މިސްރުގެ ނީލަ ކޯރާއި ސީރިއާ އާއި އިރާގުގެ ފުރާތު ކޯރާ ދެމެދުގައިވާ ހުރިހާ ބިމެއް ދީނީ ގޮތުން އިޒްރޭލަށް ހައްގުވާ ކަމަށާއި އެ ބިންތައް އިޒްރޭލުން ހިފިޔަސް އެއީ މައްސަލައެއް ނޫން ކަމަށް، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ބުނި މައްސަލަ އަރަބި އަދި އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި އެވެ. 

ސައޫދީ އަރަބިއްޔާ، އުރުދުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، އިންޑޮނީޝިއާ، ޕާކިސްތާން، މިސްރު، ތުރުކީ، ސީރިޔާ، ފަލަސްތީން، ކުވައިތު، ލުބްނާން، އޮމާން އަދި ބަހްރެއިންގެ އިތުރުން ލީގް އޮފް އަރަބް ސްޓޭޓްސް (އެލްއޭއެސް) އިން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އިތުރުން އަރަބި ގައުމުތަކުގެ ކޮންޓްރޯލް ވެސް އިޒްރޭލަށް ލިބިގެންވާ ކަމަށް ސަފީރު ބުނެފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ. 

މިފަދަ ނުރައްކާތެރި އަދި މީހުންގެ ރުޅިވެރިކަން އިތުރުވާނެ ވާހަކަތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރާ ކަނޑައެޅިގެން ހިލާފު އަދި ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ. 

ހަކަބީ ދެއްކި ވާހަކަ އަކީ ޣައްޒާގެ ހަމަލާތައް ހުއްޓުވައި ސުލްހަ ގާއިމުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ތަސައްވުރާއި ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތާ ސީދާ ފުށުއަރާ ވާހަކަތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"... ފަލަސްތީނުގެ ބިންތަކާއި އެނޫންވެސް އަރަބި ބިންތަކުގެ މައްޗަށް އިޒްރޭލަށް އެއްވެސް ބާރެއް ނޯންނާނެ،" ބަޔާނުގައިވެ އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ޣައްޒާ ހިފަން ކުރަމުންދާ މަސައްކަތްތާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރުމަކީ އަރަބި ގައުމުތަކުގެ އިސްތިގްލާލަށް ބުރޫއަރައި ސަރަހައްދުގެ ސަލާމަތަށް ނުރައްކަލަކަށް ވާނެ ކަމަށް ވެސް އަރަބި އަދި އިސްލާމީ ގައުމުތަކުގެ ފޮރިން މިނިސްޓްރީތަކުން ނެރުނު މި ބަޔާނުގައިވެ އެވެ. 

 ކަނާތު ފިޔައިގެ ކޮމެންޓޭޓަރު އަދި އިޒްރޭލަށް ފާޑުކިޔާ ޓަކާ ކާލްސަންގެ ޕޮޑްކާސްޓްގައި ހަކަބީ ދެއްކި ވާހަކަތަކަށް އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އާމިރު އޮހާނާ ވަނީ ހަކަބީ އިޒްރޭލަށް ކުރާ ތާއީދަށް ތައުރީފްކޮށްފަ އެވެ.