ޓެރަރިޒަމަށް އެހީވާ ކަމަށް ތުހުމަތުކޮށް ޓެލެގްރާމްގެ ފައުންޑަރު ޕަވެލް ޑުރޯވްއާ ދެކޮޅަށް ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ތަހުގީގެއް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރަޝިއާގެ އެންމެ މަގުބޫލު މެސެޖިން ދެ އެޕް ކަމަށްވާ ޓެލެގްރާމާއި ވަޓްސްއެޕް އެ ގައުމުގައި މިހާރު ވަނީ މަނާކޮށްފަ އެވެ. އަދި އެ ވަސީލަތްތަކުގެ ބަދަލުގައި ސަރުކާރުން ހަދާފައިވާ "މެކްސް" ކިޔާ އެޕެއް ބޭނުންކުރުމަށް ގެންދަނީ ބާރުއަޅަމުންނެވެ.
"ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތުގައި ރަޝިއާއިން އަޅުގަނޑާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ވަނީ ފަށާފައި،" ރަޝިއާ އާއި ފްރާންސްގެ ރަށްވެހިކަން އޮންނަ، އަދި ރަޝިޔާއިން ބޭރުގައި އުޅުއްވާ ޑުރޯވް ޓެލެގްރާމްގައި ލިޔުއްވާފައިވެ އެވެ.
"ޕްރައިވެސީ އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރަޝިޔާ ރައްޔިތުންނަށް ހަނިކުރަމުން ގެންދާއިރު ކޮންމެ ދުވަހު ދަނީ ޓެލެގްރާމް ބޭނުންކުރިޔަ ނުދޭން އިތުރު އުޒުރުތައް އުފައްދަމުން."
ޓެލެގްރާމް ބްލޮކްކުރުމަށް ރަޝިޔާއިން މަސައްކަތްކުރާތާ އެތައް އަހަރެއް ވެފައި ވާއިރު ސަރުކާރުން ޑުރޯވަށް ޕްރެޝަރުކުރަމުން ގެންދަނީ އެފްއެސްބީ ސެކިއުރިޓީ ސާވިސްއަށް އެ އެޕްލިކޭޝަންގެ ބެކް-ޑޯ އެކްސެސް ދީ، އެޕް ބޭނުންކުރާ މީހުންގެ ޑޭޓާ ބެލޭނެ ގޮތް ހަދައިދިނުމަށެވެ.
އެފްއެސްބީގެ މައުލޫމާތާ ހަވާލާދީ އަންގާރަ ދުވަހު ރަޝިޔާގެ ދައުލަތުގެ ބައެއް މީޑިއާތަކުން ވަނީ މީހުން މެރުމަށް ޓެލެގްރާމް ބޭނުންކޮށްގެން ހިންގާފައިވާ ޖަރީމާތަކުގެ މައްސަލަ ބެލުމުގައި ޑުރޯވް އެއްބާރުލުން ދީފައިނުވާ ކަމަށް ބުނެ އާޓިލްތައް ލިޔެފަ އެވެ.
މިފަދަ ކަންކަމާ ގުޅުވައި ޑުރޯވްގެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް މިކަމާ ބެހޭ ގޮތުން ރަޝިޔާގެ ކަމާބެހޭ އިދާރާތަކުން އަދި ވާހަކައެއް ނުދައްކަ އެވެ.
ރަޝިޔާގައި ޓެލެގްރާމާއި ވަޓްސްއެޕް މަނާކުރުމަށް ފަހު ބޭނުންކުރަން އަންގާފައިވާ "މެކްސް" އަކީ ވަޓްސްއެޕާއި ޓެލެގްރާމް ގޮތަށް، މުއާލާތުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން ޑިވައިސްގައި އޭގެ ޑޭޓާ އެންކްރިޕްޓްވެފައި ހުންނަ އެޕްލިކޭޝަނެއް ނޫނެވެ. ވަޓްސްއެޕާއި ޓެލެގްރާމުން ގައުމުތަކުގެ ސަރުކާރުތަކަށް، އެ ބޭނުންކުރާ މީހުންގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ޔަގީންކަން ދޭއިރު މެކްސް އިން ފާޅުގައި ބުނަނީ ސަރުކާރުން އެދެފި ނަމަ ޑޭޓާ ހިއްސާކުރާނެ ކަމަށެވެ.