މެދުއިރުމަތީގެ ބޮޑު ބަޔަކީ ދީނީ ގޮތުން ބަލާއިރު އިޒްރޭލުގެ ހައްގު ކަމަށް ދޭހަވާ ގޮތަށް، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ވާހަކަ ދެއްކި މައްސަލަ ހޫނުވެއްޖެ އެވެ. 

 އިޒްރޭލަށް ތާއީދުކުރާ ހަކަބީ މި ވާހަކަ ދެއްކެވީ ކަނާތު ފިޔައިގެ ކޮމެންޓޭޓަރު އަދި އިޒްރޭލަށް ފާޑުކިޔާ ޓަކާ ކާލްސަންގެ ޕޮޑްކާސްޓްގަ އެވެ.

ހުކުރު ދުވަހު ނެރުނު އެޕިސޯޑެއްގައި ކާލްސަން ވަނީ މިސްރުގެ ނީލަ ކޯރާއި ސީރިއާ އާއި އިރާގުގެ ފުރާތު ކޯރާއި ދެމެދުގައިވާ ބިމުގެ މައްޗަށް އިޒްރޭލަށް ހައްގު ލިބިގެންވާ ކަމަށް ބުނެ ބައިބަލްގައި އޮންނަ އާޔަތެއްގެ މާނައާ މެދު ހަކަބީ ދެކޭ ގޮތް ހާމަކުރުމަށް އެދިފަ އެވެ.

ރައްދުގައި ހަކަބީ ބުނީ "އެ ސަރަހައްދު [އިޒްރޭލުން] ނެގިޔަސް އެއީ މައްސަލައެއް ނޫން" ކަމަށެވެ. 

އެކަމަކު ހަކަބީގެ ވާހަކައަށް ކާލްސަން ޖަދަލުކުރުމުން ހަކަބީ ވަނީ "މި ބުނަނީ އިޒްރޭލުން އެތަން ހިފާށޭ" ނޫން ކަމަށް ބުނެފަ އެވެ. 

މި ވާހަކަތަކާ ގުޅިގެން އަރަބި އެތައް ގައުމަކުން ވަނީ ހަކަބީގެ ހަރުކަށި ބަސްމަގު ކުށްވެރިކޮށްފަ އެވެ. 

ސައޫދީ އަރަބިއްޔާއިން ބުނީ ހަކަބީގެ ވާހަކަތަކަކީ ހަގީގަތަށް ނުބަލައި ދެއްކި ޒިންމާދާރުކަމެއް ނެތް ވާހަކަތަކެއް ކަމަށެވެ. އުރުދުން އިން ބުނި ގޮތުގައި އެއީ އެ ސަރަހައްދުގެ ގައުމުތަކުގެ ސިޔާދަތަށް ދިން ހަމަލާއެކެވެ. 

ކުވައިތުން ބުނީ ހަކަބީ ވާހަކަ ދެއްކީ ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނުތަކާ ވެސް ހިލާފަށް ކަމަށެވެ. އޮމާނުން ވަނީ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އެ ވާހަކަތަކުގެ ސަަބަބުން ނުރައްކާވާނެ ކަމަށް ބުނެފަ އެވެ. 

މިސްރުގެ ފޮރިން މިިނިސްޓްރީން ބުނީ ފަލަސްތީނުގެ ބިންތަކުގެ މައްޗަށް އަދި އަރަބި އެހެން ގައުމެއްގެ މައްޗަށް ވެސް އިޒްރޭލުގެ ސިޔާދަތީ ބާރެއް ނޯންނާނެ ކަމަށެވެ. 

ފަލަސްތީނު ސަރުކާރުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިޒްރޭލުން ހުޅަނގު އައްސޭރި ހިފުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްކެވި ވާހަކަޔާ ހަަކަބީގެ ވާހަކައާ ފުށުއަރާ ކަމަށެވެ. 

ހޮނިހިރު ދުވަހު ހަކަބީ ވަނީ އޭނާ ދެއްކި ވާހަކަ ތަފްސީލްކޮށްދޭން އެކްސްގައި ދެ ޕޯސްޓެއް ކޮށްފަ އެވެ. އެކަމަކު ފާޑުކިޔުން އަމާޒުވި ވާހަކަށް ސީދާ ރައްދު ދީފައެއް ނުވެ އެވެ. 

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާމިރު އޮހާނާ ވަނީ ހަކަބީ އިޒްރޭލަށް ކުރާ ތާއީދަށް ތައުރީފްކޮށް އަދި ކާލްސަން މަސައްކަތްކުރަނީ އޮޅުވާލަން ކަމަށް ބުނެފަ އެވެ.

ހިޓްލަރަށް ތާއީދުކުރާ އަދި ހޮލޮކާސްޓަކީ ވެސް ހަގީގަތެއް ނޫން ކަމަށް ބުނާ ނިކް ފުއެންޓެސްއަށް ދިން އިންޓަވިއުއެއްގެ މައްސަލާގައި ކާލްސަން އަށް ވަނީ އޭނާ އަކީ ޔަހޫދީންނާ މެދު ނަފްރަތު އުފައްދަން އުޅޭ މީހެއް ކަމުގެ ތުހުމަތު ވެސް ކޮށްފަ އެވެ.