އިންޑިއާގައި އެންމެ ފަހުން ބޭއްވި ސަރަހައްދީ އިންތިހާބުގައި ކެރެލާ ސްޓޭޓުން ވާތުފިޔައިގެ ވެރިކަން ނިމުމަކަށް އަތުވެއްޖެ އެވެ. މިއާ އެކު ބައި ގަރުނު ފަހުން އިންޑިއާގައި މިހާރު ވާތުފިޔައިގެ (ލެފްޓް-ވިންގް) އެއްވެސް ސަރުކާރެއް ނޯންނާނެ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުކުރި ފުރަތަމަ ކޮމިއުނިސްޓް ސަރުކާރު އުފެދުނު ކެރެލާގައި މިހާރު ވެރިކަން ކުރަމުން އަންނަ ލެފްޓް ޑިމޮކްރެޓިކް ފްރަންޓް (އެލްޑީއެފް) ވަނީ ބަލިވެފަ އެވެ. އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީން އިސްވެ އޮތް ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް (ޔޫޑީއެފް) އިން ވަނީ 140 ގޮނޑީގެ މައްޗަށް އެކުލެވޭ ލެޖިސްލޭޓިވް އެސެމްބްލީގެ 98 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި ވާތުފިޔައިގެ ޕާޓީތައް އެކުވެގެން އުފައްދާފައިވާ އެލްޑީއެފް އަށް ލިބިފައިވަނީ 35 ގޮނޑި އެވެ.
އިންޑިއާގައި 1977 ވަނަ އަހަރުން ފެށިގެން، ކޮންމެވެސް އެއް ސްޓޭޓެއްގައި ވާތު ފިޔައިގެ ޕާޓީއަކުން އަބަދުވެސް ވެރިކަން ކުރަމުން އައި ނަމަވެސް، މިހާރު އެކަން ވަނީ ބަދަލުވެފަ އެވެ.
"މި އަހަރުގެ އިންތިހާބުގެ ނަތީޖާތަކުން ދައްކާގޮތުގައި، ތާރީހުގައި ފުރަތަމަ ފަހަރަށް ވާތު ފިޔައިގެ ފަރާތްތަކަށް އެއްވެސް ސްޓޭޓެއްގައި ވެރިކަމަކަށް ނާދެވޭނެ،" ސެންޓަ ފޯ ޕޮލިސީ ރިސާޗް (ސީޕީއާރު) ގެ ސިޔާސީ މާހިރެއް ކަމަށްވާ ރާހުލް ވަރްމާ އަލްޖަޒީރާއަށް ވިދާޅުވި އެވެ.
މީގެ ކުރިން، ވެސްޓް ބެންގާލްގައި 1977 އިން 2011 އަށް ވާތު ފިޔައިގެ ލެފްޓް ފްރަންޓުން ވެރިކަންކޮށްފައިވެ އެވެ. އަދި ޓްރިޕޫރާގައި 1993 އިން 2018 އަށް ވެރިކަންކުރި ނަމަވެސް، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީން އެ ސްޓޭޓު ކާމިޔާބުކުރި އެވެ. ކެރެލާގައި އެލްޑީއެފް އާއި ޔޫޑީއެފް އިން ދިޔައީ އެކި ފަހަރު ވެރިކަން ކުރަމުންނެވެ. ނަމަވެސް، ގައުމީ ފެންވަރުގައި ވާތު ފިޔައިގެ މަގުބޫލުކަން ދަށްވަމުން ގޮސް، 2004 ވަނަ އަހަރުގެ އިންތިހާބުގައި ލިބުނު 62 ގޮނޑިން، މިހާރު ވަނީ އެންމެ 8 ގޮނޑިއަށް މަދުވެފަ އެވެ.
ދިއްލީގެ ޖަވާހަރްލާލް ނެހްރޫ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ރަޖަރްޝީ ދަސްގުޕްތާ ވިދާޅުވީ، ވާތު ފިޔައިގެ ބާރު އޮތީ ވަރަށް މަދު ސަރަހައްދުތަކެއްގައި ކަމަށެވެ. އަދި ހިންދީ ބަހުން ވާހަކަދައްކާ ސަރަހައްދުތަކުގައި ވެސް އެ މީހުންގެ ނުފޫޒު އޮތީ ހަމައެކަނި ސިނާއީ ސަރަހައްދުތަކުގައި ކަމަށާއި، ޓްރޭޑް ޔޫނިއަންތަކުގެ ބާރު ދަށްވުމާ އެކު އެ އަސަރު ކުޑަވެގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އެ މީހުންގެ ފަރާތުން ދަރިކޮޅުތަކުގެ އަދި ޖިންސުގެ ތަފާތުކުރުމުގެ މައްސަލަތަކަށް ހައްލު ހޯދައިދެވިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.