އެމެރިކާގެ ފުރަތަމަ އަންހެން ހާރިޖީ ވަޒީރުގެ މަގާމު ފުރުއްވި މެޑެލިން އޯލްބްރައިޓް، އުމުރުން 84 އަހަރުގައި އިއްޔެ އަވަހާރަވެއްޖެ އެވެ.
މެޑެލިން، އެމެރިކާގެ ހާރިޖީ ވަޒީރުގެ މަގާމު ފުރުއްވީ، އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި 1997 އިން 2001 އަށެވެ. އޭގެ ކުރިން، ކްލިންޓަންގެ ފުރަތަމަ ދައުރުގައި 1993 އިން 1997 ގައި ހާރިޖީ ވަޒީރުކަމަށް އައްޔަންކުރެއްވުމާ ހަމައަށް މެޑެލިން ހުންނެވީ، އދ. ގައި ހުންނަވާ އެމެރިކާގެ ސަފީރުގެ މަގާމުގަ އެވެ.
މެޑެލިން ފާހަގަކުރެވިފައިވަނީ އެމެރިކާގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރެއްވުމާއި އާންމު ކުރެއްވުމުގައި، ޖެހިލުން ކުޑަކަމާ އެކު މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ރައީސް ކްލިންޓަންގެ ވެރިކަމުގައި އެފްރިކާގެ ރުވަންޑާގައި ހިނގައި ދިޔަ ގަތުލު އާންމާއި، ޔޫރަޕްގެ ބޮސްނިއާ އާއި ހަޒްގޮވީނިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާންމު ހައްލުކުރުމުގައި، ޑިޕްލޮމެޓިކް ގޮތުން މެޑެލިން ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އޭނާގެ އާއިލާ އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ކެންސަރު ބަލީގައި މެޑެލިން އަވަހާރަވީ އިއްޔެ ހެނދުނު އެވެ.
މެޑެލިން އޯލްބްރައިޓަކީ ޗެކޮސްލޮވޭކިއާ އަށް އުފަން ބޭފުޅެކެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަން ވިލާތުގެ ނާޒީ ސިފައިން ޗެކޮސްލޮވޭކިޔާ އަށް ދިން ހަމަލާތަކާ ގުޅިގެން، މެޑެލިންގެ އާއިލާ އެ ގައުމު ދޫކޮށް 1939 ގައި އިނގިރޭސި ވިލާތަށް ބަދަލުވި އެވެ. އެއަށް ފަހު 1948 ގައި އިނގިރޭސި ވިލާތުން ފުރައިގެން ކަނޑުމަގުން ދަތުރުކޮށް އެމެރިކާ އަށް ހިޖްރަކޮށް، އެމެރިކާގައި ވަޒަންވެރިވި އެވެ.
މެޑެލިން އަވަހާރަވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މެޑެލިންގެ އާއިލާ އަށް ތައުޒިޔާ ދަންނަވައިފަ އެވެ. ރައީސް ބައިޑެން ވިދާޅުވީ މެޑެލިންއަކީ ހެޔޮ ކަންކަމަށާއި މިނިވަންކަމަށް ލިބުނު ބާރެއް ކަމަށެވެ.