އަފްޣާނިސްތާނުން ރޭ ޕާކިސްތާނަށް ހަަމަލާ ދިނުމާ އެކު ޕާކިސްތާނުން ހަނގުރާމަ އިއުލާނުކޮށް އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް ހިމެނޭ ގޮތަށް ބޮޑެތި ސިޓީތަކަށް ބޮން އަޅައިފި އެވެ. 

ކާބުލް އާއި ކަންދަހާރުގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނީ ފަތިސް ވަންދެން އެކި ހިސާބުތަކަށް ޕާކިސްތާނުގެ ޖެޓްތަކުން ހަަމަލާދޭ އަޑު އިވުނު ކަމަށެވެ. އަދި ތާލިބާނުންގެ މައި މަރުކަޒެއްގެ ގޮތުގައި ބަލަމުން އަންނަ ދެކުނުގެ ސަރަހައްދަށް ވެސް ވަރުގަދައަށް ހަމަލާ ދިން ކަމަށް ބުންޏެވެ. 

އަފްޣާނިސްތާނުގެ ސުޕްރީމް ލީޑަރު ހިބަތުالله އަޚުންދްޒާދާ ދިރިއުޅުއްވާ އަފްޣާނިސްތާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކަންދަހާރުގައި ހުންނަ އޭއެފްޕީގެ ނޫސްވެރިއަކު ބުނި ގޮތުގައި އެ ހިސާބުން ވެސް ޖެޓްތަކުގެ އަޑު އިވިފައިވާ ކަމަށެވެ.

ރޯދަ މަހު ހުކުރު ދުވަސް ކަމަށް ވާއިރު މިއަދު ހެނދުނު މުޅި ކާބުލް އޮތީ ހަމަލާތަކަށް ފަހު އިތުރަށް ހިމޭންވެފައި ކަމަށް އޭއެފްޕީގެ ނޫސްވެރިން ބުންޏެވެ. ހަމަލާތަކަށް ފަހު ވެސް މަގުމައްޗަށް ސިފައިން އިތުރު ނުކުރާ ކަމަށާއި ޗެކްޕޮއިންޓްތައް ވެސް ގިނަ ނުކުރާ ކަމަށް ބުންޏެވެ. 

ތާލިބާން ސަރުކާރުން ވަނީ ޕާކިސްތާނުން ވައިގެ ހަމަލާތައް ދިންކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު ބުނީ އެއްވެސް މީހަކު މަރުނުވާ ކަމަށެވެ. 

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އަލުން އައި ފަހުން ޕާކިސްތާނާ ގުޅުން ގޯސްވެފައި އޮތުމަށް ފަހު އިތުރަށް ގޯސްވީ މިދިޔަ އޮކްޓޫބަރު މަހު ދެ ގައުމުން ބޯޑަރު ސަރަހައްދުގައި އެއްބަޔަކު އަނެއް ބަޔަކަށް ދިން ހަމަލާތަކުގައި 70 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއަށް ފަހުގަ އެވެ. 

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުގެ ހަނގުރާމަވެރިން ޕާކިސްތާނަށް ދޭ ހަމަލާތައް ހުއްޓުވަން ތާލިބާން ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ތާލިބާނުން މި ތުހުމަތަށް އިންކާރުކުރެ އެވެ. 

އަފްޣާނިސްތާނުގެ ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަމަށް އަލުން އައުމަށް ފަހު ޕާކިސްތާނުގައި ހަމަލާތައް އިތުރުވެފައި ވާއިރު ގިނަ ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ ތާލިބާން ޖަމާއަތެއް ކަމަށްވާ ތެހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އިންނެވެ.

"ކާބުލް، ޕަކްޓިއާ އަދި ކަންދަހާރުގައި ހުރި އަފްޣާނިސްތާނުގެ ތާލިބާނުންގެ ދިފާއީ މަގާމުތަކަށް އަމާޒުކޮށް ވާނީ ހަމަލާ ދީފައި،" ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުالله ތާރާރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

"އަހަރެމެންގެ ކެތްތެރިކަން ކޮޅުންލައިފި. މިހާރު މިއީ ހުޅުވިފައިވާ ހަނގުރާމައެއް."

އަލުން ހަަމަލާތައް ފަށާފައި ވާއިރު މިއީ މިދިޔަ އަހަރު ގަތަރާއި ތުރުކީ މެދުވެރިންގެ ދައުރު އަދާކޮށްގެން ދެ ގައުމު ސުލްހަކުރި ފަހުން ހާލަތު އެންމެ ގޯސްވި ފަހަރެވެ. އެފަހަރު ބޭއްވި ސުލްހައިގެ ވާހަކަތަކުން ވެސް ދާއިމީ ސުލްހައެއް ގާއިމުވާނެ އެއްބަސްވުމަކަށް ނާދެވެ އެވެ. 

ސައޫދީ އަރަބިއްޔާ އިން މި މަހު ވެސް ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ގުޅުން ހީނަރުވެ ހަމަލާ ބަދަލުކޮށް އަފްޣާނިސްތާނުން ޕާކިސްތާނުގެ ސިފައިންގެ ބަޔަކު ހިފެހެއްޓުމުން މަޝްވަރާއަށް ގެންގޮސް އެ މީހުން މިނިވަންކޮށްފަ އެވެ. 

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ވަނީ ރޭގެ ހަމަލާތަކަށް ފަހު ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރްއާ ވާހަކަ ދައްކަވާފައި ކަމަށް ސައޫދީން ނެރުނު ބަޔާނެއްގައި ބުންޏެވެ. އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އޮންނަ އިރުމަތީ ބޯޑަރު ހިއްސާކުރާ އީރާނުން ވެސް ވަނީ އެ މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.