އޮންލައިންކޮށް ގަތް، ހަންގަނޑު އަލިކުރާ ކްރީމެއް ބޭނުންކުރުމުގެ ސަބަބުން އިންޑިއާގެ ކެރަލާގެ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެއްގެ ކިޑްނީއަށް ސީރިއަސް ގެއްލުންތަކެއް ވެއްޖެ އެވެ.
އިންޑިއާގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކެރަލާގެ މަލައްޕޫރަމްއަށް ނިސްބަތްވާ އެ ކުއްޖާއަށް ޖެހުނީ ފުރާނައަށް ނުރައްކާވާ ފަދަ ކިޑްނީގެ ބައްޔެއް ކަމަށްވާ "މެމްބްރޭނަސް ނެފްރޮޕަތީ" އެވެ.
ގާތްގަނޑަކަށް އެއް އަހަރު ވަންދެން އެ ކުއްޖާ ބޭނުންކުރި އެ ކްރީމް ލެބޯޓްރީން ޓެސްޓްކުރި އިރު، ހުއްދަ ދީފައިވާ މިންވަރަށް ވުރެ 12،500 ގުނަ އިތުރަށް އޭގައި މާކިއުރީ ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "އެފް-ޓިއުން" ގެ ނަމުގައި ވިއްކާ މި ކްރީމް އެ ކުއްޖާ ގަނެފައިވަނީ ސޯޝަލް މީޑިއާގައި އިންފްލުއެންސަރުން ކުރި އިޝްތިހާރުތައް ފެނިގެން ވަޓްސްއެޕް މެދުވެރިކޮށެވެ. މޫނުގައި ނަގާ ބިއްސާއި ލައްތައް ފިލުވައިދޭ އެއްޗެއްގެ ގޮތުގައި އިޝްތިހާރުކުރި އެ ކްރީމްގެ ބޭރުގައި ރީނދޫ ފަދަ ގުދުރަތީ ބާވަތްތައް ހިމެނޭ ކަމަށް ލިޔެފައި ވީ ނަމަވެސް، އުފެއްދި ފަރާތާއި ހުއްދައިގެ އެއްވެސް މައުލޫމާތެއް އެޔަކު ނެތެވެ.
ހަމުގެ ތެރެއިން ގިނަ ދުވަސްތަކެއް ވަންދެން ހަށިގަނޑަށް މާކިއުރީ އެތެރެވުމުގެ ސަބަބުން ކިޑްނީގެ ފިލްޓަރުތަކަށް ގެއްލުންވެ، ކުޑަކަމުދާ ތަކެއްޗާ އެކު ގިނަ އަދަދަކަށް ޕްރޮޓީން ބޭރުވާން ފެށީ އެވެ. އަދި ފައި ދުޅަވެ، ހިނގާބިނގާވެ އުޅުމަށް ދަތިވެ، ލޭގެ ޕްރެޝަރު ދަށްވެގެން ހޭނެތޭ ގޮތް ވުމުން އޭނާއަށް ފަރުވާ ދީފައިވަނީ އެސްޓާ މިމްސް މަދާ ހޮސްޕިޓަލުގަ އެވެ. މިހާރު އެ ކުއްޖާ ވަނީ ނުރައްކާތެރި ހާލަތުން އަރައިގެންފަ އެވެ.
މި މައްސަލައާ ގުޅިގެން ކެރަލާ ފުލުހުން ވަނީ އެ ކްރީމް އުފެއްދި ފަރާތާއި ވިއްކި ފަރާތާ ދެކޮޅަށް މައްސަލަ ރަޖިސްޓްރީކޮށް ތަހުގީގު ފަށައިފަ އެވެ. އަދި ކެރަލާ ސްޓޭޓް ކޮމިޝަން ފޯ ޕްރޮޓެކްޝަން އޮފް ޗައިލްޑް ރައިޓްސް އިން ވެސް މި މައްސަލަ ބަލަމުން އަންނަ އިރު، ސިއްހީ އިދާރާތަކުން ވަނީ ސޯޝަލް މީޑިއާގައި ހުއްދަ ނެތި ވިއްކާ މިފަދަ ކޮސްމެޓިކްސްތައް ހުއްޓުވުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.
ހަން އަލިކުރާ ބައެއް ކްރީމްތަކުގައި ގަވާއިދާ ހިލާފަށް މާކިއުރީ ބޭނުންކުރަނީ ހަމުގައި ކުލަ އުފައްދާ މާއްދާ ކަމަށްވާ މެލަނިން އުފެދުން ހުއްޓުވުމަށެވެ. ނަމަވެސް މާކިއުރީއަކީ ހަށިގަނޑަށް ނުހަނު ވިހަ ގަދަ މާއްދާއަކަށް ވާއިރު، އޭގެ ސަބަބުން ކިޑްނީ ހަލާކުވުމުގެ އިތުރުން ހަމުގައި ލައް ޖެހުމާއި ނާރުތަކުގެ މައްސަލަތައް ވެސް ކުރިމަތިވެ އެވެ.