ބޭރުގެ އެކި ގައުމުތަކުން އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރަން ނިންމެވީ، ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައިވާ ގާނޫނީ އިމުގެ ބޭރުން ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ނުވަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓުގެ ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމްގައި ބުނީ، އިންޓަނޭޝަނަލް އިމަޖެންސީ އިކޮނޮމިކް ޕަވާސް އެކްޓު (އައިއީއީޕީއޭ)ގެ ދަށުން، ޓެރިފް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
ޓްރަމްޕްގެ ހަރުކަށި އިގުތިސާދީ ސިޔާސަތުގެ ދަށުން، އެމެރިކާއިން ބޭނުންވާ ކަންކަން ކުރުވުމުގައި ޓްރަމްޕްގެ ސަރުކާރުން ދަނީ ޓެރިފް ބޮޑުކުރުން، ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރައްވަމުންނެވެ.
މިގޮތުން، ހިޖުރަވެރިންނާއި މަސްތުވާތަކެތި އެމެރިކާ އަށް އެތެރެކުރުން ހުއްޓުވުމުގެ ނަމުގައި، މެކްސިކޯ އަދި ކެނެޑާ ފަދަ ވިޔަފާރީގެ މުހިންމު ބައިވެރިން އެމެރިކާ އަށް ބޭރުކުރާ މުދަލުން ޓެރިފް ބޮޑުކުރުން ހިމެނެ އެވެ.
އަދި އެމެރިކާ އަށް ވިޔަފާރީގެ ގޮތުން ގެއްލުންވާ ކަމަށް ބުނެ، ޗައިނާ ފަދަ ގައުމުތަކުން އެތެރެކުރާ މުދަލުން ވެސް އެތައް ގުނައަކުން ޓްރަމްޕްގެ ސަރުކާރުން ވަނީ ޓެރިފް ބޮޑުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، ޓެރިފާ ގުޅޭ އެހެން ގާނޫނުތަކުގައި ޓެރިފް ބޮޑުކުރުމުގެ މާއްދާތައް ސާފުކޮށް ބަޔާން ކޮށްފައިވާއިރު، އައިއީއީޕީއޭގައި އެ ވާހަކަ ހިމަނާފައި ނުވަނީ، އެ ބާރު ރައީސަށް ދޭން ބޭނުން ނުވުމުގެ މަގުސަދުގައި ކަމަށެވެ.
ނަމަވެސް، އެލުމީނިއަމް އަދި ދަގަނޑު ފަދަ ވަކިވަކި މުދަލުގެ ބާވަތްތަކަށް ބޮޑުކޮށްފައިވާ ޓެރިފަށް، ކޯޓުގެ މި ހުކުމަކުން އަސަރެއް ނުކުރާނެ އެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމާ އެކު، ޓްރަމްޕް ބޮޑުކޮށްފައިވާ އެވްރެޖު ޓެރިފް ރޭޓު، 16.8 ޕަސެންޓުން 9.5 ޕަސެންޓަށް ދަށްވާނެ ކަމަށް އިގުތިސާދީ މާހިރުން ލަފާކުރައްވަ އެވެ.
މި ކަމުގެ ސަބަބުން، އެމެރިކާގެ މައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 100 ބިލިއަނާއި 120 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ކުރިމަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ނަމަވެސް، ޓެރިފް ބޮޑުކުރުމުގެ މަގު ޓްރަމްޕްގެ ސަރުކާރަށް އެކީގައި ބަންދު ނުވާނެ ކަމަށް ވެސް މާހިރުން ބުނެފައިވެ އެވެ.