ރަޝިޔާގެ ގާނޫނުތަކަށް ތަބާނުވާ ކަމަށް ބުނެ އެ ގައުމުގެ ވަޓްސްއެޕް މަނާކޮށްފި އެވެ. 

ރަޝިޔާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ވަޓްސްއެޕް މަނާކުރަން ޖެހުނީ ރަޝިޔާގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ކަންކަމަށް ތަބާވުމަށް އިންކާރުކުރަމުން ދާތީ ކަމަށެވެ. 

ޔުކްރެއިނާ ހަނގުރާމަ ކުރަމުންދާއިރު ރަޝިޔާގައި ވަޓްސްއެޕް މަނާކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ، ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރާ މީހުން ގެންދަނީ ފާޑު ކިޔަމުންނެވެ. 

ވަޓްސްއެޕް މަނާކުރިކަން ކަށަވަރުކޮށްދެއްވުމަށް ފަހު ތަރުޖަމާނު ވަނީ އޭގެ ބަދަލުގައި ރަޝިޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "މެކްސް" ބޭނުންކުރުމަށް އެދިވަޑައިގެންފަ އެވެ. ދައުލަތުގެ ތާއީދު އޮތް މި ޕްލެޓްފޯމަކީ މެސެޖުކުރުމުގެ އިތުރުން ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމާއި ފައިސާގެ މުއާމަލާތްތައް ވެސް ކުރެވޭ ޕްލެޓްފޯމެކެވެ. 

ވަޓްސްއެޕަކީ އެއިން ކުރާ މުއާލާތުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން ޑިވައިސްގައި އޭގެ ޑޭޓާ އެންކްރިޕްޓްވެފައި ހުންނަ އެޕްލިކޭޝަނެއް ނަމަވެސް "މެކްސް" އިން އެންކްރިޕްޓެއް ނުކުރެ އެވެ. ވަޓްސްއެޕުން ގައުމުތަކުގެ ސަރުކާރުތަކަށް، އެ ބޭނުންކުރާ މީހުންގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ޔަގީންކަން ދޭއިރު މެކްސް އިން ފާޅުގައި ބުނަނީ ސަރުކާރުން އެދެފި ނަމަ ޑޭޓާ ހިއްސާކުރާނެ ކަމަށެވެ. އެހެންވެ މިއީ ސަރުކާރުތަކުން ބޭނުންވެއްޖެ ހިނދެއްގައި މީހުންގެ ޒާތީ މުއާމަލާތްތައް ހާމަކުރާ އެޕްލިކޭޝަނެއްގެ ގޮތުގައި، ދާއިރާގެ ތަޖުރިބާކާރުން އިންޒާރުދެ އެވެ. 

ފޭސްބުކްގެ މައި ކުންފުނި މެޓާގެ ދަށުން ހިންގާ ވަޓްސްއެޕުން ކޯލްކުރެވޭ ފީޗާ މިދިޔަ އަހަރުން ފެށިގެން ރަޝިޔާގައި ވަނީ ލިމިޓްކުރަން ފަށައިފަ އެވެ. މީގެ އިތުރުން ޓެލެގްރާމަށް ވެސް އެކި ފިޔަވަޅުތައް އަޅާފައިވެ އެވެ. ރަޝިޔާއިން ބުނަނީ މި ފިޔަވަޅުތައް އަޅަން ޖެހެނީ ޓެރަރިޒަމާއި މަކާރާއި ހީލަތުގެ އަމަލުތައް ހިންގާ މީހުންގެ މައުލޫމާތު ވެސް ބޭރުގެ އެ އެޕްލިކޭޝަންތަކުން، ސަރުކާރުގެ ތަންފީޒީ އިދާރާތަކާ ހިއްސާކުރަން ދެކޮޅުހަދާތީ ކަމަށެވެ. 

ވަޓްސްއެޕުން ބުނީ ރަޝިޔާއިން މި ފިޔަވަޅު އަޅާފައި ވާއިރު، ހިދުމަތް ބޭނުންކުރާ މީހުންނަށް ގޮތެއް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ. 

"ރައްކާތެރިކަމާ އެކު ޒާތީ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު 100 މިލިއަން މީހުންނަށް ގެއްލުވާލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް. އަދި މިއީ ރަޝިޔާގެ އާންމުނަށް އިތުރަށް ކުރިމަތިވާނެ ނުރައްކަލެއް،" ވަޓްސްއެޕްގެ ތަރުޖަމާނަކު ވިދާޅުވި އެވެ. 

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ރަޝިޔާގައި ވަރަށް ގިނަ މީހުންނަށް ވަޓްސްއެޕް ނުލިބެ އެވެ. އެހެންވެ އެ މީހުން އެ ބޭނުންކުރަމުން ދިޔައީ ވީޕީއެން މެދުވެރިކޮށެވެ. އަދި މި ހަފްތާގައި ވަނީ ޓެލެގްރާމް ހުއްޓުވަން ވެސް ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. 

މެސެޖިން އެޕްތަކުގެ އިތުރުން ރަޝިޔާގައި އެކްސް، ފޭސްބުކް، އިންސްޓަގްރާމް ވެސް އޮންނަނީ ބްލޮކް ކޮށްފަ އެވެ. އަދި މިހާރު ވަނީ ޔޫޓިއުބް ބޭނުންކުރަން ވެސް ދަތިކުރަން ފަށައިފަ އެވެ.