ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުމުގެ ދަށުން އުފެއްދި "ބޯޑް އޮފް ޕީސް" ގެ މެންބަރު ގައުމުތަކުން، ޣައްޒާ އާރާސްތުކުރުމަށް މިހާތަނަށް ފަސް ބިލިއަން ޑޮލަރު ދޭން ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އޭގެ ކުރިން ހަމާސް އިން ހުރިހާ ހަތިތާރެއް ވަގަުތުން ބަހައްޓަން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. 

"އެއްބަސްވެފައިވާ ގޮތަށް، ހަމާސް އިން އެ ޖަމާއަތުގެ ހުރިހާ ހަތިޔާރެއް ވަގުތުން ބެހެއްޓުން ވަރަށް މުހިންމު،" ބޯޑް އޮފް ޕީސް އިން ބުރާސްފަތި ދުވަހަށް ބައްދަލުވުމެއް ތާވަލްކޮށްފައި ވަނިކޮށް ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ލިޔުއްވާފައިވެ އެވެ. 

ހަމާސް އިން ހަތިޔާރު ބެހެއްޓުމަކީ އިޒްރޭލާއި ހަމާސް އިން ދެ އަހަރަށް ފަހު ހަމަލާތައް މެދުކަނޑާލަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ވީ އެއްބަސްވުމުގެ މުހިންމު މާއްދާއެކެވެ. މިއީ އދ. އިން ވެސް އެންޑޯޒްކޮށްފައިވާ އެއްބަސްވުމެކެވެ. 

އެއްބަސްވުމުގެ ދެ ވަނަ މަރުަހަލާ ތަންފީޒުކުރަން ފަށާފައި ވާއިރު އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފޭބުން ވެސް ހިމެނެ އެވެ. އަދި އެއާ އެކު ހަމާސް އިން ހަތިޔާރު ބަހައްޓައި، ސުލްހަ ބަލަހައްޓާ ބައިނަލްއަގުވާމީ ފައުޖުކާ ޣައްޒާ ހަވާލުކުރަން ޖެހެ އެވެ. 

މި އެއްބަސްވުން ވެގެން ތިބި ނަމަވެސް ޣައްޒާގައި މީހުން ޝަހީދުކުރުން ދަނީ ކުރިއަށެވެ. އިޒްރޭލާއި ހަމާސް އިން ވެސް ދަނީ އެއްބަސްވުމާ ހިލާފްވުމުގެ ޒިންމާ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ. 

ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރުން "ބޯޑް އޮފް ޕީސް" ގެ ޗާޓަރުގައި ހިމެނޭއިރު އެ ބޯޑުގެ މަސައްކަތް އެ ހިސާބުން ނިމޭ ކަމަކަށް ނުބެލެވެ އެވެ. އަދި އެ ބޯޑުން ފަލަސްތީނުގެ އެހެން ސަރަހައްދުތައް ބެލެއްޓުމާ ހަވާލުވުން ވެސް އެކަށީގެންވެ އެވެ. 

ބޯޑް އޮފް ޕީސްގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން 1 ބިލިއަން ޑޮލަރު އެ ބޯޑުގެ ފަންޑަށް ހަދިޔާކުރާ ގައުމުތަކަށް ބޯޑުގެ ދާއިމީ މެންބަރުކަން ލިބެ އެވެ. ނަމަވެސް މިގޮތަށް ބިލިއަން ޑޮލަރު ދީގެން ބޯޑުގެ ދާއިމީ މެންބަރުކަން ހޯދާ ގޮތާ މެދު، އެމެރިކާގެ އެކުވެރި ޔޫރަޕްގެ ގައުުމުތައް ކަމަށްވާ ފްރާންސާއި އިނގިރޭސި ވިލާތުން ވަނީ ސުވާލު އުފައްދައިފަ އެވެ. 

ޓްރަމްޕު ވިދާޅުވި ގޮތުގައި ބޯޑް އޮފް ޕީސްގެ މެންބަރު ގައުމުތަކުން ޣައްޒާއަށް ފަސް ބިލިއަން ހޭދަކުރަން ތައްޔާރަށް ތިބި ނަމަވެސް އެކަން ރަސްމީކޮށް އިއުލާނުކުރާނީ ހަމާސް އިން ހަތިޔާރު ބެހެއްޓުމުންނެވެ. އަދި ޣައްޒާގެ ރައްޔިތުންގެ ސަލާމަތާއި އަމާންކަން ހޯދައިދޭން އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް އާއި ލޯކަލް ޕޮލިހަށް އެތައް ހާސް ބަޔަކު ފޮނުވަން ގައުމުތަކުން ނިންމާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

"ބޯޑް އޮފް ޕީސް އަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ބައިނަލްއަގުވާމީ ޖަމިއްޔާއަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ވަނީ ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ. -- އޭއެފްޕީ