އިންޑިއާގެ ކެރަލާގެ ނަން "ކެރަޅަމް" އަށް ބަދަލުކުރުމަށް އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުން މީގެ ދެ އަހަރު ކުރިން ފާސްކުރި ގަރާރަށް އިއްޔެ ކެބިނެޓުން ރުހުން ދީފި އެވެ.
ނަން ބަދަލުކުރުމުގެ ގަރާރަށް އަމަލުކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މައި ސަރުކާރުން ނިންމާފައި މި ވަނީ މި އަހަރު ކެރަލާގައި އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
މޯދީ ވަނީ މި ބަދަލަކީ ގައުމުގެ ތާރީހާއި ސަގާފަތް ދިރުވުމުގައި މައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް ސިފަކުރައްވައިފަ އެވެ.
"ކެރަލާގެ ނަން ކެރަޅަމް އަށް ބަދަލުކުރުމަށް ޔުނިއަން ކެބިނެޓުން ފާސްކުރުމުން ދައްކުވައިދެނީ ރައްޔިތުން އެދުމާ އެއްގޮތަށް ކަން ކުރާނެކަން،" މޯދީ ވިދާޅުވި އެވެ.
ނަން ބަދަލުކުރުމުގެ ގަރާރުގައި ބުނެފައިވާ ގޮތުގައި "ކެރަޅަމް" އަކީ މަލަޔާލަމް ބަހުން އެ ސްޓޭޓަށް ކިޔާ ނަމެވެ. އަދި އެ ބަހުގެ މައްޗަށް ބިނާކޮށް އެ ސްޓޭޓް ނޮވެމްބަރު 1، 1956 ގައި އުފެދުނުކަން ފާހަގަކޮށްފައިވެ އެވެ.
ކެލަޅަމް އަކީ ބަހުގެ ގޮތުން ނަން އޮންނަންޖެހޭނެ ގޮތް ކަމަށް ވިޔަސް ގާނޫނުއަސާސީ ހެދި އިރު ނަން ލިޔެފައިވަނީ "ކެރަލާ" ގެ ގޮތުގައި ކަމަށާއި އެހެންވެ ނަން ބަދަލުކުރުމަށް މައި ސަރުކާރުގައި ވަނީ އެދިފަ އެވެ. މިނިވަންކަމަށް ކުރި މަސައްކަތް ކުރި ހިސާބުން ފެށިގެން މަލަޔާލަމް ބަހުން ވާހަކަ ދައްކާ މީހުންގެ "އެކުވެރި ސްޓޭޓެއް" ގޮތުގައި ބޭއްވުމަކީ ގިނަ ބަޔަކު އެދެމުން އައި ގޮތް ކަމަށާއި އެހެންވެ އެ ބަހުން ސްޓޭޓުގެ ނަން އޮންނަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ބަދަލާ ބެހޭ ގޮތުން ކެރަލާ ހައި ކޯޓުން ބުނީ ކޯޓުގެ ނަން އެ ކޯޓުގެ ނަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އެ ކޯޓުން ބުނީ އިނގިރޭސި ނަމަކީ "ހައި ކޯޓް އޮފް ކެރެލާ" ކަމަށާއި މަލަޔާލަމް ބަހުން ވެސް އެ ކޯޓަށް ކިޔަނީ "ކެރެލާ ހައި ކޯޓު" ކަމަށެވެ. ނަމަވެސް އިނގިރޭސި ނަން "ހައި ކޯޓް އޮފް ކެރެލަމް" އަށް ބަދަލުކުރަން ބޭނުން ނަމަ ޕާލަމެންޓުން ގާނޫނެއް ފާސްކުރަން ޖެހޭނެ ކަމަށް ބުންޏެވެ.