނޑައަޅާފައިވާ އިތުރު 50 އަންހެން މެންބަރުން ހޮވަން ވެސް ވޯޓު ދޭނެ އެވެ. 

ވޯޓުލުން ބަންގްލާދޭޝް ގަޑިން މިއަދު ހަވީރު 4:30 (ރާއްޖޭ ގަޑިން 3:30) ގައި ވޯޓުލުން ނިންމާލުމަށް ފަހު ވޯޓު ގުނާނީ އަތުންނެވެ. ކުރީގެ އިންތިހާބުތަކުގެ ތަޖުރިބާއަށް ބަލާއިރު ވޯޓު ގުނަން ފެށުން ލަސްވުމާއި ނަތީޖާ ލިބުން ވެސް އެތައް ގަޑިއިރަކަށް ލަސްވެގެން ދިއުން އެކަށީގެންވެ އެވެ. 

ބީއެންޕީ އާއި އިސްލާމީ ޕާޓީގެ ކުރިމަތިލުމެއް

އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ދެކޭ ބަންގްލާދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ތާރިގް ރަހްމާން، 60، ވިދާޅުވީ އޭނާގެ ޕާޓީއަށް އަލުން އަނބުރާ ވެރިކަމަށް އާދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އެކަމަކު މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބަންގްލާދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ ކަމަށްވާ ޖަމާއަތުލް އިސްލާމީގެ ފަރާތުން ބީއެންޕީއަށް އޮތް ގޮންޖެހުން ބޮޑެވެ. 

"ބަންގްލާދޭޝް ރައްޔިތުން ނުކުމެ ވޯޓު ދީފި ނަމަ، 'އަޑި ނޭނގޭ' ފިކުރުތަކަށް ކާމިޔާބެއް ނުވާނެ،" ވޯޓު ދެއްވުމަށް ފަހު ރަހްމާން ވިދާޅުވި އެވެ. 

ޖަމާއަތުލް އިސްލާމީގެ ލީޑަރު ޝަފީގުރް ރަހްމާން މިއަދު އިންތިހާބުގައި ވޯޓު ދެއްވަނީ: އޭނާ އަކީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ބޭފުޅެއް. -- ފޮޓޯ: އޭއެފްޕީ
ޖަމާއަތުލް އިސްލާމީގެ ލީޑަރު ޝަފީގުރް ރަހްމާން މިއަދު އިންތިހާބުގައި ވޯޓު ދެއްވަނީ: އޭނާ އަކީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ބޭފުޅެއް. -- ފޮޓޯ: އޭއެފްޕީ

ކުރީގެ ސިޔާސީ ހައްޔަރީއެއް ކަމަށްވާ، ޖަމާއަތުލް އިސްލާމީގެ ލީޑަރު ޝަފީގުރް ރަހްމާން، 67، މި އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ އޭނާ ވާނީ، ގާނޫނު އަސާސީގައި ސެކިއުލާ ދައުލަތެއް ގޮތުގައި ކަނޑައަޅާފައިވާ ބަންގްލަދޭޝްގައި އިސްލާމީ ޕާޓީއެއްގެ ލީޑަރަކު ވެރިކަން ކުރައްވާ ފުރަތަމަ ފަހަރަށެވެ. މިއީ އެ ޕާޓީއަށް އިންތިހާބު ކާމިޔާބުމުގެ ފުރުސަތު އެންމެ ބޮޑު ފަހަރަކު ކަމަށް ވަނީ ބެލެވިފަ އެވެ. 

އެކަމަކު ހިޔާލު ހޯދުމުގެ އެކި ވޯޓުތަކުގައި އެކި ނަތީޖާ، ވަރަށް ތަފާތުކޮށް ވަނީ ދައްކައިފަ އެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރަނީ އިންތިހާބު ކާމިޔާބުކުރާނީ ބީއެންޕީން ކަމަށެވެ. 

ދޮގު މައުލޫމާތާއި ހަމަނުޖެހުން 

ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި އިންތިހާބުގެ ކެމްޕެއިން ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ފަސް މީހަކު މަރުވެ 600 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. 

އިލެކްޝަންސް ކޮމިޝަނަރު އޭއެމްއެމް ނާސިރުއްދީން ވިދާޅުވީ ވޯޓުލުން ކުރިއަށް ދަނީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށާއި ނަމަވެސް ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފެތުރުން ވަރަށް ބޮޑު ކަމަށެވެ. އަދި ހާއްސަކޮށް، އޭއައި އިން އުފައްދާފައިވާ ދޮގު މައުލޫމާތު ހިމެނޭ ކޮންޓެންޓް ގިނަ ކަމަށާއި މިފަދަ ގިނަ އެެއްޗެހި އަންނަނީ "ބޯޑަރު ހުރަސްކޮށް" ކަމަށް އޭނާ ވިދާޅުވި އެވެ.  

އޭނާ އެހެން ވިދާޅުވި ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. އެކަމަކު އަވަށްޓެރި އިންޑިއާއިން ކުރީގެ ބޮޑުވަޒީރު ހަސީނާއަށް ހިމާޔަތް ދީގެން ގެންގުޅޭ މައްސަލާގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. 

ބަންގްލާދޭޝްގައި ވޯޓު ލާ މަރުކަޒެއްގެ ބޭރުގައި ސިފައިން ހަތިޔާރާ އެކު ސަލާމަތީ ކަންތައްތައް ބަލަހައްޓަނީ. -- ފޮޓޯ: އޭއެފްޕީ
ބަންގްލާދޭޝްގައި ވޯޓު ލާ މަރުކަޒެއްގެ ބޭރުގައި ސިފައިން ހަތިޔާރާ އެކު ސަލާމަތީ ކަންތައްތައް ބަލަހައްޓަނީ. -- ފޮޓޯ: އޭއެފްޕީ

މި އިންތިހާބުގެ ނަތީޖާއަށް ފަހު ވެރިކަމުން ދުރަށް ވަޑައިގަންނަވާ، ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް ވިދާޅުވީ މިއީ ގައުމުގެ މުސްތަގުބަލް ކަނޑައަޅާ އިންތިހާބެއް ކަމަށެވެ. 

"މި އިންތިހާބުން ގައުމުގެ ކުރިމަގުގެ މިސްރާބާއި ޑިމޮކްރަސީގެ ސިފަ އާއި ބާރުވެރިކަން އަދި އަންނަން އޮތް ޖީލުގެ މުސްތަގުބަލް ކަނޑައެޅޭނެ،" އޭނާ ވިދާޅުވި އެވެ. 

ނޯބެލް ސުލްހައިގެ އިނާމު ހާސިލުކުރައްވާފައިވާ 85 އަހަރުގެ ޔޫނުސް ވަނީ ހަސީނާގެ 15 އަހަރުގެ ވެރިކަން 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ނިމުމަކަށް ގެނައުމުން ގައުމު ހިންގުމާ ހަވާލުވެ ވަޑައިގެން އިންތިހާބާ ހަމަޔަށް ހުރިހާ ކަމެއް ބަލަހައްޓަވައިފަ އެވެ. އޭނާގެ ސަރުކާރުން ވަނީ ހަށީނާގެ އަވާމީ ލީގު މި އިންތިހާބުގައި ވާދަކުރުން މަނާ ވެސް ކޮށްފަ އެވެ.

ހަސީނާގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރި މައްސަލާގައި ހަސީނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ވަނީ ދަންޖައްސައި މެރުމުގެ ހުކުމުގެ އިތުރުން ވެސް އެހެން ބޮޑެތި ހުކުމްތައް އިއްވައިފަ އެވެ.  -- އޭއެފްޕީ