ޓެލެގްރާމަށް ރަޝިއާ އިން އަލުން ހުއްދަ ދީފި

މަނާކޮށްފައި އޮންތަނާ ދެ އަހަރު ފަހުން ޓެލެގްރާމް ބޭނުން ކުރުމުގެ ހުއްދަ ރަޝިއާ އިން ދީފި އެވެ.


މީޑިއާތަކުން ބުނިގޮތުގައި އަބަދު ވެސް އިންޓަނެޓާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރުމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ރަޝިއާ އިން ޕްރައިވެޓް މެސިޖިން އެޕެއްގެ ގޮތުގައި މަޝްހޫރު ޓެލެގްރާމް ބޭނުންކުރުމުގެ ހުއްދަ އަލުން ސަރުކާރުން ދިނީ އެ ޕްލެޓްފޯމަށް ރަޝިއާ އިން ބޭނުންވާ ކަހަލަ ބައެއް ބަދަލުތަލެއް ގެންނަން އެއްބަސްވުމާ ގުޅިގެންނެވެ.

ޓެލެގްރާމް ރަޝިއާގައި ބޭނުންކުރުން މަނާކޮށް، އެ އެޕް ބްލޮކްކުރީ 2018 ގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން، ޓެލެގްރާމް މެދުވެރިކޮށް ބަދަލުކުރެވޭ މުއާމަލާތްތައް ބެލޭނެ ގޮތެއް ހަދައިދިނުމަށް ޓެލެގްރާމްގެ ކިބައިން ރަޝިއާ އިން އެދުމުން، "އެންކްރީޕްޓްކޮށްފައި" ހުންނަ މެސެޖްތައް ކިޔުމަކީ އެ ކުންފުންޏަށް ވެސް ކުރެވޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ރަސްމީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް ޓެލެގްރާމަށް ދިން މުއްދަތުގެ ތެރޭގައި އެއްބާރުލުން ދީފައި ނުވާތީ ޓެލެގްރާމް ބޭނުންކުރުން ކޯޓުން އަމުރުކުރީ އެވެ.

ޓެލެގްރާމް ރަޝިއާ އިން ބްލޮކްކުރުމުން އެ ގައުމުގައި އެކަމާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައިވެ އެވެ.

ޓެލެގްރާމް ރަޝިއާގައި ބްލޮކްކުރި ނަމަވެސް ވީޕީއެން ސޮފްޓްވެއާތައް މެދުވެރިކޮށް ގިނަ ބަޔަކު ދިޔައީ އެ އެޕް ބޭނުން ވެސްކުރަމުންނެވެ.

ރަޝިއާގެ ސަރުކާރުން ބުނިގޮތުގަައި ދެ އަހަރެއްހާ ދުވަސް ފަހުން ޓެލެގްރާމުން އަލުން ހުއްދަ ދޭން ނިންމި މައިގަނޑު ސަބަބަކީ ކައުންޓަ ޓެރަރިޒަމާއި ހަރުކަށި ފިކުރުތަކާ ދެކޮޅަށް ރަޝިއާ ބޭނުންވާ އެއްބާރުލުން އެ ޕްލެޓްފޯމުން ދޭން އެއްބަސްވުމުންނެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހެޑްކުއާޓަރު ހުންނަ ޓެލެގްރާމަކީ 2013 ގައި ވުޖޫދަށް އައި ހިދުމަތެކެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު މިހާރު 400 މިލިއަނަށް އަރަ އެވެ.

ދާދި ފަހުން ޓެލެގްރާމުން ވަނީ މި އަހަރުގެ ތެރޭގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ގްރޫޕް ވީޑިއޯ ކޯލް ކުރެވޭނެ ގޮތް ތައާރަފުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.