ޔޫރަޕާއި އެހެން ސަރަހައްދުތަކުގައި ވެސް ސަރުކާރުތަކުން އިންޓަނެޓްގައި ބްލޮކްކުރާ ކޮންޓެންޓް އެ ގައުމުތަކުގައި ތިބެގެން ބެލޭނެ އޮންލައިން ޕޯޓަލްއެއް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހަދަމުން އަންނަ ކަމަށް ރޮއިޓާސް އިން ބުނެފި އެވެ.
މިކަމާ ބެހޭ މައުލޫމާތު އެނގޭ ތިން ފަރާތަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ ހޭޓް ސްޕީޗް އަދި ޓެރަރިސްޓް ޕްރޮޕަގެންޑާ ފަދަ ކޮންޓެންޓުގެ ގޮތުގައި ސަރުކާރުތަކުން ކަނޑައަޅާ ކޮންޓެންޓް ވެސް ބެލޭނެ މި ޕޯޓަލް އަކީ އޮންލައިން ސެންސަޝިޕާ ދެކޮޅަށް ކަމަށް ބުނެ ހަދަމުން އަންނަ އެއްޗެކެވެ.
މި ސައިޓް ހޯސްޓް ކުރާނީ "freedom.gov" ގައި ކަމަށް ރޮއިޓާސްއާ ވާހަކަ ދެއްކި މީހުން ބުނެފައިވެ އެވެ. އެއް އޮފިޝަލަކު ބުނި ގޮތުގައި މި ޕޯޓަލް ބޭނުންކުރާއިރު އެމެރިކާ އިން ޓްރެފިކް އަންނަކަމަށް ދެއްކުމަށް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ފީޗާއެއް އިތުރުކުރަން އޮފިޝަލުން ވިސްނަމުން އަންނަ ކަމަށެވެ. އަދި އެ ސައިޓް ބޭނުންކުރާ މީހުންގެ ހަރަކާތްތައް މޮނިޓާ ނުކުރާނެ ކަމަށް ވެސް ބުންޏެވެ.
ޕަބްލިކް ޑިޕްލޮމަސީގެ އަންޑަ ސެކްރެޓަރީ ސާރާ ރޮޖާސް އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މި ޕްރޮޖެކްޓް މިދިޔަ ހަފުތާގައި މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ލޯންޗުކުރާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން ވަނީ ފަސްކޮށްފައި ކަމަށް ވެސް ބުންޏެވެ.
ރޮއިޓާސް އިން ބުނީ ލޯންޗްކުރުން ފަސްކުރީ ކީއްވެގެން ކަމެއް ސާފު ނުވި ކަމަށާއި އެކަމަކު ވަކީލުން ހިމެނޭ ގޮތަށް ސްޓޭޓް ޑިޕާޓްމަންޓްގެ ބައެއް އޮފިޝަލުން އެ ޕޯޓަލްއާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ރަޝިޔާ އާއި ޔުކްރެއިންގެ ހަނގުރާމައާ ގުޅުން ހުރި އެކި ކަންކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫރަޕްގެ ސަރުކާރުތަކާ މެދު ގުޅުން ގޯސްވެފައި ވަނިކޮށް މި ޕްރޮޖެކްޓުގެ ސަބަބުން ގުޅުން އިތުރަށް ހީނަރުވެގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މިއީ އެހެން ގައުމުތަކުގެ ރައްޔިތުން އެ ގައުމުތަކުގެ ގާނޫނުތަކާއި ގަވައިދުތަކަށް ކިޔަމަން ނުވުމަށް އެމެރިކާއިން ހިތްވަރުދީ އެކަމަށް މަގުފަހިކުރުވުމުގައި އެމެރިކާ ބައިވެރިވުން ކަމުގައި ވެސް ބެލެވޭނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާނަކު ރޮއިޓާސް އަށް ވިދާޅުވީ އެމެރިކާ ސަރުކާރުން ޔޫރަޕަށް ހާއްސަކޮށްގެން ހިންގާ، ސެންސަރުކުރާ ކޮންޓެންޓް ބެލޭނެ ޕްރޮގްރާމެއް ނެތް ކަމަށެވެ. ނަމަވެސް ޑިޖިޓަލް މިނިވަންކަމަށް ސްޓޭޓް ޑިޕާޓްމެންޓުން އިސްކަންދޭ ކަމަށާއި އޭގެ ތެރޭގައި ޕްރައިވެސީ އާއި ވީޕީއެން ޓެކްނޮލޮޖީ ޕްރޮމޯޓްކުރުން ވެސް ހިމެނޭ ކަމަށެވެ.
ސެންސަރުކުރާ ކޮންޓެންޓް ބެލޭ ޕޯޓަލް ލޯންޗްކުރުން ފަސްކުރި ވާހަކަ އަކީ އަދި އެ ޕޯޓަލްއާ މެދު ސްޓޭޓް ޑިޕާޓްމަންޓުގެ ވަކީލުން ކަންބޮޑުވުން ފާޅުކުރި ވާހަކަ އަކީ ދޮގެއް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ފޮރިން ޕޮލިސީގެ މައިގަނޑު އަމާޒަކަށް ހަދައިފަ އެވެ. ހާއްސަކޮށް، ޔޫރަޕާއި ބްރެޒިލަށް މިކަމުގައި އެމެރިކާއިން ކުރާ ޕްރެޝަރު ބޮޑެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ މެދު ޔޫރަޕުން ދެކޭ ގޮތް އެމެރިކާގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ތަފާތެވެ. އެމެރިކާގައި އުސޫލެއްގެ ގޮތުން ކޮންމެ ވާހަކައެއް ދެއްކުމަށް ވެސް ހުއްދަ އޮންނައިރު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ނާޒީ ފިކުރުގެ ޕްރޮޕެގެންޑާތައް އަލުން ދިރުވިޔަ ނުދިނުމަށާއި، ޔަހޫދީންނާއި ބިދޭސީން އަދި މައިނޯރިޓީތަކަށް ކުޑައިމީސްކުރުން ފަދަ ކޮންމެ ކަމެއް ކުށުގެ ގޮތުގައި ބެލޭނެ އެވެ. -- ރޮއިޓާސް