ފަލަސްތީނުގެ ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކައިން 10 ބިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު ވައުދުވެ ވަޑައިގެންފި އެވެ.
ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ހެދި އެއްބަސްވުމުގެ ދަށުން ޓްރަމްޕު އިސްވެ ހުންނަވައި އުފެއްދެވި ބޯޑް އޮފް ޕީސް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޓްރަމްޕު ވަނީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުން ޣައްޒާއަށް ފައިސާ އާއި ސިފައިން ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ.
ހުދުމުހުތާރު ވެރިންގެ ގޮތުގައި އެމެރިކާ އާއި ޔޫރަޕުން އާންމުކޮށް ސިފަކުރާ ގިނަ ގައުމުތަކެއް ހިމެނޭ ބޯޑް އޮފް ޕީސް ފެށުމުގެ ބައްދަލުވުން ބޭއްވި އިރު އެ ބޯޑުގައި ޔޫރަޕްގެ ގައުމުތަކުގެ ބައިވެރިވުން ކުޑަ އެވެ. ޓްރަމްޕު ސުލްހަޔަށް ކުރައްވާ މަސައްކަތަށް ބޯޑުގެ މެންބަރު ގައުމުތަކުން ތައުރީފްކުރި އިރު މިހާރު ވެސް ގެންދަނީ އީރާން ކައިރިއަށް އެމެރިކާގެ އަސްކަރީ މަނަވަރުތައް ޖަމާކޮށް ހަނގުރާމައަށް ތައްޔާރުވަމުންނެވެ.
"އަޅުގަނޑުމެން ޣައްޒާއަށް އެހީވާނަން. އަޅުގަނޑުމެން އެކަން ކޮށްދޭނަން. އަޅުގަނޑުމެން އެކަން ކާމިޔާބު ކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
"ޣައްޒާއަކީ ހަމަޖެހުން ގާއިމުވެފައިވާ ތަނަކަށް ހަދާނަން. އެހެން ތަންތަނުގައި ވެސް ސުލްހަ ގާއިމުކުރާނަން. އެފަދަ ތަންތަން އަދިވެސް ފެންނާނެ. ކަންކަމާ ދިމާވާނެ."
ބޭރުގެ އެހީ ވަރަށް ބޮޑަށް ކުޑަކޮށް، އެއީ ބޭކާރު ހަރަދު ކަމުގައި ވިދާޅުވަމުން ގެންދަވާ ޓްރަމްޕު ވަނީ އެމެރިކާއިން ބޯޑް އޮފް ޕީސް އަށް 10 ބިލިއަން ޑޮލަރު ދޭނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން ގަތަރު، ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް އިން ވަނީ ކޮންމެ ގައުމަކުން 1 ބިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. ވައިޓް ހައުސް އިން ބުނީ ގައުމުތަކުން ޖުމްލަ 6.5 ބިލިއަން ޑޮލަރު ހުށަހަޅާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި މިއީ އެމެރިކާއިން ދޭނެ ކަމަށް ބުނި 10 ބިލިއަން ނުހިމަނަ އެވެ.
"ހަނގުރާމައިގެ ތެރޭ އެތައް ސަތޭކަ އަހަރެއް ހޭދަކޮށްފައިވާ ސަރަހައްދަކަށް ދާއިމީ ސުލްހަ ގެނައުމުގެ ހުވަފެން އެންމެން ގުޅިގެން ހާސިލް ކުރެވޭނެ،" ޣައްޒާގައި ޓޫރިސްޓް ރިޒޯޓްތައް ބިނާ ކުރުމުގެ ވާހަކަ ދައްކަވަމުން ގެންދަވާ ޓްރަމްޕު ވިދާޅުވި އެވެ.
އެމެރިކާއިން ދޭން ބުނި 10 ބިލިއަން ޑޮލަރަށް ކޮންގްރެސް އިން ހުއްދަ ދިން ކަމެއް ވެސް އަދި އެ ފައިސާ ހޭދަކުރާނީ ސީދާ ކޮން ކަމަކަށް ކަމެއް ވެސް ޓްރަމްޕު ވިދާޅެއް ނުވެ އެވެ.
ޣައްޒާގެ ކަންކަން ހިންގުމަށް ހެދި ބޯޑް އޮފް ޕީސްގައި ޓްރަމްޕަށް ވީޓޯގެ ބާރު ދީފައި ވާއިރު ބޯޑުގެ ވެރިކަން އޭނާއަށް އެމެރިކާގެ ރައީސްކަން ގެއްލުނު ކަމުގައި ވިޔަސް ނުގެއްލޭނެ އެވެ. އަދި ދާއިމީ މެންބަރުންގެ ގޮތުގައި އެހެން ގައުމުތަކުން ތިބެން ބޭނުންވާ ނަމަ ކޮންމެ ދެ އަހަރަކުން 1 ބިލިއަން ޑޮލަރު ދޭންޖެހޭނެ އެވެ.
ބޯޑް އޮފް ޕީސް އިން ޣައްޒާއަށް ސަލާމަތީ ފައުޖެއް ފޮނުވަން ނިންމައި އެ ފައުގެ ޑެޕިއުޓީ ކޮމާންޑަރުކަން މުސްލިމު އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާއަށް ވަނީ ދީފަ އެވެ. އަދި މި އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގައި ބައިވެރިކުރަން ފުލުހުން ފޮނުވަން ފުރަތަމަ ގައުމެއްގެ ގޮތުގައި މޮރޮކޯއިން ވަނީ އިސްނަގައިފަ އެވެ. އަދި އިންޑޮނީޝިއާއިން ކުރިން ވަނީ 20،000 ސިފައިން ބޭނުންވާ ފައުޖަށް 8،000 ސިފައިން ފޮނުވަން ތައްޔާރު ކަމަށް ވެސް ބުނެފަ އެވެ.
ސުލްގައިގެ އެއްބަސްވުމުގެ ދަށުން އެކި ކަންކަން ކުރަމުން ދާއިރު ޣައްޒާގައި އިޒްރޭލުން އަދިވެސް ހަމަލާދެ އެވެ. ހަމަލާ ބަދަލުކުރުން މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި ހުއްޓާލިކަން އިއުލާނުކުރި ފަހުން ވެސް 600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ