ސްރީ ލަންކާގައި އޮންލައިން ޕިރަމިޑް ސްކީމް ހިންގަމުން ދިޔަ ޗައިނާގެ 16 މީހަކު ސްރީ ލަންކާގެ ސިނަމަން ގާޑެންސް ޕޮލިހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ވިސާގެ އުސޫލުތަކާ ހިލާފަށް ލަންކާގައި އުޅެމުން ދިޔަ މި މީހުންގެ އަތުން 23 ލެޕްޓޮޕާއި 11 މޮބައިލް ފޯނާއި ހަތް ރައުޓަރާއި ބަސް ތަރުޖަމާކުރުމަށް ބޭނުންކުރާ ނުވަ ޑިވައިސް ފެނިފައިވެ އެވެ.
ފުލުުހުން ބުނި ގޮތުގައި މި މީހުން ހައްޔަރުކުރުމުގެ ފަސް ދުވަސް ކުރިން ވަނީ އާންމުކޮށް އެ މީހުން ތިބޭ ތަން ދޫކޮށް އެހެން ގެޔަކަށް ބަދަލުވެފަ އެވެ.
އެ ގެ ރެއިޑްކުރި އިރު ޑިއުޓީ ފްރީން ގަނެފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓް ވެސް ފެނިފައިވާ ކަމަށާއި އޭގެ އިތުރުން، ޕިރަމިޑް ސްކީމް ހިންގުމުގެ އޮޕަރޭޝަންގައި ބޭނުންކުރާ ކަމަށް ބެލެވޭ ލެޕްޓޮޕްތަކާއި އެހެން ބައެއް ސާމާނު ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުުހުން ބުނީ މި މީހުން ޕިރަމިޑް ސްކީމް ހިންގައިގެން ފައިސާ ހޯދައި އެތައް ބަޔަކަށް މަކަރާއި ހީލަތް ހަދައި ފައިސާ ނަގަމުން ދިޔައީ އެހެން ބައެއް ގައުމުތަކުގެ މީހުންނާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ އުމުރު އުޅެނީ 23-40 އަހަރާ ދެމެދުގައި ކަމަށާއި ބަންދުގެ މުއްދަތަށް މި މީހުން ކޯޓަށް ހާޒިރުކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.